އެމްޑީޕީގެ ވަރުގަދަ އެކްޓިވިސްޓެއްކަމަށްވާ ނައުޓީއަށް މަރުގެ އިންޒާރުދީފިއެވެ.
ނައުޓީއަށް މަރުގެ އިންޒާރުދީފައިވަނީ ރޭ މާލޭ މަގުމަތިންނެވެ. އޭނާ ބުނެފައިވަނީ ރޭ 11:40 ހާއިރު ހެންވޭރު މަޖީދީމަގު ޔޫރޯ ސްޓޯރ ކުރިމަތީ ސައިކަލް ޕާކް ކުރަނިކޮށް ދެ މީހަކު ސައިކަލްގައި އައިސް މަރާލާނެކަމަށް އިންޒާރު ދީފައިވާ ކަމަށެވެ.
އެމީހުން ވަނީ ނައުޓީ އައްޑޫގައި ހުއްޓަސްވެސް މަރާލާނެކަމަށް ބުނެ އިންޒާރު ދީފައެވެ. "ތީ ހޯ ނައުޓީއަކީ، ދީނޭދީނޭ ކިޔާފަ ޓްވީޓް ކުރަނީ" އެމީހުން ބުނެފައިވާ ކަމަށް ނައުޓީ ޓްވީޓް ކޮށްފައިވެއެވެ. އަދި އިންޒާރުދިން މީހުން ހަޑި ހުތުރު ބަހުންވެސް ވަނީ އޭނާއާއި މުހާތަބު ކޮށްފައިކަމަށް ޓްވީޓްގައި ނައުޓީ ބުނެފައިވެއެވެ.
މިކަމާއި ގުޅިގެން ނައުޓީ ބުނެފައިވަނީ އޭނާއަކީ އެއްވެސްއިރަކު އިސްލާމްދީނާއި ބެހިއުޅޭ މީހެއް ނޫންކަމަށެވެ. އަދި އޭނާގެ ދީނަކީވެސް އިސްލާމްދީންކަމުގައި ނައުޓީ ވަނީ ބުނެފައެވެ.
"ސިޔާސީ މަގްސަދެއްނެތި މަރުގެ އިންޒާރު ނުދޭނެ" އެމްޑީޕީގެ ސޯޝަލްމީޑިއާ އެކްޓިވިސްޓް ނައުޓީ ބުނެފައިވެއެވެ. ޔާމީން ޖަލަށް ލުމުން މީހަކު މަރާލައިފިކަމަށާއި، އަދި މީހުންނަށް މަރުގެ އިންޒާރު ދިނުން އާދަޔާ ޚިލާފަށް އިތުރުވެއްޖެކަމަށް އޭނާ ވަނީ ބުނެފައެވެ. އަދި މިކަން ބެއްލުމަށް އޭނާ ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކިބައިން އެދިލައްވާފައެވެ.
އޭނާއަށް މަރުގެ އިންޒާރު ދިންމައްސަލަ މިހާރު ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއަށްވެސް ހުށައަޅާފައެވެ.




