ކޯމާއެއްގައި އޮތުމަށްފަހު މަންމަ މަރުވީ އެރޭ ދަންވަރުގެ ވަގުތެއްގައެވެ. މަންމަ މަރުވި ޚަބަރު ލިބުނު ވަގުތު ޒީވާގެ މޫނުމަތިންނާއި ލޮލުން ފެނިގެން ދިޔަ އަސަރު އަހަރެން ދުވަހަކުވެސް ހަނދާނެއް ނުނެތޭނެއެވެ. ޒީވާ ދެއްކި ވާހަކަތަކާމެދު ފުންކޮށް ވިސްނުމަށް އެ ހިތާމަވެރި ހާދިސާ މެދުވެރިއަކަށްވިއެވެ. އެއީ ކިހިނެއް ވާ ކަމެއްބާއެވެ؟ އެހާ ސީދާކޮށް މީހުންނަށް ހުވަފެން ފެނޭހެއްޔެވެ؟
ދުވަސްތައް މާޒީއާ އެކުވަމުން ދިޔައެވެ. މަންމަ ނިޔާވުމަށްފަހު ހުރިހާ ކަމެއް ހަމަޔަކަށްއެޅެން ދުވަސްކޮޅެއް ނެގިއެވެ. އެ ހިތާމަވެރި ހާދިސާއަށްފަހު ވެސް ޒީވާއަށް ފެންނަ ހުވަފެންތައް ސީދާވުމުގެ ސިލްސިލާ ކުރިއަށް ދިޔައެވެ. ގެއަށް މީހަކު ޒިޔާރާތްކުރާތީ ފެންނަ ހުވަފެންތަކާއި، މިޝާ ބަލިވާތީ ފެންނަ ހުވަފެންތަކުގެ އިތުރުން އަހަރެންނަށް އޮފީހުގައި ކުރިއެރުން ލިބޭތީ ފެންނަ ކުދިކުދި ހުވަފެންތައްވެސް ސީދާވެއެވެ. ކުރިން އެކަހަލަ ކަންތައް ޤަބޫލު ނުކުރިއެއްކަމަކު ލޯ ކުރިމަތީގައި އެކަންކަން ވަމުންދާތީ އެންމެ ފަހުން އަހަރެންނަށްވެސް ޖެހުނީ އެކަން ޤަބޫލުކުރާށެވެ. ޒީވާ ދެކޭ ގޮތުގައި އެއީ އޭނާއަށް ޤުދުރަތުން ދެއްވާފައިވާ ހަދިޔާއެކެވެ. އެކަމާ އޭނާ އުފާވުމުގެ އިތުރުން ފަޚުރުވެރިވެސް ވެއެވެ. ކޮންމެއަކަސް އެއީ ދިރިއުޅުމުގައި ދެއްކެވި އިމްތިޙާނެއްކަމުގައި ދެކިގެން އަހަރެމެން ދިރިއުޅުމައިގެން ކުރިއަށް ދިޔައީމެވެ.
ދުނިޔެއަކީ ތޮށަލި ދުޅައަށް ދައުރުވަމުންދާ ތަނެކޭ މީހުން ބުނެ އުޅެއެވެ. އެއް ދުވަހު އުފާވެރި ކުލަވަރު ދެއްކުމަށްފަހު އަނެއް ދުވަހު ހިތާމަވެރި ކަމެއް މެދުވެރިވެދާނެއެވެ. އަހަރެމެން އެއްވެސް ވަރަކަށް ނުވިސްނައި ތިއްބާ ދެން ދިމާވީ ދުވަހަކު ހިތައްވެސް އަރުވައިގެން ތިބި ކަމެއް ނޫނެވެ. ރަށުތެރޭގައި ފެތުރުނު ގަދަ ހުމެއްގައި ޖެހި ކުއްލިއަކަށް އަހަރެމެންގެ ލޯބިވާ ދަރިފުޅު މިޝާ އަހަރެމެންނާ ވަކިވިއެވެ. އެކަންވީ ލޯ މަރާލާފައި ލޯ ހުޅުވާލުމަށް ހޭދަވާހާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. އޭރު ދަރިފުޅުގެ އުމުރުން ފަސް އަހަރެވެ. މިޝާ ވަކިވުން ވެގެންދިޔައީ އަހަރެމެންގެ ދިރިއުޅުން ކުއްލިއަކަށް ހުއްޓިގެން ދިޔަފަދަ ކަމަކަށެވެ. އެކަމުގެ އެންމެ ބޮޑު އަސަރެއްކުރީ ޒީވާއަށެވެ. ކުރިން ގޭތެރޭގައި މަސައްކަތްތަކުގައި އެންމެ ވަގުތަކުވެސް ހުއްޓި ނުހުންނަ މީހާ އަބަދު ކޮޓަރިތެރޭގައި ބަންދުވެގެން އޮންނަންފެށިއެވެ. އެ ލޮލުން ކަރުނަ ހިކޭ އެންމެ ވަގުތެއްވެސް ނާދެއެވެ. ދޭތެރެއަކުން ދުވެފައި ގޮސް މިޝާގެ ހެދުންތައް ނަގައިގެން ބޮސްދީދީފައި އަޑުން އަޑު ނަގާ ރޮޔެވެ. އަނެއްބައި ފަހަރު ނިދާފައި އޮވެފައި ދަރިފުޅާއޭ ކިޔާ ހަޅޭލަވައިގަނެފައި ހޭލެވެއެވެ. އެ މަންޒަރުތައް ބަލަން އަހަންނަށް ކެތްވަނީކީ ނޫނެވެ. ދަރިފުޅު ވަކިވެގެން ދިއުމުން އަހަންނަށް ކުރި އަސަރު ވަކި ކުޑައެއް ނޫނެވެ. ނަމަވެސް ކަށިންމަދުނަގައިގެން އަހަރެން ހިތްވަރު ކުރަމުންދިޔައީ ޒީވާއަށްޓަކައެވެ. އަހަރެން ޒީވާދެކެވާ ވަރުގަދަ ލޯބީގެ ޙައްޤުގައެވެ. ޒީވާ އަހަރެންގެ ދިރިއުޅުން ފުރިހަމަކޮށްދިނުމަށްޓަކައި ވެފައިވާ ޤުރުބާނީތަކުގެ ޙައްޤުގައެވެ. ނަމަވެސް ބައެއްފަހަރު އަހަރެންގެ ކެތްތެރިކަންވެސް ކޮޅުންލައެވެ. އެފަދަ ވަގުތުތަކުގައި އަހަރެންވެސް ޒީވާ ގަޔާލާ ފިއްތާލައިގެން އޮވެ ރޮމެވެ.
އޮފީހުން ނިމޭގޮތަށް އަހަރެންގެ ހުރިހާ ވަގުތެއް ހޭދަކުރަމުން ދިޔައީ ޒީވާއާ އެކުގައެވެ. ތިން މަސްވެގެން ދިޔައިރުވެސް ޒީވާ ހަމަޔަކަށް ނޭޅެއެވެ. ނަމަވެސް ވީވަރަކުން ޒީވާގެ ހިތާމަތައް ލުއިކޮށްދެވޭތޯ އަހަރެން ދިޔައީ މަސައްކަތްކުރަމުންނެވެ. ޒީވާ ބުނިގޮތުންނަމަ މިޝާ ވަކިވެދިއުމާއެކު ޒީވާއަށް ކުރިން ފެނި، ސީދާވަމުންދިޔަ ހުވަފެންތައްވެސް ހުއްޓުނެވެ. ދޭތެރެއަކުން ހުވަފެނެއް ފެނުނު ނަމަވެސް އެ ހުވަފެން ސީދާ ނުވާކަމުގައި ޒީވާ ބުންޏެވެ. އެކަންވެގެންދިޔައީ ޒީވާގެ ހިތާމަތަކަށް އިތުރުވެގެންދިޔަ ބޮޅަކަށެވެ. ބަލަބަލާތިއްބާ އަހަރެމެންގެ އުފާވެރި ދިރިއުޅުން ބަނަވެގެންދިޔައީ ހީވެސްނުކުރާހާ އަވަހަށެވެ. ކުރިން މީހުންނާ އެކުވެރިކޮށް، ހީ، ސަމާސާކޮށް އުޅުނު އަހަރެންގެ ބައިވެރިޔާ އަހަންނަށް މުޅިން ގެއްލުނެވެ. މީހުންގެ ތެރެއަށް ނުކުމެ ނޫޅޭތާންގައި ޒީވާގެ ބަސް މަދުވަމުންގޮސް އެއްކޮށް ވާހަކަދެއްކުން ހުއްޓުނެވެ. މުޅި މީހާ އެހެން މީހަކަށް ބަދަލުވެގެން ދިޔައެވެ. ނަމަވެސް އޭރުވެސް ޒީވާއަކީ ދުނިޔެމަތީގައި އަހަރެން އެންމެ ލޯބިވާ ފަރާތެވެ.
އެގޮތުގައި ދުވަސްކޮޅެއް ވޭތުވެގެންދިޔަފަހުން، ޖެހިގެން ހުންނަ ގޭގައި އުޅޭ ބުޅާ މަރުވާތީ ޒީވާގެ ހުވަފެނުގައި ފެނުނުކަމުގައި އެއްދުވަހަކު ޒީވާ ބުންޏެވެ. ފަހަކަށްއައިސް ޒީވާއަށް ފެންނަ ހުވަފެންތައް ސީދާ ނުވާތީ އެ ހުވަފެންވެސް ސީދާ ނުވާނެކަމުގައި އަހަރެން ނިންމީމެވެ.
ނަމަވެސް އެއާ ވިދިގެން އައި ދުވަސް ވެގެންދިޔައީ އަނެއްކާވެސް އަހަރެމެންގެ ދިރިއުޅުން ބަދަލުވެގެން ދިޔަ ދުވަހަކަށެވެ. މިޝާ ވަކިވެގެން ދިޔަފަހުން އެދުވަހު އަހަންނަށް ފުރަތަމަ ފަހަރަށް ޒީވާގެ ހިނިތުންވުން އަލުން ފެނުނެވެ. ބަންދު ދުވަހެއްކަމުން އަހަރެން އެދުވަހު ތަންކޮޅެއް ގިނައިރުވަންދެން ނިދަން އޮތީމެވެ. ނަމަވެސް ހޭލެވުމާއެކު ޒީވާގެ އުފާވެރި ހިނިތުންވުމާއެކު އަހަންނަށް ލިބިގެން ދިޔަ ޚަބަރަކީ ޖެހިގެން ހުރި ގޭ ބުޅާ މަރުވި ޚަބަރެވެ.
"ޔެސް! އެނގޭތަ އޭގެ މާނަ؟ އަނެއްކާ އަހަންނަށް ފެންނަ ހުވަފެންތައް ސީދާވާންފެށީ!" އަހަރެންގެ ދެއަތުގައި ހިފަހައްޓާލައިގެން އިނދެ ފޯރިއާ ޖޯޝުގައި ޒީވާ ބުނެލިއެވެ.
ޒީވާގެ އެ އުފާވެރިކަން ފެނިފައި އަހަންނަށް ޒީވާ ގައިގައި ބައްދާލެވުނެވެ. ޒީވާއަށްހީވީ ޢީދެއް އައިސްގެން އުޅޭ ހެންނެވެ. ކުރީގެ ޒީވާ އަނެއްކާ އަހަންނަށް އަނބުރާ ލިބުނެވެ. އެ އުފާވެރި މިޒާޖެވެ. އެ ފަރި ހިނިތުންވުމެވެ. ކުރިއަށްވުރެވެސް ބޮޑަށް ހީހީފައި އުޅެންފެށިއެވެ. ޒީވާގެ އެ އުފާވެރިކަން ފެނިފައި އަހަރެން ހިނިތުންވެފައި އެތައް އިރަކު ބަލަން އިންނަމެވެ.
ޖެހިގެން އައި ހަފްތާގައި، އަވަށްޓެރި ގެއެއްގައި އުޅޭ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މުސްކުޅިއަކު މަރުވާތީ ޒީވާއަށް ހުވަފެނުގައި ފެނުނެވެ. އޭނާގެ ނަމަކީ ކާސިމްބެއެވެ. އޭނާއަކީ އެކަމަށް މުޅި ރަށުގައި ބަދުނާމްވެފައިވާ މީހެކެވެ. ނަމަވެސް އެ ޢާއިލާއަކީ ރަށުގައި އެންމެ މުއްސަނދި އަދި އެންމެ ނުފޫޒުގަދަ އެއް ޢާއިލާ ކަމުން ކޮންމެ ފަހަރަކުވެސް ކާސިމްބެ ސަލާމަތްވެއެވެ.
"ޔަޤީންތަ އެއީ ހުވަފެނެއްކަން؟ ނޫނީ ތީ އަނެއްކާ ޒީވާ ބޭނުންވާ ކަމަކީތަ؟" ޝައްކުގެ ނަޒަރަކުން ޒީވާއާ ދިމާއަށް ބަލާލަމުން އަހަރެން އެހީމެވެ. އަހަރެން އެހެން ބުނީ ޒީވާ ހެއްވާލުމުގެ މަޤުސަދުގައާ އެކުގައެވެ.
"ނޫން! އެއީ ހަމަ ސީދާވާނެ ހުވަފެނެއް. ބަލަން ހުންނައްޗޭ!" އަޑަށް ބާރުލާފައި ވަރަށް ސާބިތުކަމާއެކު ޒީވާ ބުނެލިއެވެ. ޒީވާގެ ބަސްމަގު ހުރިގޮތުން އަހަރެން ކުޑަކޮށް ޖެހިލުންވެސްވިއެވެ.
(ނުނިމޭ)




2 Responses
Mi zaathuge english story eh keen thankolheh kurin. Hope this is not a copy.
Salhi. Waiting for the next part ❤️