މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ އެތެރޭގެ އިންތިހާބުގެ ވޯޓުލުން މާދަމާ މެންދުރުފަހު ކުރިއަށް ދާނެ ކަމަށް އެޕާޓީން ބުނެފި އެވެ.
އެމްޑީޕީ ސެކްރެޓޭރިއޭޓުން މިއަދު ކޮށްފައިވާ ކޮމެންޓެއްގައި ބުނެފައިވަނީ މާދަމާ އޮންނަ އިންތިހާބުގެ ވޯޓުލުން ކުރިޔަށްދާނީ 14:00 އިން 18:00 އަށް ކަމަށެވެ. އެޕާޓީން ބުނެފައިވަނީ އައްޑޫ ސިޓީއަދި ފުވައްމުލައް ސިޓީގެ ވޯޓް ފޮށިތައް ބެހެއްޓިފައި ހުންނާނީ މާލެ އެމްޑީޕީގެ ހަރުގޭގައި ކަމަށާއި، އެހެން ހުރިހާ ވޯޓް ފޮށިތަކެއް ބެހެއްޓިފައި ހުންނާނީ އިސްކަންދަރު ސްކޫލްގައި ކަމަށެވެ.
މި އިންތިހާބުގައި އެމްޑީޕީއަށް ނިސްބަތްވާ ޖުމްލަ 87،439 މެންބަރުންނަށް ވޯޓު ލެވޭ އިރު މި އިންތިޚާބުގައި އެމްޑީޕީގެ ރައީސްކަމަށް ކުރިމަތިލާފައިވަނީ އެފާޓީގެ މިހާރުގެ ރައީސްގެ މަޤާމްވެސް ފުރުއްވަމުން ގެންދަވާ ކުރީގެ ރައީސް މުޙައްމަދު ނަޝީދެވެ. އަދި ނައިބުރައީސް ކަމަށް ދެ ބޭފުޅަކު ވާދަ ކުރައްވައެވެ. އެއީ އެޕާޓީގެ ނައިބުރައީސް މުހައްމަދު ޝިފާޒް އާއި އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އަދި ހިތަދޫ އުތުރު މެންބަރު މުހައްމަދު އަސްލަމެވެ.
މި އިންތިޚާބުގެ ވޮޓްލުން ރާއްޖޭގެ އެމްޑީޕީގެ ހަރުގެ ހުންނަ ހުރިހާ ރަށެއްގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖައްސާފައެވެ. މި އިންތިޚާބުގެ ވޯޓް ފޮށިތައް ހުންނާނެތަންތަން ކަމުގައި އެޕާޓީން ބުނެފައިވާ ތަންތަނަކީ:
- މާލޭގައި ހުންނަ އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީގެ ވޯޓު ފޮށިތައް: އެމްޑީޕީ ހަރުގެ
- މާލޭގައި ބަހައްޓާ އެހެން ހުރިހާ ވޯޓު ފޮށިތައް: އިސްކަންދަރު ސްކޫލު ހޯލު
- ހުޅުމާލޭ ވޯޓު ފޮށި: ޣާޒީ ސްކޫލު
- ވިލިމާލޭ ވޯޓު ފޮށި: ވިލިމާލޭ އެމްޑީޕީ ހަރުގެ
- ހުރިހާ ރަށެއްގެ ވޯޓު ފޮށި: އެރަށެއްގެ އެމްޑީޕީ ހަރުގ
- ސްރީ ލަންކާގެ ވޯޓު ފޮށި: ހަރިއޮޓް ވަޓް އެކަޑެމީ ނަންބަރު، 244/8 ބީ ހިލް ސްޓްރީޓް، ދެހިވަލާ
ޕާޓީގެ އެތެރޭގެ އިންތިޚާބުގެ ވޯޓްލުން މާދަމާ ކުރިޔަށްދާއިރު، އެ އިންތިޚާބުގައި ކެމްޕެއިން ކުރެއްވުމަށް ގިނަ ރަށްރަށަށް ޓީމްތަކުން ވަނީ ޒިޔާރާތްކޮށްފައެވެ. އެމްޑީޕީއަކީ މިހާރުވެރިކަންކުރާ ކޯލިޝަންގެ މައި ޕާޓީއެވެ.



