ކެފޭ އުސޫލުން މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތްދޭ އިތުރު ދެގެޔަކުން 21 މީހުން ހައްޔަރުކޮށްފި

ދެ ގެއެއް ބަލައި ފާސްކޮށް ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން މާލޭގައި ކުރިއަށް ގެންދާ އޮޕަރޭޝަންތަކުގެ ތެރެއިން 21 މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން އިއްޔެ ރެއިޑް ކޮށްފައި ވަނީ މ. އެވަރެސްޓް އާގެ އާއި މ. ޏަމްޏަމްގެ އެވެ.

ފުލުހުން ބުނީ އެވަރެސްޓް އާގެ ބަލާ ފާސްކޮށް 11 މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ދިވެހި ދެ އަންހެނުންނާއި، އަށް ދިވެހި ފިރިހެނުންނާއި ބަންގްލަދޭޝްގެ ފިރިހެނެކެވެ.

މާފަންނު ޏަމްޏަމްގެ އިން 10 މީހުން ހައްޔަރުކޮށްފައިވެއެވެ. އޭގެތެރޭގައި ހިމެނެނީ ނުވަ ދިވެހި ފިރިހެނުންނާއި ދިވެހި އަންހެނެއް ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ވިދާޅުވީ ހައްޔަރުކުރި މީހުންގެ ތެރެއިން ބައެއްމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެެންގޮސްފައިވަނީ މަސްތުވާ ތަކެތި ބޭނުންކުރަން ތިއްބައި ކަމަށެވެ. އަދި ފުލުހުން އިތުރަށް ވިދާޅުވީ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި އެ ދެގެއިން ވެސް ފެނިފައިވާ ކަމަށެވެ.

ފުލުހުން މިމަހު ފަސް ވަނަ ދުވަހުން ފެށިގެން ހިންގަމުން އަންނަ ބޮޑު އޮޕަރޭޝަނުގައި މިދިޔަ ހުކުރު ދުވަހު ފަސް ގެއެއް ބަލައިފާސްކޮށް 37 މީހަކު ވަނީ ހައްޔަރު ކޮށްފަ އެވެ. އެގޮތުން އެ ދުވަހުގެ ބަލައިފާސްކޮށްފައި ވަނީ މ. ނަދީއިރުމަތީބައި، ހ. ވެލިރަންގެ، މ. ފެޝަންމީޑް، ގ. މެމޮރީވިލާގެ އިތުރުން ލޮނުމިދިލިގެ އެވެ.

އެ ގެތަކުގައި މަސްތުވާތަކެތި ބޭނުން ކުރަން ތިބެން ހާއްސަ ކޮޓަރިތައް ހަދާފައި ހުރި ކަމަށާއި އަދި މަސްތުވާތަކެތި ބޭނުންކޮށް ވިއްކާ ވިޔަފާރިކޮށް ކެފޭ އުސޫލުން މަސްތުވާތަކެތި ބޭނުން ކުރުމުގެ ހިދުމަތް ލިބޭ ގޮތަށް ތައްޔާރު ކުރެވިފައިވާ ކަމަށް ވެސް ފުލުހުން މައުލޫމާތުދެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ