ބުންޑެސްލީގާގެ ޓޮޕް ސްކޯރަރ ލެވެންޑޯސްކީ ރާއްޖޭގައި

ޖަރުމަން ބުންޑެސްލީގާގެ މިސީޒަންގައި މިހާތަނަށް އެންމެ ގިނަ ލަނޑު ޖެހި ބަޔާން މިއުނިކްގެ ރޮބާޓް ލެވެންޑޯސްކީ އާއަހަރުގެ ޗުއްޓީއަށް ރާއްޖޭ އަތުވެއްޖެއެވެ.

އަހަރުގެ ފަހުވަގުތު ކޮޅުގައި އާޢިލާއާއެކު އުފާވެރި ވަގުތުތަކެއް ހޭދަކުރަމުންދާކަމަށް ބުނެ މީސްމީޑިއާގައި ލެވެންޑޯސްކީ ބައެއް ފޮޓޯވެސްވަނީ ޙިއްސާކޮށްފައެވެ. އެހެންނަމަވެސް އޭނާ ޗުއްޓީ ހޭދަކުރަމުންދަނީ ރާއްޖޭގެ ކޮން ރިޒޯޓެއްގައިކަމެއް ހާމަކޮށްފައެއް ނުވެއެވެ.

ރާއްޖެއަކީ ފަތުރުވެރިންގެ ތެރޭގައި ފާހަގަކޮށްކެވޭ މަންޒިލަކަށްވާއިރު، ދުނިޔޭގެ މަޝްހޫރު އެތަށް ތަރިންނެއް ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖެ އަންނަމުންދެއެވެ. ޚާއްސަކޮށް އާ އަހަރު ފަދަ ފާހަގަކޮށްލެވޭ ދުވަސްތަކުގައެވެ.

ޑޯޓުމުންޑް ދޫކޮށް ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކާއި ލެވެންޑޯސްކީ ގުޅުނީ 2014 ވަނަ އަހަރުގެ ޖުލައި މަހުއެވެ. އޭގެ ފަހުން ބަޔާންއާއެކު ގިނަ ކާމިޔާބުތަކެއް ހޯދާފައިވާ ލެވެންޑޯސްކީ 5 ފަހަރު ބުންޑެސްލީގާގެ ޗެމްޕިއަންކަން ހޯދާފައިވާއިރު، ޖަރުކަޕް ދެފަހަރެއްގެ މަތިން ކާމިޔާބުކޮށްފައިވެއެވެ.

މިސީޒަންގައި މިހާތަނަށް ކުޅުނު 17 މެޗުން ކާމިޔާބުކޮށްދިން 19 ލަނޑާއެކު ބުންޑެސްލީގާގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިންގެ ލިސްޓްގެ އެންމެކުރީގައި އޮތީ ލެވެންޑޯސްކީއެވެ.

މިސީޒަންގައި ރަނގަޅު ފޯމެއްގައި ހުރި ލެވެންޑޯސްކީގެ ފަރާތުން ގިނަ ލަނޑުތަކެއްވަނީ މިހާތަނަށް ފެނިގެން ގޮސްފައެވެ. އެގޮތުން މިސީޒަންގައި ކުޅުނު ޗެމްޕިއަންސް ލީގު ފަސް މެޗުން 10 ލަނޑު ލެވެންޑޯސްކީ ކާމިޔާބުކޮށްދީފައިވާއިރު، ރެޑްސްޓާ ބެެލްގްރޭޑް ކޮޅަށްޖެހި ހަތަރު ލަނޑާއެކު ޗެމްޕިއަންސް ލީގު މެޗެއްގައި އެންމެ އަވަހަށް 4 ލަނޑު ހަމަކުރި ކުޅުންތެރިއަކަށްވެސް ލެވެންޑޯސްކީވަނީ ވެގެން ގޮސްފައެވެ.

އެމެޗުގައި ލެވެންޑޯސްކީވަނީ 14 މިނަޓާއި 31 ސިކުންތުތެރޭ ހަތަރު ލަނޑުޖަހާފައެވެ. އަދި ޗެމްޕިއަންސް ލީގު ގްރޫޕް ސްޓޭޖްގައި ޖެހިޖެހިގެން ނުވަމެޗުގައި ލަނޑުޖެހި ދެވަނަ ކުޅުންތެރިއަކަށްވެސް އޭނާވަނީ ވެގެން ގޮސްފައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ