މިހާރު ކަންތައް ތަރުތީބު ވަމުންދާ ގޮތަށް ބަލާއިރު، ރައްޔިތުން ނޯށުން ރޯލަން ޖެހޭ ވަގުތާއި ކުރިމަތިވެފައިވާ ކަމަށް ޖަމިއްޔަތުލް ސަލަފުން ވިދާޅުވެއްޖެއެވެ.
ސަލަފް ޖަމިއްޔާއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެޖަމިއްޔާގެ މެންބަރު އައްޝައިހް އަބްދުއް ސަލާމް ވިދާޅުވީ، ސަލަފް ޖަމުޢިއްޔާ އުފެދުނީއްސުރެ އެޖަމުޢީއްޔާގެ މަޤްސަދަކީ ރައްޔިތުންނަށް ދީނީ ޚިދުމަތްތައް ފޯރުކޮށްދިނުންކަމަށާއި، ރައީސް މައުމޫން ވެރިކަން ކުރެއްވި ޒަމާނުން ފެށިގެން އެޖަމުޢިއްޔާއިން އެކަން އެގޮތަށް ކުރަމުން އަންނަކަމަށެވެ.
މީގެއިތުރުން ސަލާމް ވިދާޅުވީ، ސަލަފަކީ ރާއްޖޭގައި ކެނޑިނޭޅި 13 އަހަރު ވަންދެން މަސައްކަތްކުރައްވާފައިވާ ޖަމުޢިއްޔާއެއްކަމަށާއި، ރައީސް މައުމޫން ވެރިކަން ކުރެއްވި ޒަމާނުން ފެށިގެން ހިނގާދިޔަ ހުރިހާ ޒަމާނެއްގައި އިސްލާމީ މަރުކަޒުގައާއި އަދި އެނޫންވެސް މިސްކިތްތަކުގެ މެންބަރުތަކުންނާއި، ޓީވީ ތަކުން އަދި ރޭޑިއޯތަކުން ފަދަ ހުރިހާ ދާއިރާއަކުން ސަލަފުގެ ދަރުސްތައް ފާޅުކަން ބޮޑުގޮތެއްގައި ފެނިގެންދާނެކަމަށެވެ.
އަދި އަފްރާޝީމްގެ މަރާއި، ސަލަފްއާއި ގުޅުވުމުގެ އެންމެ ބޮޑު ސިއްރަކީ ރާއްޖެގައި ފެތުރިފައި މިއޮތް އަޙުލު ސުންނަތް ފުހެލައި އިސްލާމީ ވަންތަކަން ބަލިކަށިކޮށްލުމަށްޓަކައި ކުރޭ މަސައްކަތުގެ ފުރަތަމަ ޤުރުބާން ކުރެވޭ ފުރަތަމަ ބައެއްގެ ގޮތުގައި ސަލަފް ޤުރުބާންކޮށްލުންކަމުގައި ދެކޭކަމަށްވެސް ސަލާމްވަނީ ވިދާޅުވެފައެވެ.
"ދިވެހި ރާއްޖޭގެ ރައްޔިތުން ހަދުމަ ކުރައްވާށޭ، މިކަންކަން މިގޮތަށް ތަރުތީބުވަމުން ދާކަމުގައިވާނަމަ، އަޅުގަނޑުމެންގެ ނޯށުން ރޯލުމުގެ ވަގުތު އަޅުގަނޑުމެންނާ އައިސް ކުރިމަތި ލައިފި. މިއަދު އަޅުގަނޑުމެން އެކަމަކު މާދަމާ ތިޔަބޭފުޅުން އިސްލާމްވަންތަކަމާއި މެދުގައި ވިސްނަވާލައްވާށޭ" އައްޝައިހް އަބްދުއް ސަލާމް ވިދާޅުވިއެވެ.