"ޒީ ތިހެން ނުބުނެބަލަ . ޕްލީޒް. އަހަރެންވެސް ޒީ ދައްކާ ވާހަކަ ގަބޫލު ކުރަމޭ. އަހަރެން ޒީއަށް ކަމެއް ވިޔަކަ ނުދޭނަމޭ." ޒީނާ ނާއިލްގެ މޭގެތެރެއަށްލާ ބޮނޑިކޮށްލަމުން ނާއިލް ވާހަކަ ދެއްކިއެވެ. އޭރު ނާއިލްގެ ލޮލުން ފަހަރަކު ކަރުނަ ތިއްކެއް ކޯތާފަތްމައްޗަށް ވެއްޓެމުން ދިޔައެވެ. އެ މަންޒަރު ބަލަން ދެލޯ ކަރުނުން ފުރިގެންވާ ހާލު ތަސްލީމްއިނީއެވެ. ކިތަންމެ މަސައްކަތެއް ކުރިނަމަވެސް އަޑެއް ނުނިކުންނަނީއެވެ. ވަމުންދަނީ ކޮން ކަމެއްކަން އެނގޭ ހާލު ދަރިފުޅު އެކަމުން ސަލާމަތްކުރުމަށް ނުކުޅެދިފައިވާ ހާލުގައެވެ. ތަސްލީމްއަށް ބަލާލެވުނީ ބަރްޝާއަށެވެ. ތަސްލީމަށް ބަރްޝާ ރައްދުކުރީ ވިހަ ހިނިތުންވުމެކެވެ.
***
ހާމިދުގެ ކަށުނަމާދުގެ ކަންތައްތަށް ހަމަޖެހިގެން ދިޔައީ އެރޭ އިޝާ ނަމާދަށް ފަހުގައެވެ. ރަށުގެ ގިނަ ރައްޔިތުންތަކެއް ކަށުނަމާދުގައި ބައިވެރިވިއެވެ. އެންމެންގެ މޫނުމަތިން ފެންނަމުން ދިޔަ ހާސްކަމާއި ބިރުވެރިކަން ފިލައިގެން ދާން ކިހާ ދުވަހެއް ނަގާނެކަމެއް އެކަކަށްވެސް ނޭނގެއެވެ. އެކި މީހުން ވާހަކަ ދައްކަމުން ދިޔައީ އެކި ގޮތްގޮތަށެވެ. ކައިރި ރަށަކުން ބަޔަކު ކުރިކަމެއްގެ ގޮތުގައިވެސް ބައެއް މީހުން ދެކެއެވެ. އަނެއްބައި މީހުން އެއީ އިންސާނުންގެ ކަމެއް ނޫންކަމަށް ބުނެ އަޑުއުފަލަމުން ދިޔައެވެ.
ހާމިދުގެ މަރުގެ ހަބަރު ލިބުނު ފަހުން ޒީނާ މީހަކާއި އަނގައިންނެއް ނުބުނެއެވެ. ކޮޓަރިންވެސް ނުނުކުމެއެވެ. ނާއިލް ކިތަންމެ މަސައްކަތެއް ކުރިނަމަވެސް ޒީނާގެ އުޅުމަށް ބަދަލެއް ނާދެއެވެ.
ހާމިދު ވަޅުލުމަށްފަހުގައި ނާއިލްވެސް ދިޔައީ ގެއަށެވެ. ދާނެ އިތުރު ތަނެއްވެސް ހުރީއެއް ނޫނެވެ. ކޮޓަރިއަށް ވަތްއިރުގައި ޒީނާއަށް އޮތީ ނިދިފައެވެ. ކުޑަ އެނދުގައި ދެކުދިންވެސް ނިދިފައި ތިއްބެވެ. ސިއްރު ސިއްރުން ފިޔަވަޅު ނަގަމުން ގޮސް ނާއިލް އެނދުކައިރިއަށް ހުއްޓުނީ ޒީނާއަށް ހޭލެވިދާނެތީއެވެ. ކުޑަކޮށް ގުދުވެލާ ޒީނާގެ ނިއްކުރިއަށް ބޮސްދިނެވެ. އެއަށްފަހު ކުޑަ އެނދުގާތަށް ގޮސް ހުއްޓި އަމްނާއާއި އަމާންގެ ގައިގާ ފިރުމާލިއެވެ.
ބަރްޝާއަށް ގޮވާލާ ކާން ތައްޔާރު ކޮށްލާށޭ ބުނަން ހިތަށް އެރީ ހައިވެފައިވާލެއް ބޮޑުކަމުންނެވެ. ބަރްޝާ ކޮޓަރި ދޮރު ހުޅީ ކުޑަކޮށް ހުޅުވިފައެވެ. ދެތިން ފަހަރަކު ބަރްޝާއަށް ގޮވާލުމަށްފަހުގައި ދޮރުގައި ހިފާ ކުޑަކޮށް ހުޅުވާލުމަށްފަހުގައި އެތެރެއަށް ބަލާލީ މަސައްކަތެއްގައި ހުރުމުން ބަރްޝާއަށް އަޑުނީވުނީ ކަމަށް ހީކޮށްފައެވެ. ނަމަވެސް ފެނުނީ އެހެން މަންޒަރެކެވެ. ލޯގަނޑު ކުރިމަތީގައި ހުއްޓި ހުރި ބަރްޝާގެ ގައިގާ އެއްވެސް ފޭރާމެއް ނެތެވެ. ބޯދޮވެލައިގެން ނުކުމެ ހުރިހެން ހީވެއެވެ. ތެމިފައިވީ ދިގު އިސްތަށިގަނޑު ގައިގެ ހަންގަނޑުގައި ވަނީ ތަތްވެފައެވެ. ލޯގަނޑު ކައިރީގައި ހުރި އެންޝޯންޓަރ ލޯޝަން ފުޅި ނަގާ މަޑުމަޑުން އަތާއި ފައިގާ ބަރްޝާ ކާއްތަން ފެށިއެވެ. ބޭ އިހްތިޔާރުގައި ފެންނަމުން ދާ މަންޒަރަށް ބަލަން ދެލޯ ހުބޮޑުވެފައި ނާއިލްއަށް ހުރެވުނީއެވެ. އެ މަސްތުގަ ޖެހިފައެވެ.
ވިސްނާނުލާ ހުރި ނާއިލްގެ ޖީބުގައި އޮތް ފޯނު ރިންގުވާންފެށީ އެވަގުތުގައެވެ. ތެޅިގަނެވުނީ ތަނެއް ދޮރެއް ބަލާފައެއް ނޫނެވެ. ވަގުތުން ފޯނު ނަގާ ނިއްވާލިއެވެ. ދެން ބަލާލެވުނީ ބަރްޝާއަށެވެ. ބަރްޝާހުރީ ނާއިލްއަށް ކުރިމަތި ލައިގެންނެވެ. އަމިއްލަ މީހާ ނިވާކުރުމަށް އޭނާ އެއްވެސް މަސައްކަތެއް ނުކުރެއެވެ.އެ ބޮޑު ދެލޮލުން ބަލަން ހުރީ ސީދާ ނާއިލްއަށެވެ. އެއްމިޔަކަނުން ނާއިލްއާއި ދިމާއަށް ހީލާ އެއްލޯ މަރާލިއެވެ. ދެންވެސް ދޮރު ލައްޕާފައި ދުރަށް ދިޔުމުގެ ބަދަލުގައި ނާއިލްއަށް ހުރެވުނީއެވެ. ބަރްޝާގެ ފައިތިލައިން ފެށިގެން ބޮލަށް ކަޅި ހިންގާލެވުނެވެ. ބަރްޝާގެ ރީތިކަމާއި ފުރިހަމަކަމަށް ހިތާހިތުން ތައުރީފުކުރާ ހާލުގައެވެ.
ދުރުގައި ބަލަން ހުރި ބަރްޝާއަށް ހީވީ އާހިތްވަރެއް ލިބުނު ހެންނެވެ. ފަރި ހިނގުމެއްގައި ކުރިއަށް ފިޔަވަޅު ނަގަމުން އައިސް ދޮރުފަތުގައި ހިފާ އެއްކޮށް ހުޅުވާލާ ނާއިލްގާތަށް ޖެހިލިއެވެ. ބަރްޝާގެ ހޫނު ނޭވާ ނާއިލްއަށް އިހްސާސްކުރެވޭހާ ކައިރީގައެވެ. ނޭވާ ހިފަހައްޓާލައިގެން ނާއިލްއަށް ހުރެވުނީއެވެ. ބަރްޝާ ބަލާކަށް ނުހުރެ ނާއިލްގެ ގައިގާ ބައްދާލިއެވެ. އިރުކޮޅެއްވަންދެން ނާއިލްއަށް ހަރަކާތެއް ނުކޮށް ހުރެވުނެވެ. ނަމަވެސް ކުއްލިއަކަށް ކަމެއް ހަނދާންވާ ފަދަ ގޮތަކަށް ބަރްޝާގެ ކޮނޑުގައި ހިފާ ދުރަށް ކޮށްޕާލެވުނެވެ. ނާއިލް ހަނދާންވީ ލޯބިވާ އަނބިމީހާ މަތިންނެވެ. ދުވެފައި ކަހަލަގޮތަކަށް ގޮސް ނާއިލް ވަނީ ކޮޓަރިއަށެވެ.
ރުޅި އައިސް ކެކިކެކި ބަރްޝާ ހުރީއެވެ. އޭނާ އެތަނަށް ދޫކޮށްލުމަށްފަހުގައި ނާއިލް ދިޔުމުންނެވެ. ރޭވި ރޭވުން ކާމިޔާބު ނުވުމުންނެވެ. އެކަމުގެ ސަބަބުން ޒީނާއަށް އޭނާގެ ހިތުގައި އޮތް ރުޅިވެރިކަން އިތުރަށް ބޮޑުވެގެން ދިޔައެވެ. ޒީނާ ދިރ ދުނިޔޭގައި ވަނިކޮށް ނާއިލްއަކީ ބަރްޝާގެ މީހަކަށް ނުހެދޭނެކަން އިހްސާސްވަމުންދާތީއެވެ. ކޮންމެ ފަދަ ގޮތަކުންވެސް ނާއިލްގެ ދިރިއުޅުމުން ޒީނާ ބޭރުކޮށްލަން ބޭނުންވަނީއެވެ.
ދުވެފައި ގޮސް ކޮޓަރިއަށް ވަތް ނާއިލް އަށް ވިސްނެމުން ދިޔައީ ވެގެން ދިޔަ ކަންތައްތަކާއި ދޭތެރޭގައެވެ. އެކަމަކީ ވެގެން ނުވާނެ ކަމެއްކަން ނާއިލްއަށްވެސް ގަބޫލު ކުރެވެއެވެ. އަނބިމީހާ ބަލިވެ ފިރިމީހާގެ އެހީއަށް އެންމެ ބޮޑަށް ބޭނުންވީ ދުވަހު އެފަދަ ކަމެއް ކުރެވުނީތީ ނާއިލް ހުރީ ލަދުގަނެފައެވެ. ކުރެވުނު އަމަލުގެ ސަބަބުން އަމިއްލަ ނަފްސާއި ކުރިމަތިލާންވެސް ނުކެރޭނެކަން އެނގި ހިތާމަކުރެވޭ ހާލުގައެވެ. އަދި ދެން ދުވަހަކުވެސް ނާއިލްގެ ފަރާތުން އެފަދަ އަމަލެއް ތަކުރާރު ނުވާނެކަމަށް ހިތުގެ އަޑިން އަޒުމު ކަނޑައެޅިއެވެ. އެހެން ނޫންނަމަ ލޯބިވާ އަނބިމީހާއާއި ހަތަރު ކަޅި ހަމަކޮށްލަން ނުކެރޭނެތީއެވެ.
***
ފަތިހުގެ ވަގުތެވެ. ފަތިސްނަމާދަށް ހޭލާ މީހުންތަށް މިސްކިތަށް ގޮސްއައިސް ހެދިވަގުތެވެ. ޔަހުޔާ ނަމާދުން ނމިގެން މިސްކިތުން ނުކުމެ ހިނގައިގަތީ ގެއާއި ދިމާއަށް ދިޔުމަށެވެ. ނަމަވެސް ސިއްސައިގެން ގޮސް ހަޅޭއް ލަވައިގަނެވުނީ މީހަކު ޔަހުޔާގެ އަތުގައި ހިފާ ދަމައިގަތުމުންނެވެ.
"ކޮން ކުއްޖެއް ތީ" ނޭވާ ހަމައަކަށް އަޅުވާލަމުން ޔަހުޔާ އަހާލިއެވެ.
"އަހަރެން މިއީ ޒީނާ." ޔަހުޔާގެ އަތުގައި ހިފާ ދިއްގާ ގަސް ބިއްދޮށަށް ދަމައިގަތް ޒީނާ ވައިއަޑުން ވާހަކަ ދެއްކިއެވެ.
"ޒީނާ. ކީއްވެ ވައި އަޑުން ތިޔަ ވާހަކަ ދައްކަނީ؟" ނަން އިވުމާއި އެކުގައި ޔަހުޔާއަށް ޒީނާ އެނގިއްޖެއެވެ.
"އޭތި ހުރެދާނެ އަޑުއަހަން އެހެންވެގެން" ޒީނާ މޮޔައެއްހެން ވަށައިގެން ހޯދަމުން ވާހަކަ ދެއްކިއެވެ.
"ޒީނާއަށް ކިހިނެއް އަހަރެން އެނގެނީ؟" ޔަހުޔާގެ ސުވާލު ޒީނާއަށް އަމާޒުކޮށްލުމަށްފަހުގައި ކޮންމެވެސް ކިޔެވެއްޔެއް ކިޔަވާލިއެވެ.
"ހާމިދުބެ. ހާމިދުބެ. ހާމިދުބެ އަހަރެން ކައިރީ ބުނި ކަމެއްވިއްޔާ ޔަހުޔާބެއަކާއި ބައްދަލުކުރާށޭ. އެހެން ކިޔާ އަހަންނަށް ފޮޓޯވެސް ދެއްކީ. އެކަމަކު އޭރު އަހަންނަކަށް ނޭނގޭ ކަމެއް ވުމުގެ މާނައަކީ ހާމިދުބޭ މަރުވުންކަމެއް." ޒީނާއަށް ރޮވޭ ގޮތްވިއެވެ.
"މިތަނަށްވެސް އޭތި އަންނާނެ. އޭތި ބޭނުންވަނީ އަހަރެން މަރާލަން" ޒީނާ އަދިވެސް ވަށަވައިގެން އެނބުރި އެއްވެސް މީހެއްގެ ހިލަމެއްވޭތޯ ބަލާމުން ވާހަކަ ދެއްކިއެވެ.
"އެކޮއި ޒީނާ. މިއީ ތިހުރިހާ ވާހަކައެއް ދައްކަން އެންމެ އެކަށީގެންވާ ތަނެއް ނޫން. އަދި ވަގުތެއްވެސް ނޫން. އެކޮއިދޭ ގެއަށް. ބޭބެ ސައިބޮއި ހަދައިލައިގެން ދާނަން ތި ގެއަށް." އެހެން ބުނުމަށްފަހުގައި އަނެއްކާވެސް ޔަހުޔާ ކޮންމެސް އެއްޗެއް ކިޔަވާލިއެވެ. އަދި ޒީނާގެ ބޮލަށް ފުމެލިއެވެ.
"ބޭބެ ދައްކާ ވާހަކަ ރަނގަޅަށް އަޑުއަހާތި. ގެއަށް ނޫން އެހެން އެއްވެސް ތަނަކަށް ނުދާތި. މީހަކު ގޮވިޔަސް ފަހަތަށް އެނބުރި ނުބަލާތި. ތިޔަ ބުނާ އެއްޗެއް އެކޮއި ކުރިމައްޗަށް އެރި ގޮވާ ވާހަކަ ދައްކާ، ވައްތަރު ޖައްސާހެދިޔަސް ފަހަތަށް އެނބުރި ދުއްވައި ނުގަންނާތި. ރޫހާނީ އެއްވެސް އެއްޗަކަށް އެކޮޔާ މިވަގުތު ގާތެއް ނުވެވޭނެ. ކޮންމެ ވައްތަރެއް ޖެއްސިޔަސް އެޔަކަށް އޮކައި ގައިގަ އަތެއް ނުލެވޭނެ. އަނިޔާއެއްވެސް ނުކުރެވޭނެ." ޔަހުހާ ޒީނާއަށް ކިޔާދިނެވެ.
އާނއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލުމަށްފަހުގައި ޒީނާ ހިނގައިގަތީ ގެއަށް ދިޔުމަށެވެ. ކިތަންމެ ބިރުން ހުއްޓެއް ކަމަކު ޔަހުޔާ ދެއްކި ވާހަކަ ކަނުލާ އަޑުއަހައިން އެގޮތަށް ކަންތައް ކުރުމަށް އަޒުމް ކަނޑަޅިއެވެ. ބޮޑެތި އަވަސް ފިޔަވަޅުތަކެއް ނަގަމުން ޒީނާ ހިނގީ އަވަހަށް ގެއަށް ދިޔުމަށެވެ. ނަމަވެސް ވަކި ހިސާބަކުން ހުއްޓުންއެރިއެވެ. ފަހަތުން މީހަކު ޒީނާއަށް ގޮވާލުމުންނެވެ.
ހުރި ފިޔަވަޅު މައްޗަށް ހުއްޓުނު ނަމަވެސް ޒީނާއަށް ފަސްއެނބުރި ބަލާކަށް ނުކެރުނެވެ. ފަހަރަކަށްވުރެ ފަހަރަކު އެމީހަކު ގެ އަޑު ގާތްވަމުން އަންންހެން ޒީނާއަށް ހީވަމުން ދިޔައެވެ. ގަންނާކުރެއްވި ބިރުން ދުވެފައި ކަހަލަ ގޮތަކަށް ކުރިއަށް ހިނގައިގަތެވެ. އެގޮތަށްވެސް ދެވުނީ ވަކި ހިސާބަކަށެވެ. އަނެއްކާވެސް މީހަކު ޒީނާއޭ ކިޔާ ގޮވަން ފެށިއެވެ. މިފަހަރު އެއީ ނުދަންނަ އަޑެއް ނޫނެވެ. އެއީ ދަންނަ އަޑެކެވެ. ނާއިލްގެ އަޑެވެ. ކިތަންމެ ފަހަރަކު ފަސްއެނބުރި ނާއިލް ގާތަށް ދާން ބޭނުންވި ނަމަވެސް ޔަހުޔާ ދެއްކި ވާހަކަ ހަނދާނަށް އައުމުން ނުކެރެނީއެވެ. ގައިގާ ހުރި ބާރެއް ލާފައި ދުއްވައި ގަނެވުނީ ބިރުވެރި އަޑަކުން މީހަކު ހޭން ފެށުމުންނެވެ.
ހަމަޖެހުމުގެ ނޭވާއެއް ޒީނާއަށް ލެވުނީ ގޮސް ގެއަށް ވަދެވުމުންނެވެ. އެއްވެސް މީހަކު ނުހޭލަނީކަން އެނގުމުން ޒީނާއަށް ހިތްހަމަޖެހުން ލިބިގެންދިޔައެވެ. ކޮޓަރިއަށްވެސް ވަންނަން ނުހަދާ ޒީނާ އޮށޯތީ އުނދޯއްޔަށް އަރައެވެ. ޔަހުޔާ އަންނާނެތީ ހިތްހަމަ ޖެހިފަވެސްމެއެވެ.
ހެނދުނު ހޭލައިގެން ނާއިލްއަށް ތެޅިގަނެވުނީ ޒީނާ ފެންނަން ނެތުމުންނެވެ. ޒީނާގެ ހާލު ހުންނަގޮތުން ޒީނާ ގެއިން ބޭރަށް ގޮސްފިނަމަ އިތުރަށް އުނދަގޫތަކަކާއި ކުރިމަތި ލާންޖެހިދާނެކަމައް ކަން ނާއިލްއަށް އެނގެއެވެ.
ހާސްވެކަން ބޮޑުވެފައިވާ ނާއިލްއަށް ހިނިތުންވެލެވުނީ ކުޑަ ކުއްޖެއް ފަދައިން އުނދޯލީގައި ނިދިފައި އޮތް މައުސޫމް އަނބިމީހާ ފެނުމުންނެވެ. ނާއިލްގޮސް އުނދޯލީގެ އެއް އަރިއެއް އިށީނެވެ. އަދި ޒީނާގެ ގައިގާ ނިކަން ލޯބިން ފިރުމާލިއެވެ.
ނުނިމޭ
ހިޔާލު
ނައިސް