ކުޅުދުއްފުށީގައި ފެންބޮޑުވެ، މޫދަށް ކޯރު ކަނޑަނީ!

ހދ.ކުޅުދުއްފުށީގައި ފެންބޮޑުވުމާއި ގުޅިގެން ރަށުތެރޭ ހެދިފައިވާ ފެންގަނޑު ހިންދުމުގެ ގޮތުން މޫދަށް ކޯރު ކެނޑުމުގެ މަސައްކަތް އެމްއެންޑީއެފްއިން ފަށައިފިއެވެ.

ރާއްޖެއަށް ކުރަމުންމިދާ ވިއްސާރައިގައި ބޯކޮށް ވާރޭވެހި ބައެއް ރަށްރަށުގައި ފެންބޮޑުވެފައިވާއިރު، މިނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހދ. 3 ރަށެއްގައި ވަނީ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ފެންބޮޑުވެފައެވެ. މިގޮތުން ހދ. ކުޅުދުއްފުއްޓާއި ނޮޅިވަރަންފަރު އަދި ކުރިނބީގެ ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވުމުގެ ސަބަބުން އެރަށްރަށުގެ ގެތަކަށް އަސަރުކޮއްފައިވާ ކަމަށްވެސް މައުލޫމާތު ލިބިއެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވިދާޅުވީ، ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ހދ.ކުރިނބީ، ހދ. ކުޅުދުއްފުށި އަދި ހދ.ނޮޅިވަރަންފަރުގެ ބައެއް ގެތަކަށް ފެންވަދެ، ބައެއް މަގުތަކުގައި ފެންބޮޑުވުމާއި ގުޅިގެން އެމްއެންޑީއެފް ނޮދާން އޭރިއާއިން އެހީތެރިކަން ފޯރުކޮށްދެއްމުންދާކަމަށެވެ.

އެގޮތުން އެމްއެންޑީއެފްއިން ޙިއްސާކޮށްފައިވާ ފޮޓޯއިން ފެންނަނީ ކުޅުދުއްފުށީގައި ފެންބޮޑުވުމާއި ގުޅިގެން ރަށުތެރޭ ހެދިފައިވާ ފެންގަނޑު ހިންދުމުގެ ގޮތުން މޫދަށް ކޯރު ކެނޑުމުގެ މަސައްކަތް ކުރަމުންދާތަނެވެ.

ހދ.ކުޅުދުއްފުށީގެ ބައެއް ގޭގެއަށްވެސް ފެންވަދެފައިވާއިރު، ދެގެއަކަށް ވަރަށް ބޮޑަށް ގެންލުން ވެފައިވާކަމަށްވެސް ކުޅުދުއްފުށީ ކައުންސިލްގެ މެންބަރަކު މިނޫހާއި ވާހަކަދައްކަމުން ވިދާޅުވިއެވެ. އަދި ސަލާމަތީ ބާރުތަކާއި މުއަސަސާތަކުގެ އިތުރުން އާންމުންގެ އެހީތެރިކަމާއެކު ފެން ހިންދުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސްވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ