ކުރީގެ ރައީސް ޔާމިންގެ މައްޗަށް ކުރެވިފައިވާ މަނީ ލޯންޑަރކުރި މައްސަލައިގައި، އެމަނިކުފާނު ވަނީ އިންސާފުން މަޙްރޫމް ކުރެވިފައިކަމަށް ޝަރީއަތުގެ މަޖިލީހުގައި އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
ޔާމީން މިހެން ވިދާލުވެފައިވަނީ މިއަދު ކުރިޔަށް ދިޔަ، އެމަނިކުފާނުގެ މައްޗަށް ކުރެވިފައިވާ މަނީލޯންޑަރގެ މައްސަލައިގެ ޝަރީއަތުގެ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޔާމީން ވިދާޅުވީ ޖިނާއީ އިޖްރާއަތުގެ ޤާނޫނާ ޚިލާފަށް މި މައްސަލައިގެ އެއްވެސް އަޑުއެހުމެއް ނެތި މައްސަލައާއި ގުޅުން ނެތް މައްސަލައެއްގައި އެމަނިކުފާނުގެ މައްޗަށް ޙުކުމެއްކޮށް ޖަލައްލާފައި ވާކަމަށާއި މި މައްސަލަ ފެށުނީއްސުރެ ވަނީ އިންސާފުން މަޙުރޫމް ކޮށްފައިކަމަށެވެ. "އަޅުގަނޑަކީ މި ކޯޓުން އިންސާފު ލިބިފައިވާ މީހެއްނޫން" ޔާމީން ވިދާޅުވިއެވެ.
ޔާމީން ވިދާޅުވީ އެއްވެސް ކަމެއް ސާބިތުނުވެ އެކަށީގެން ދަލީލެއްނެތި މިއޮތް ހުރިހާ ދުވަސް މިދަނީ އެމަނިކުފާނު އާމްދަނީ ހޯދުމަށް ކޮށްފައި ހުރި މަސައްކަތުން ލިބިފައިހުރި ހުރިލާ ލާރިއެއް ބޭންކްގައި ހުއްޓާ ފުރީޒްފައިކަމަށެވެ. އެގޮތުން އެއްފަހަރަށްވުރެ ގިނަ ފަހަރު މި ފައިސާ ވެސް ކްރިމިނަލް ކޯޓުން ފްރީޒް ކޮށްފައިވާކަމަށް ޔާމީން ވަނީ ވިދާޅުވެފައެވެ.
މި ދެކަމަކީ ނިހާޔަތަށް އަނިޔާ ދެވިފައިވާ ދެ މައްސަލަކަމަށާއި، އެހެން ކަމުން މިހާރު ކުރިޔަށް މިދާ މައްސަލާގައިވެސް މި މައްސަލަ ބައްލަވާ އިސް ގާޒީއާއި ދޭތެރޭ ހިތް ނުތަނަވަސްވާ ކަންތައްތަކެއް އެބަހުރިކަމަށް ޔާމީން ވަނީ ވިދާޅުވެފައެވެ. އަދި ކުރިޔަށް އޮތްތަނުގައި އިންސާފުލިބޭނެ ގޮތަކަށް މި މައްސަލަ ކުރިޔަށް ގެންގޮސް ދެއްވުމަށް ޔާމީން ވަނީ ފަނޑިޔާރުންގެ ބެންޗްގައި އެދިލައްވާފައެވެ.



