ނުރައްކާތެރި ޙާދިސާއަކުން ބޯޓު ސަލާމަތްވީ ހަނި ގޮތަކަށް

ނުރައްކާތެރި ޙާދިސާއަކުން، މަތިންދާބޯޓެއް ހަނި ގޮތަކަށް ސަލާމަތްވެއްޖެއެވެ. މޫސުން ގޯސްވުމުގެ ސަބަބުން ކުރިމަތިވި ޙާދިސާއަކުން ހަނި ގޮތަކަށް ސަލާމަތްވީ އިންޑިޔާގެ ޖައިޕޫރުން ފުރައިގެން އޮމާންގެ މަސްކަޓް އަށް ދަތުރުކުރަމުން ދިޔަ މަތިންދާބޯޓެކެވެ.

މިކަން ހިނގާ ދިޔަ ގޮތް، ކަމާ ބެހޭ ފަރާތްތަކުން މިހާރުވަނީ ހާމަކޮށްފައެވެ.

އެގޮތުން، ކަމާ ބެހޭ ފަރާތްތަކުން ބުނެފައިވަނީ ބޯޓު، ޖައިޕޫރުން ފުރައިގެން ދިޔައިރު، މޫސުން ގޯސްވީ ޕާކިސްތާނުގެ ވައިގެ ސަރަޙައްދުންކަމުގައެވެ. އެޤައުމުގެ ސިންދު ޕްރޮވިންސްގެ ދެކުނުގެ ހިސާބެއްގެ މަތިން ބޯޓު ދަތުރުކުރަމުން ދަނިކޮށް، ބޯޓަށް ވަދެވުނީ ވިދުވަރުތަކެއްގެ ތެރެއަށެވެ.

ގަދައަށް ވިދަމުން ދާތީ، ބޯޓަށް ނުރައްކާތެރި ޙާލަތެއް މެދުވެރިވެދާނެކަމަށް ވިސްނާ، ޕައިލެޓުން ވަނީ އެހީއަށް އެދި މެސެޖު ފޮނުވާފައެވެ. ދަތުރުކުރަމުން ދިޔަ އުސްމިން، އެތައް ތަނެއް ތިރިކޮށް ފޮނުވި "މޭޑޭ"ގެ މެސެޖު ލިބުނީ ޕާކިސްތާނުގެ އެއަރ ޓްރެފިކް ކޮންޓްރޯލަރުންނަށެވެ.

މިކަމަށް ޕާކިސްތާނުގެ އެއަރ ޓްރެފިކް ކޮންޓްރޯލަރުން ވަނީ އަވަސް ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން، ބާރު ބޮޑު އެއަރ ޓްރެފިކްގެ ތެރެއިން ހަނި ގޮތަކަށް، މި ބޯޓު ސަލާމަތްތެރިކަމާއެކު މަންޒިލަށް ވާސިލްވުމުގެ މަގު، އެފަރާތްތަކުން ވަނީ ދައްކާފައެވެ.

150 މީހުންނާއެކު ދަތުރުކުރަމުން ދިޔަ މި ބޯޓަކީ އިންޑިޔާގެ އެއަރލައިނެއްގެ ބޯޓެކެވެ. ފަސް މަސް ދުވަހުގެ ބަންދަކަށްފަހު، އިންޑިޔާގެ ބޯޓުތަކަށް ޕާކިސްތާނުގެ ވައިގެ ސަރަޙައްދު ހުޅުވާލާފައިވަނީ ޖުލައި މަހުއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ