ކިނބިވަލު ކަމަނަ (10)

(ނުވަވަނަ އަދަދާއި ގުޅޭ)

ހަމަޖެހުމުގެ ނޭވާއެއް ޒީނާއަށް ލެވުނީ ގޮސް ގެއަށް ވަދެވުމުންނެވެ. އެއްވެސް މީހަކު ނުހޭލަނީކަން އެނގުމުން ޒީނާއަށް ހިތްހަމަޖެހުން ލިބިގެންދިޔައެވެ. ކޮޓަރިއަށްވެސް ވަންނަން ނުހަދާ ޒީނާ އޮށޯތީ އުނދޯއްޔަށް އަރައެވެ. ޔަހުޔާ އަންނާނެތީ ހިތްހަމަ ޖެހިފަވެސްމެއެވެ.

ހެނދުނު ހޭލައިގެން ނާއިލްއަށް ތެޅިގަނެވުނީ ޒީނާ ފެންނަން ނެތުމުންނެވެ. ޒީނާގެ ހާލު ހުންނަގޮތުން ޒީނާ ގެއިން ބޭރަށް ގޮސްފިނަމަ އިތުރަށް އުނދަގޫތަކަކާއި ކުރިމަތި ލާންޖެހިދާނެކަމައް ކަން ނާއިލްއަށް އެނގެއެވެ.
ހާސްވެކަން ބޮޑުވެފައިވާ ނާއިލްއަށް ހިނިތުންވެލެވުނީ ކުޑަ ކުއްޖެއް ފަދައިން އުނދޯލީގައި ނިދިފައި އޮތް މައުސޫމް އަނބިމީހާ ފެނުމުންނެވެ. ނާއިލްގޮސް އުނދޯލީގެ އެއް އަރިއެއް އިށީނެވެ. އަދި ޒީނާގެ ގައިގާ ނިކަން ލޯބިން ފިރުމާލިއެވެ.

***

"އައްސަލާމް އަލައިކުމް" ޔަހުޔާގެ އަޑަށް ކާކޭގައި ތިބެފައި ޒީނާއާއި ނާއިލް ނުކުތީ އެއްފަހަރަކާއެވެ. ސަލާމް ބަލައިގަތީ ނާއިލްއެވެ. ޔަހުޔާ އައުމުން އެންމެ ބޮޑަށް އުފާވެފައި ހުރީ ޒީނާއެވެ.

"އަވަހަށް ވަދޭ އެތެރެއަށް" ޒީނާ ދޮރުހުޅުވާލުމަށްފަހުގައި ޔަހުޔާއަށް އެތެރެއަށް ވަނުމަށް ދައުވަތު ދިނެވެ. ނަމަވެސް ޔަހުޔާ އަނގައިން ނުބުނެ އިރުކޮޅަކު ހުއްޓި ހުރީއެވެ. ގެއާއި ގޯތި ތެރެއަށް ވަރަށް ރަނގަޅަށް ނަޒަރު ހިންގާލިއެވެ. އަދި ގޭގެ ބިއްދޮށަށް ދިޔުމަށް ހިނގައިގަތެވެ. ވާއެއް ނުވާއެއް ނޭނގި ހުރި ނާއިލް ޒީނާއަށް ބަލާލުމަށްފަހުގައި އެއްބުމަ އަރުވާލިއެވެ. ޒީނާ ބަލާކަށް ނުހުރެ ޔަހުޔާ ފަހަތުން ހިނގައިގަތެވެ. ނާއިލްވެސް ޒީނާގެ ފަހަތުން ހިނގައިގަތެވެ.

ގޭގެ ބިއްދޮށްފަޅިއަށް ޖެހިލާ މުޅި ހިސާބަށް ޔަހުޔާ ބަލާލުމަށް ފަހުގައި ގެއަށް ވަނުމަށް އެދުނެވެ. ޔަހުޔާގެ އިރުޝާދުގެ ދަށުން ޒީނާއާއި ނާއިލް ގެއަށް ވަނުމުން ޔަހުޔާ ގެއަށް ވަނީ އެމީހުންގެ ފަހަތުގައި ހުރެގެންނެވެ.

"ތީ ނާއިލްދޯ؟" ޔަހުޔާ ގޭގެ އުނދޯލީގައި އިށީންނަން އުޅެފައި މަޑުކޮށްލިއެވެ.

"އާނ. ބޭބެއަށް ކިހިނެއް އެނގުނީ؟" ނާއިލް ހައިރާންވިއެވެ.

"ފުރަތަމަ ބޭބެ އިށީންނަން ގޮނޑިއެއް ގެނެސްދީބަލަ. ބޮޑަށް ރަނގަޅީ މިގެއަށް ބަދަލުވާން އެކޮއިމެން ގެނައި ގޮނޑިއެއް ގެނައިއްޔާ"  ޔަހުޔާ އެދުނެވެ. ޔަހުޔާއަކީ ކާކު ކަމެއް ނޭނގުނަސް ނާއިލް ޔަހުޔާ ބުނިގޮތަށް ކަންތައްކޮށް ދިނެވެ. ކާގެއަށް ވަދެ އިށީންނަން ބަހައްޓާފައިހުރި ތަނުން ގޮނޑިއެއް ގެނެސްދިނެވެ. ގޮނޑީގައި ހަމަޖެހިލައިގެން އިށީނުމަށްފަހުގައި ޔަހުޔާ ދެން ވާހަކަތަށް ފެށިއެވެ.

"ހާމިދު އަކީ އަހަރެންގެ ވަރަށް ގާތް ކުއްޖެއް. ހާމިދު މަރުވުމުގެ ކުރިން އަހަރެން ގާތަށް ވަރަށް ބޮޑު ކަމަކު އައި. އޭނަ ގަބޫލު ކުރި ގޮތުގައި ޒީނާއަށް ދިމާވެގެން އުޅެނީ ނަފްސާނީ މައްސަލައެއް ނޫން. ރޫހާނީ ކަމެއް. އެހެން އޭނަޔަށް ޝައްކެއްވާނީ ކޮންމެވެސް ކަމެއްވީމަ ކަމަށް އަހަންނަށް ގަބޫލު ކުރެވެނީ. ހާމިދު މަރުވި ރޭގައި އޭނަ އަހަންނާއި ބައްދަލު ކުރަން އައި. އަދި ބުނި އެރޭގައި ކަމެއް ޔަގީންވާނެއޭ. އޭނާއަށް އިންތިޒާރުކުރައްޗޭ. ކަމެއްދަމެއް ގޯސްވިއްޔާ ޒީނާއަށް ބަލާލައްޗޭ. އޭރު އަހަންނެއް ހިއެއް ނުކުރަން ހާމިދު ދެން ދުވަހަކުވެސް ނުފެންނާނެ ކަމަކަށް. އަދި ނުވިތާކަށް އަހަރެން ހީނުކުރަން މިއީ އެހާ ބޮޑު ކަމެއްކަމަކަށްވެސް." ޔަހުޔާ ނާއިލްއަށް ވިސްނޭނެ ގޮތަކަށް ކިޔާދޭން މަސައްކަތް ކުރިއެވެ.

"ތިބުނަނީ ޒީއަށް ދިމޭވެގެން އުޅެނީ ޖިންނި ކަމެކޭތަ؟" ނާއިލްއަށް ޒީނާއަށް ބަލާލެވުނެވެ. އާނއެކޭ ބުނުމުގެ ގޮތުން ޔަހުޔާ ބޯޖަހާލިއެވެ.

"އަދި ދިމާވެގެން އުޅެނީވެސް ވަރަށް ބޮޑު ކަމެއް. އާދައިގެ ޖިންނިއަކަށް، ހަންޑިއަކަށް އެފަދައިން މީހެއްގެ ދުވަސް ދުއްވާލާކަށް ނުއެއް ކެރޭނެ." ޔަހުޔާ ބުންޏެވެ. ނާއިލް ކޮންމެވެސް ވަރަކަށް ބިރުވެސް ގަތެވެ.

"އެކަމަކު ޒީއަށް ކީއްވެގެން؟ ޒީ އަކީ ދުވަހަކުވެސް މީހަކަށް ގޯސްކޮށް ކަމެއް ކުރި ކުއްޖެއް ނޫން. މީހަކާއި ދިމާއަށް ބާރަށް ބަހެއްވެސް ބުނާ ކުއްޖެއް ނޫން." ނާއިލްއަށް ކޮންމެވެސް ވަރަކަށް ގަބޫލުކުރަން ދަތިވާގޮތްވިއެވެ.
"ރޫހާނީ ކަމެއް ދިމާވެދާނެ ވަރަށް ބައިވަރު ކަންތައްތަކެއް ހުރެދާނެ. ތަނަކަށް ކުޅެއް ޖަހާއިރުގައި އަހަރުމެންނަށް ނޭނގި، ނުފެނިވެސް އެތަނުން އެއްޗެއްގެ ގަޔަށް ކުޅުޖެހިދާނެ. ނޫނީ އިރުއޮއްސޭވަގުތު ފެންވަރާ ހަދަންޏާވެސް ވެދާނެ. ނޫނީ ބަޔަކު ފަންޑިތަ ސިހުރު ހަދައިގެންވެސް އެފަދަ ކަމެއް ކޮށްފާނެ. ރޫހާނީ ކަންތައްތައް ދިމާވެ ދާނެ ކޮންމެ ފަދަ ގޮތަކަށްވެސް" ޔަހުޔާ އޮޅުން ފިލުވާދިނެވެ.

"ދެން އަހަރުމެން ކިހިނެއް ހަދަން ޖެހޭނީ؟" ނާއިލް ޒީނާއާއި ގާތްވެލާ ޒީނާގެ އަތުގައި ހިފާ ފިއްތާލިއެވެ.

"އަހަރުމެން ބަލަން ޖެހޭނީ ޒީނާ ފަހަތުން އުޅެނީ ކޯއްޗެއްތޯ؟ ކިހިނެއްވެގެންތޯ؟ ކޮން ބޭނުމެއްގައިތޯ؟ އެއަށްފަހުގައި ކުރިއަށްދާނެ ހުރިހާ ގޮތެއް ބެލޭނީ" ޔަހުޔާ ކިޔާދިނެވެ.

"މިގޭގައި އުޅެނީ ކިތަށް މީހުން؟ އެމީހުން ގޭގައި އުޅޭ ނަމަ މިތަނަށް ގެނެސްދީބަލަ" ޔަހުޔާ ވަށައިގެން ސިޓިންގ ރޫމަށް ބަލާލަމުން އެދުނެވެ.

"މިގޭގައި އުޅޭނީ ބައްޕައާއި، އަޅުގަނޑުމެން ދެމަފިރިން އަދި ދެ ކުދިން. ދެން ގޭގައި ގެންގުޅޭ ކުއްޖެއް ހުންނާނެ" ނާއިލް ކިޔާދިނެވެ. އެއަށްފަހު ތަސްލީމްގެ ކޮޓަރިއަށްވަދެ ތަސްލީމް ނެރުނެވެ. އެއަށްފަހު ދެކުދިން ނެރުނެވެ. ޒީނާ އަމްނާ އުރާލިއެވެ. ނާއިލް އަމާން އުރާލައިގެން މަޑުކޮށްލިއެވެ.


"ބައްޕައަށް ވާހަކައެއް ނުދެއްކޭ." ނާއިލް ޔަހުޔާއަށް އިތުރަށް ކިޔާދިނެވެ. އޭރު އަމްނާއާއި އަމާން ދެއަތް ހޫރުވާލާ އެކުދިންގެ ބަހުރުވައިން އެތަކެއް ވާހަކައެއް ދައްކަމުން ދިޔައެވެ.

"މިއީ ބައްޕައަށް ކޮންއިރަކު ދިމާވި ކަމެއް؟" ޔަހުޔާ ތަސްލީމްގެ އަތުގައި ހިފާ ކޮންމެވެސް އެއްޗެއް ކިޔަވަން ފެށުމުގެ ކުރިން އަހާލިއެވެ.

"މީހުން ކިޔާތީ އިވެނީ ބައްޕަ މިރަށުން ފޭބިފަހުންނޭ އެހެންވީ." ނާއިލް އަޑުއިވިފިފައިވާ ގޮތަށް ބުންޏެވެ.
"ތަސްލީމްދޯމީ؟" ޔަހުޔާ އަހާލިއެވެ.

"އާދެ." ނާއިލް އެހެން ބުނުމުން ޔަހުޔާ ކަމެއް ހަނދާންވާފަދައިން ބޯ ޖަހާލިއެވެ. އަދި އެއަށްފަހުގައި ފަހަރަކު ކުއްޖަކު އުރާލައިގެން ހުރެ ކޮންމެވެސް އެއްޗެއް ކިޔަވާލުމަށްފަހުގައި އެކުދިންގެ ގަޔަށް ފުމެލިއެވެ.

"ދެން ބުނި ކުއްޖާ ކޮބާ؟" ޔަހުޔާ އަހާލީ އެކަކު މަދުވުމުންނެވެ.

"ބަރްޝާ ހީވަނީ ކޮންމެވެސް ތަނަކަށް ދިޔައީހެން. އިރުކޮޅެއް ކުރިން ސައިގެ ކަންތަކުގައި ބަދިގޭގައި އުޅުނު. އެކަމަކު މިހާރަކު ނެތް." ޒީނާ ވާހަކަދެއްކިއެވެ.

"އެހެންވީމައި އެހެން ވަގުތެއްގައި އަންނާނަން. އެކޮއިމެން ބޭބެގެ ނަންބަރު ނަގާފައި ބާއްވާތި. ކަމެއް ދިމާވަންޏާ ގުޅާލާތި. އަދި ދިއުމުގެ ކުރިން އެއްވާހަކަ. ކުޑަދެކުދިން ފަސްގަޑި ބައިވުމަށްފަހުގައި ބޭރަށް ނުނެރޭތި. ކޮންމެ ރެއަކުވެސް ނާއިލް އޮންނަންވާނީ ޒީނާ ފެންނަ ހިސާބުގައި. ގޭތެރެއިން ދަންވަރު އަޑެއް އިވުނަސް ކޮޓަރިން ބޭރަށް ނުނިކުންނާތި. ކޮޓަރިއަށް މުޅިރެއަށްވާވަރަށް ފެންވައްދާފައި ބަހައްޓާތި. ބޭބެ ދާނީ މިއަދު ކުޑަ ކަމެއް ކޮށްލަދީފައި. ދެތިން ފާލެއް ބަލާލުމަށްފަހުގައި އިތުރަށް ކުރިއަށްދާނީ. ގޭގެ ގޯތިތެރޭގައި ވަގުތު ހޭދަކުރަން ނުހަދާތި. ކިނބިވަލަށް ނުވަންނާތި" ޔަހުޔާ ޒީނާއާއި ނާއިލްއަށް ސާފުވާނޭހެން ކިޔާދިނެވެ.

"ބޭބެއަށް ނުގޮސް މަޑުކޮށްލެވޭނެ ގޮތެއް ނޯންނާނެތަ؟ އޭތި ޔަގީނުންވެސް އަންނާނެ. ބޭބެ ގެނައިމަ ހުންނާނީ އަހަރެން ދެކެ ރުޅިވެސް އައިސްފަ ކަންނޭނގެ." ޒީނާ ބިރުގަތެވެ.

"އެކޮއި ހާސްނުވޭ. އޭތި ހުންނަން ޖެހޭނީ އެކޮޔަށް ބިރުދައްކަން ދުރުގައި. ކޮޓަރިން ނުކުމެގެން އެކޮއި ނުދާހާ ހިނދެއްގައި އެކޮޔަށް އެއްވެސް ކަމެއް ނުވާނެ." ޔަހުޔާ އެހެން ބުނުމަށް ފަހުގައި ނާއިލްމެންގެ ކޮޓަރިއަށް ވަދެހުރެ ފެންތައްޓެއް ކިޔަވާލިއެވެ. އަދި މުޅި ކޮޓަރި ތެރެއަށް އެ ފެންތަށިން ފެން ބުރުވާލިއެވެ. ކުޑަދޮރުތައްލައްޕާ ފޮތިގަނޑުތަށް ދަމާލިއެވެ. ޔަހުޔާގެ ސަބަބުން ޒީނާ ކުޑަކޮށް ހިތްހަމަ ޖެހޭ ގޮތްވިއެވެ. ނަމަވެސް ނާއިލް ހުރީ އަދިވެސް ގަބޫލު ކުރަންދަތި ވެފައެވެ.

ޔަހުޔާގެ ފަހަތުން ނާއިލް ގޭ ދޮރުމައްޗަށް ނުކުތެވެ.

"އަހަންނަކަށް ހިއެއްނުވޭ ތަސްލީމަށް އެއީ ޑޮކްޓަރީ ކަމެކޭ.  ބޭބެއަށް ގަބޫލުކުރަން ވަރަށް ދަތިވޭ." ޔަހުޔާގެ މިވާހަކައިން ނާއިލްއަށް ލިބުނީ އަނެއްކާ އިތުރު ހައިރާން ކަމެކެވެ. އެއްފަހަރާ މާ ގިނަ ވާހަކަތަކެއް ޔަހުޔާ ދެއްކުމުން އެ ހުރިހާ ކަންކަމެއް ނަގައި ނުގަނެވިފައެވެ.

"ހާސްނުވޭ ނާއިލް. އިރާދަކުރެއްވިއްޔާ ތިދެކުދިން ތިކަންތައްތަކުން ސަލާމަތްކޮށްދޭނަން. މާދަމާ ހެނދުނު ބޭބެ އަންނާނަން. އަންނަންދެން ޒީނާއަށް ވަރަށް ރަނގަޅަށް ބަލާތި. މިއަދު ބޭބެ މިތަނަށް އައިސް މިހުރިހާ ވާހަކައެއް ދެއްކީމަ އެ އެއްޗެއް ހިތްހަމަ ނުޖެހި ރުޅިއައުމަކީ ވަރަށް އެކަށީގެންވާ ކަމެއް" ޔަހުޔާ ނާއިލް އަންނަން އުޅޭ ތޫފާނަށް ތައްޔާރުކޮށްލިއެވެ.

އާނއެކޭ ބުނުމުގެ ގޮތުން ނާއިލް ބޯ ޖަހާލުމުން ޔަހުޔާ ހިނގައި ގަތީ ގެއަށް ދިޔުމަށެވެ. ކުރަންޖެހޭ ހުރިހާ ކަމެއް ސިކުނޑީގައި ރާވާލަމުންނެވެ. ނާއިލްމެންގެ ގެއާއި މާދުރަށް ނުދެވެނީސް ޔަހުޔާއަށް ފެނުނީ ތަންކޮޅެއް ދުރުގައި ޔަހުޔާއަށް ލޯއަޅައިގެން ބަލަން ހުރި ބަރްޝާއެވެ. ޔަހުޔާ ހުރި ފިޔަވަޅު މައްޗަށް ހުއްޓި ހުރެ ބަރްޝާއަށް ބަލާލިއެވެ.

ބަރްޝާގެ މޫނުމަތިން ފެންނަމުން ދިޔައީ ހިތްހަމަނުޖެހިފައި ހުރި ކަމުގެ ނިޝާންތަކެވެ. ޔަހުޔާއަށް އެއީ ކާކުކަން ވަގުތުން އެނގުނު ކަހަލައެވެ. ޔަހުޔާ ބަލަން ހުއްޓާ ބަރްޝާ ހިނގާލާފައިގޮސް ވަނީ ކިނބިވަލަށެވެ. ފަސްއެނބުރި ބަލާވެސް ނުލައެވެ. ޔަހުޔާ ކޮންމެވެސް އެއްޗެއް ކިޔެވެއްޔެއް ކިޔަވާލުމަށްފަހުގައި އަނެއްކާވެސް ހިނގައިގަތެވެ. މިހާރު ޔަހުޔާއަށް ކުރިމަތި ލާންޖެހެނީ ކާކާއި ކަން އެނގިހުރެއެވެ.

ނުނިމޭ

މިލިޔުން ކިޔާލުމުން
326
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. Nee

    Update vaaleh maalas,pls avas kohla Bala

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ