މި އުޅެނީ އެކަކު ގެނައި ތަރައްޤީ އަނެކަކަށް ހަޖަމް ނުވުމުގެ މައްސަލައެއްތޯ ކުރީގެ ނައިބުރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ސުވާލު ކުރައްވައިފިއެވެ.
ކުރީގެ ރައީސް ޔާމީން ގެ ސަރުކާރުން މާލޭގައި އިމާރާތް ކޮށްފައިވާ 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލްގައި ހައިޑްރޯތެރަފީގެ ޚިދުމަތް ތަޢާރަފް ކުރުމާއެކު ކުރިއެރުން ލިބިފައިވާކަން ފާހަގަ ކުރައްވައި ޖަމީލް ވިދާޅުވެފައިވަނީ މިއަދު ހާމަވެގެން މިދަނީ މި ތަރައްޤީއަކީ ހަޤީގަތެއްކަމަށެވެ.
އޮންލައިން ނޫސް މިހާރުގައި ބުނެފައިވަނީ މި އަހަރުގެ ކުރީކޮޅު "މިހާރު"ން އެ ހޮސްޕިޓަލަށް ކުރި ޒިޔާރަތެއްގައި، އެތަނުގެ ފިޒިއޮތެރަޕިސްޓަކު ސިފަކުރައްވާފައިވަނީ ހައިޑްރޯތެރަޕީގެ ޚިދުމަތް ފެށުމަކީ ރާއްޖޭގެ ސިއްހީ ދާއިރާއަށް ވެސް ލިބޭނެ ބޮޑު ކުރިއެރުމެއްކަމަށެވެ. އަދި ރާއްޖޭގައި މުޅިން އަލަށް އެ ޚިދުމަތް ފެށިއިރު، މިއީ ސިއްހީ ފަރުވާގައި މި ސަރަހައްދުގައި ކުރިއަރާފައިވާ ގިނަ ގައުމުތަކުން ވެސް ނުލިބޭ ޚިދުމަތެއްކަން ވަނީ ފާހަގަ ކޮށްފައެވެ.
ރައީސް ޔާމީން ސަރުކާރުން ޗައިނާގެ އެހީތެރިކަމާއެކު އަޅާފައިވާ ސިނަމާލެ ބުރިގެ ފޮޓޯއެއްވެސް ޓްވީޓް ކުރައްވާ ޖަމީލް ވަނީ ވެރިކަން ނިމުމުން، ސިޔާސީ ހަސަދަވެރިކަމުގައި، ލީޑަރުން ޖަލަށްލުމުގެ ސަޤާފަތް ނިމޭނީ ކޮން އިރަކުންތޯވެސް ސުވާލު ކުރައްވާފައެވެ. "ނޫނީ މި އުޅެނީ އެކަކު ގެނައި ތަރައްޤީ އަނެކަކަށް ހަޖަމް ނުވުމުގެ މައްސަލައެއްބާ؟" ޔާމީން ސަރުކަރުގައި ނައިބު ރައީސްކަންވެސް ކުރައްވާފައިވާ ޖަމީލް ވިދާޅުވެފައިވެއެވެ.



