ސްޕެނިޝް ލަލީގާގައި ރޭ މަލޯކާ ކޮޅަށް މެސީ ކާމިޔާބުކޮށްދިން ހެޓްރިކާއެކު، ވާދަވެރި ކްރިސްޓިއާނޯ ރޮނާލްޑޯ ފަހަތަށް ޖައްސާލައިފިއެވެ.
ރޭ ހެދި ހެޓްރިކާއެކު، ލަލީގާގައި މެސީ ހެދި ހެޓްރިކްގެ އަދަދު 35 ކަށް އަރާފައިވާއިރު ލަލީގާގައި އެންމެ ގިނަ ހެޓްރިކް ހެދި ކުޅުންތެރިއަކަށްވެސް މެސީވަނީ ވެފައެވެ. ވާދަވެރި ރޮނާލްޑޯވަނީ ލަލީގާގައި 34 ހެޓްރިކް ހަދާފައެވެ. މެސީ މިއަހަރު ތެރޭ 4 ހެޓްރިކް ހަދާފައިވެއެވެ. ރޮނާލްޑޯ ލަލީގާގައި 9 ސީޒަން ހޭދަކޮށްފައިވާއިރު، ރޮނާލްޑޯ ލަލީގާގައި ހެދި ފުރަތަމަ ހެޓްރިކް ހަދާފައިވަނީވެސް މަލޯކާއާއި ދެކޮޅަށެވެ. އެއީ 2010 ގެ މެއި 5 ވަނަ ދުވަހުއެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މިމެޗު ފަސޭޙަކަމާއެކު ބާސެލޯނާއިން ކާމިޔާބުކޮށްފައިވަނީ 5-2 ގެ ނަތީޖާއަކުންނެވެ.
ހުރިހާ ގޮތަކުންވެސް މެޗު ކޮންޓްރޯލް ކުރަމުންއައި ބާސެލޯނާގެ ފަރާތުން ނުރައްކާތެރި އެތަށް ހަމަލާތަކެއް ފެނިގެން ދިޔަ މިމެޗުގެ ފުރަތަމަ ހާފުގައިވެސް އެކްލަބުން ހަތަރު ލަނޑު ޖަހާފައިވެއެވެ. އަދި ފަސްވަނަ ލަނޑުޖަހާފައިވަނީ މެޗުގެ ފަހުކޮޅުގައެވެ.
ކެޕްޓަން ލިއޮނަލް މެސީގެ ފަރާތުން ރޭގެ މެޗުގައި ހެޓްރިކެއް ފެނިގެން ގޮސްފައިވާއިރު ބާސެލޯނާގެ އަނެއް ދެލަނޑު ކާމިޔާބުކޮށްދީފައިވަނީ ގްރިޒްމަންއާއި ސުއަރޭޒްއެވެ. މެޗުގެ 43 ވަނަ މިނަޓްގައި ސުއަރޭޒް ކާމިޔާބުކޮށްދިން ހިތްގައިމު ލަނޑަކީ އޭނާ ފުންނާބުން ޖެހި ލަނޑެކެވެ.
މަލޯކާގެ ފަރާތުން ވަރަށް އާދައިގެ ކުޅުމެއް ރޭގެ މެޗުގައި ފެނިގެންދިޔަ ނަމަވެސް އެކްލަބުންވަނީ ބާސެލޯނާ ކޮޅަށް ދެލަނޑު ޖަހާފައެވެ. އެކްލަބުން ރޭ ޖެހި ދެލަނޑުވެސް ކާމިޔާބުކޮށްދީފައިވަނީ ބުޑިމީރްއެވެ.
ރޭގެ މެޗުން މޮޅުވެ ބާސެލޯނާ ތާވަލްގެ އެއްވަނާގައި ހިފަހައްޓާލިއިރު، ރެއަލްމެޑްރިޑްވެސްވަނީ ރޭ 2-0 ގެ ނަތީޖާއަކުން އެސްޕަނިޔޯލް ބަލިކޮށް ބާސެލޯނާގެ ފުލުގައި ވިއްދާފައެވެ. މިދެޓީމަށްވެސް ލިބިފައިވަނީ ޖުމްލަ 34 ޕޮއިންޓެވެ. ބާސެލޯނާއަށް ކުރި ލިބެނީ ފައިދާ ދެގޯލްގެ ތަފާތުންނެވެ.



