މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ގެ އެގްޒެކެޓިވް ޑިރެކްޓަރ ޝަހިންދާ އިސްމާއިލްގެ ފޮޓޯއެއް ފޭސްބުކަށް ލުމުން ފުވައްމުލަކުން ހައްޔަރު ކުރި ޒުވާނާ ދޫކޮށްލައިފިއެެވެ.
ޝައްމާން ހުސެން ދީދީ ހައްޔަރު ކޮށްފައިވަނީ އެމްޑީއެން އިން ނެރުނު ރިޕޯޓާއި ގުޅިގެން، އެ ރިޕޯޓް ލިޔުނު ފަރާތްތަކަށް ފިޔަވަޅު އެޅުން ލަސްވަމުންދާތީ ގިނަ ބަޔަކު އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުން ދިޔަ ދުވަސްވަރެއްގައި އޭނާ ސޯޝަލް މީޑިއާގައި އާންމުކުރި ފޮޓީއަކާއި ގުޅިގެންނެވެ.
އެ ފޮޓޯގައި ފެންނަނީ ޓެރަރިޒަމް ޖަމާއަތެއްކަމަށް ސަރުކާރުން ކަނޑައަޅާފައިވާ އައިއެސް އިން އާންމުކޮށްފައިވާ ފޮޓޯއެއް އެޑިޓްކޮށް، އެ ރިޕޯޓް ލިޔުނު ޖަމިއްޔާ ގެ އެގްޒެކެޓިވް ޑިރެކްޓަރ ޝަހިންދާ އިސްމާއިލްގެ މޫނު އެ ފޮޓޯއަށް ލާފައި ވަނިކޮށެވެ.
ޝަންމާން މިއަދު ދޫކޮށްއިރު އޭނާ ހައްޔަރުކޮށްފައިވަނީ އޮކްޓޫބަރު މަހުގެ 12 ވަނަ ދުވަހުއެވެ. ޝަންމާން ހައްޔަރު ކުރުމާއި ގުޅިގެން އޭނާ މިނިވަން ކުރުމަށް ގޮވާލާ ގިނަ ބަޔަކު ދިޔައީ ސޯޝަލް މީޑިއާގައި އަޑުއުފުލަމުންނެވެ.
އެތައް ދުވަހެއް ފަހުން ޝަންމާން ދޫކޮށްލިއިރު، އެމްޑީއެން އިން ވަނީ އަލުން އެ ޖަމިއްޔާގެ ހަރަކާތްތައްވެސް ފަށައިފައެވެ. އެގޮތުން އެ ޖަމިއްޔާއިން ދަނީ ދޭތެރެ ދޭތެރެއިން ބަޔާންތައް ނެރެމުންނެވެ.
ޝަންމާން ހައްޔަރު ކޮށްފައިވަނީ ޓެރަރިޒަމްގެ ކުށުގެ ތުހުމަތުގައެވެ. ސަރުކާރުން ވަނީ ޓެރަރިޒަމްގެ ޤާނޫނަށް އިސްލާހުގެނެސް ޓެރަރިޒަމްގެ ޢަމަލުތަކަށް ބޮޑެތި އަދަބުތަކެއް ކަނޑައަޅާފައެވެ.



