ކިނބިވަލު ކަމަނަ (12)

(އެގާރަވަނަ އަދަދާއި ގުޅޭ)

މަޑުމަޑުން ޒީނާގެ އަތުން ދޫކޮށްލުމަށްފަހުގައި ބަރްޝާ ޒީނާގެ ބޮލުގައި އަތްކާއްތާލިއެވެ. ޒީނާގެ ބޮލުގައި ޖަހާފައިވާ ހުޅި މަޑުމަޑުން މޮހާލިއެވެ. އެއަށްފަހު އަމިއްލަ ބޮލުން ކިނބިމާތަށް ނައްޓާ ޒީނާގެ އިސްތަށިގަނޑުގައި ހަރުކުރަމުން ދިޔައެވެ. އޭރުވެސް ހަރަކާތް ހުއްޓިފައި ޒީނާއިނީއެވެ. ވަމުންދާ އެއްވެސް ކަމެއްގެ ހިލަމެއްވެސް ނުވާ ހާލުގައެވެ. އެ ބިރުވެރިކަމުން ސަލާމަތްވުމަށް އެހީއަށް އެދިގޮވަންވެސް ނުކުޅެދިފައެވެ.

***

ފަތިސްނަމާދަށް މުދިމަށް ބަންގި ދިނުމާއި އެކުގައި ރަށުތެރޭގައި މީހުން ހިނގާބިނގާވެ އުޅެން ފެށިއެވެ. ފަތިސް ނަމާދުން ފައިބައިގެން ބައެއް ފިރިހެންވެރިން ރަށުގެ އަތިރިމަތީގައި ހުރި އަށިތަކުގައި އެކި ވާހަކަތަށް ދެއްކުމުގައި ތިބިއިރު އަންހެންވެރިން ގޭގައި ސައްތައްޔާރުކޮށް ގޯތިތެރެއާއި މަގުތަކުގެ މަތި ކުނިކަހާ ސާފުކޮށް ހަދަމުން ދިޔައެވެ. ނާއިލްމެން ގޭގެ ދޮރުމަތި ކުނިކަހާ  ކުނިތަށް ނަގާ ހެދުމުގައި ޒީނާވެސް އުޅުނެވެ. މޫނުމަތިން ފެންނަމުން ދިޔައީ އުފާވެރިކަމެވެ. ހިތްހަމަ ޖެހުމެވެ.

ޒީނާ ނުފެނުމުން ހާސްވެގެން ބޭރަށް ނުކުތް ނާއިލްއަށްވެސް ހިނިތުންވެވުނީ ޒީނާ ހިތްހަމަ ޖެހިފައި ހުއްޓާ ފެނުމުންނެވެ. ޒީނާއަށް ރޭކާވެސް ނުލާނެފަދައިން މަޑުމަޑުން ފިޔަވަޅުތަކެއް ނަގަމުން ގޮސް ނާއިލް ޒީނާ ގައިގާ ބައްދާލީ ފުރަގަހުންނެވެ. ނާއިލްގެ ހިތުން އޭނާ އަންނަ ކަމެއް ޒީނާއަކަށް ނޭނގޭނެއެވެ. ނަމަވެސް ޒީނާގެ ހަށިގަނޑުގައި ވި ބަރްޝާއަށް އެކަން ނޭނގި ހުރެދެނެ ހެއްޔެވެ؟

"ނާއިލް. ގުޑް މޯނިންގ" ޒީނާ އެނބުރިލާ ނާއިލްގެ ނިއްކުރިއަށް ބޮސްދެމުން ބުނެލިއެވެ.

"ގުޑް މޯނިންގ ލޯބިވާ. ހާދަ ހިތްހަމަ ޖެހިފައޭ ތިހުރީ" ނާއިލް ހިނިތުންވެލަމުން އޭނާގެ އަތުގެ ތެރެއަށް ޒީނާލާ ބާރުކޮށްލިއެވެ.

"އާނ އުފާވާނެ އެއްނު. ޔަހުޔާގެ މޮޅުކަމުން މިހާރު ހުރިހާ ކަމެއްވެސް މި ރަނގަޅުވީ. ދެން ޔަހުޔާ މިގެއަށް ނަޔަސް ވާނެ. މިހާރު އަހަރެން ބަރާބަރު." ޒީނާ ނާއިލްގައިގާ ބައްދާލައިގެން ހުރެ ތުއިވެފައި ވާހަކަ ދެއްކިއެވެ.
"ޒީއަށ ފެންނަ ގޮތެއް." ޒީނާއާއި ދެބަސްވުމަކަށް ނާއިލް ބޭނުމެއް ނުވެއެވެ. ހާއްސަކޮށް އެހާ ގިނަ ދުވަސްތަކަކަށް ފަހުގައި ޒީނާ އެހާ އުފަލުން ހުއްޓާ ފެނުމުންނެވެ.

ޒީނާ ބޭނުންވި ގޮތަށް ނާއިލް ޔަހުޔާއަށް ގުޅާ ދެން އިތުރަށް ނަޔަސް އެންމެ ރަނގަޅުކަމަށް ބުންޏެވެ. އިތުރު ކަމަކަށް ބޭނުންވެއްޖެނަމަ އެހީއަކަށް އެދި ގުޅާނެ ކަމަށް ބުނެ ޝުކުރު އަދާކުރިއެވެ. ކުއްލިއަކަށް ނިންމި ނިންމުމަކީ ޒީނާގެ ނިންމުމެއް ކަމަށްވެސް ނާއިލް ޔަހުޔާ ގާތުގައި ބުންޏެވެ. އެންމެ ރަނގަޅޭ ބުނެ ޔަހުޔާ ފޯނު ބޭއްވި ނަމަވެސް އެހާ އަވަހަށް އެކަމުން އެދެމަފިރިން ސަލާމަތް ނުވާނެކަން ޔަހުޔާއަށް އެނގެއެވެ. ވެގެން އުޅޭ ގޮތެއް ނޭނގި، ކުރަން ނިންމި ކަންތައް ހުއްޓާ ނުލުމަށް އަޒުމު ކަނޑައެޅި ޔަހުޔާ ނިންމީ ދުވަސްކޮޅެއް ވަންދެން ދުރުދުރުން އެގޭގެ ކަންތައްތައް ބެލުމަށެވެ.

މެންދުރު ނަމާދަށް ބަންގި ގޮވަން ގާތްވުމާއި ހަމައަށް ޒީނާގެ އުޅުން ހުރީ އާދައިގެ ގޮތަކަށެވެ. ނާއިލް ގާތުގައި އަބަދު ހުއްޓެވެ. ނާއިލްއާއި ގާތްވުމަށް މަސައްކަތް ކުރަމުން ދިޔަ ނަމަވެސް ކުދިން ހޭލާ ރޯވަރުން ނާއިލްއާއި ގާތްވެވޭ ގޮތެއް އޭނާއަކަށް ނުއެއް ވެއެވެ. ޒީނާގެ އުޅުމަށް އައި ލާނެތް ބަދަލުގެ ސަބަބުން ނާއިލް ކުޑަކޮށް ހައިރާންވީ ނަމަވެސް އެއީ އެހާ ދުވަސްވަންދެން ބަލިކޮށް އުޅެފައި ރަނގަޅުވުމުން ވާގޮތެއް ކަމަށް ނާއިލް ގަބޫލު ކުރިއެވެ.

މެންދުރު ނަމާދަށް ބަންގިގޮވަން ގާތްވަމުން ދިޔަ ވަރަކަށް ޒީނާއަށް އުނދަގޫތަކެއް ވަމުން ދިޔައެވެ. ބޮލަށް އުނދަގޫވާ ގޮތްވަނީއެވެ، ތަދުވަނީއެވެ. ރުޅި ގަދަވަނީއެވެ. ބަންގި ގޮވަން ފެށުމާއި އެކުގައި ނާއިލް ބިރުން ހަލާކު ނުވީ ކިރިޔާއެވެ. ޒީނާގެ ހެއަށް ގޮތްވެ ބިންމައްޗަށް ވެއްޓި ތެޅެން ފެށިއެވެ. މަދު ސިކުންތު ކޮޅެއްގެ ތެރޭގައި އިށީނދެއްޖެއެވެ. އަދި ބޮލުގައި ދެއަތުން ހިފަހައްޓާ މޮޔައެއްހެން ވަށައިގެން ބަލަން ފެށިއެވެ.

"ނާއިލް އަހަރެން ސަލާމަތްކުރޭ. އޭނަ އަހަރެން މަރާލާނެ، އޭނަ މިގެއިން ނެރޭ. މިހުރިހާ ކަމެއް ކުރަނީ އޭނަ" މިފަދައިން ކިޔުމުގައި އިނެވެ. ނާއިލް ގޮސް ޒީނާ ގައިގާ އަތްލާން އުޅުމުން ނާއިލް އަތުގައި ބާރު އެތިފަހަރެއް ޖަހާ ދުރަށް ދުއްވައިގަތެވެ.

"އަހަންނާއި ގާތް ނުވޭ. އޭރުން ނާއިލްއަށްވެސް އޭނަ ގޮތްގޮތް ހަދާނެ" ޒީނާ އަޑުން އަޑުނަގާ ރޮމުން ގެންދިޔައެވެ. ހުރިހާ ކަމަކަށް ހުއްޓުމެއް އައީ ބަންގި ނިމުމާއި އެކުގައެވެ. ޒީނާ ހުއްޓުން އެރިއެވެ. ހީވަނީ މީހާގެ ހަށިގަނޑަށް އެހެން މީހެއްގެ ބާރު ފޯރިހެންނެވެ.

ހިނިތުންވެލަމުން ސޮރީއޭ ބުނެލާފައި ޒީނާ ގޮސް އެނދުމަތީގައި އިށީނީ އެއްވެސް ކަމެއް ނުވާފަދައިންނެވެ. ނުވަތަ އޭނާގެ ހަނދާނުގައި އެކަން ނެތްފަދައިންނެވެ. ނޫންނަމަ ހަނދާން ހުރި ނަމަވެސް އެވާހަކަ ދައްކަން ބޭނުން ނުވާފަދައިންނެވެ.

ޒީނާގެ އުޅުމަށް ބަދަލު އަންނަމުން ދިޔައީ ހަމައެކަނި ބަންގި ވަގުތުތަކަށެވެ. ބަންގިވަގުތު ޖެހުމުން ޒީނާގެ ހެއަށް ގޮތްވަނީއެވެ. މޮޔައެއް ފަދައިން މޮޔަ ގޮވާ އަމިއްލަ މީހާއަށް އަނިޔާ ކުރަން މަސައްކަތް ކުރަނީއެވެ. ބައެއް ފަހަރު ބަންގިވަގުތު ޖެހެންވާއިރަށް ނާއިލް ޒީނާ ގޮނޑިއެއްގައި ބައިންދާ ބަންނަންވެސް ހިތަށް އަރައެވެ. ނަމަވެސް ލޯބިވާ އަނބިމީހާއަށް އެހެން ހަދަން ނުކެރެނީއެވެ. އެކަންތަކާއި ކަންބޮޑުވެ ނާއިލް ޒީނާ ޑޮކްޓަރަށްވެސް ދައްކަން ގެންދެއެވެ. ނަމަވެސް ޒީނާގެ އުޅުމުން ބައްޔެއް ހުންނަހެންވެސް ޑޮކްޓަރުންނަށް ހިއެއް ނުވެއެވެ. އެހެން ކަމުން ކޮންމެ ފަހަރަކުވެސް އަނބުރާ ގެއަށް ދޫކޮށްލަނީއެވެ.

ހުރިހާ ހައިޖާނުގަނޑެއްގެ ތެރޭގައި އެންމެ ބޮޑު އަނިޔާވެރިކަމެއް ލިބެމުން ދިޔައީ ތަސްލީމްއަށާއި ކުދިންނަށެވެ. ބަރްޝާގެ ފަރާތުން ތަސްލީމަށް ލިބެމުން ދިޔަ ކުދި އަނިޔާތަކަށް ކެތްކުރަން ކިތަންމެ ދަތިވިނަމަވެސް އޭނާއަށް އެނޫން ގޮތެއް ނެތުމުން އިންނަނީއެވެ. އަނެއްކޮޅުން ކުދިންގެ ސަބަބުން ބަރްޝާއަށް ޒީނާގެ ހަށިގަނޑުގައި ވިއެއް ކަމަކު ނާއިލްއާއި ގާތެއް ނުއެއް ވެވެއެވެ. އެކަމުގެ ރުޅިވެރިކަން ބަރްޝާ ބާލަން ގަސްތުކުރަމުން ދިޔައީ ކުދިންނަށެވެ. ކުދިން ދުނިޔޭގައި ތިބިހާ ދުވަހަކު އޭނާ ބޭނުންވާގޮތަށް ނާއިލްއާއި އެކުގައި ނޫޅެވޭނެކަން އޭނާއަށް އެނގެއެވެ. އެހެން ކަމުން ނާއިލްއަށް ޝައްކެއް ނުވާފަދަ ގޮތަކަށް ކުދިންގެ ދުވަސް ދުއްވާލުމަށް ބަރްޝާ އައީ ރާވަމުންނެވެ.

ދުވަހަކަށް ފަހު ދުވަހެއް މިގޮތުގައި ހޭދަވަމުން ދިޔައެވެ. ނާއިލްގެ ހިތުގައި އެތަކެއް ސުވާލުތަކެއް އުފެދެމުން ދިޔައެވެ. ކޮންމެ ބަންގި ގަޑިއެއްގައި ޒީނާއަށް ވާ ގޮތްތަކާއި ދޭތެރޭގައެވެ. ކިޔާ އެއްޗެއްސާއި ބެހޭގޮތުންނެވެ. ރަނގަޅަށް ހުންނަ ވަގުތުތަކުގައިވެސް އޭނާގެ އުޅުމަށް އައިސްފައިވާ ބަދަލު ތަކުގެ ސަބަބުންނެވެ. އެ ހުރިހާ ކަމަކާއި އެކަނިމާއެކަނި ވިސްނާ ވިސްނާ އޭނާގެ ސިކުނޑި ސުމަކަށްދާވަރު ވެއްޖެއެވެ.

"އެކޮއި މިތާ ކީއްކުރަނީ؟" އަތިރިމަތީގައި އިށީދެނގެން އިން ނާއިލް ފެނުމުން ޔަހުޔާ އަހާލީ، އޭނާގެ ކައިރީގައި އިށީންނަމުންނެވެ.

"ބޯ ހަމަޖައްސާލަން މިތަނަށް އައިސްލީ. އެކަމަކު ދާންވީ ދެންދާން. އަސްރަށް ގޮވަން ގާތްވަނީއެއްނު؟" މާނޭވާއެއް ލަމުން ނާއިލް ބުންޏެވެ.

"ކަމެއް ގޯސްވެގެންތަ ތިއުޅެނީ؟ އަނެއްކާ ޒީނާ ރަނގަޅުތަ؟" ޔަހުޔާއަށް އަހާލެވުނެވެ.

"ތީއެއްނު މައްސަލައަކީ. ބައެއް ފަހަރު ހީވޭ ޒީ ރަނގަޅޭ. އަނެއްބައި ފަހަރު އަހަރެންގެ ސިކުނޑި ސުމަކަށްދާވަރުވޭ. ހަގީގަތަކީ ކޮބައިކަމެއް މިހާރު އަހަންނަކަށް ނޭނގޭ. ނަމާދު ގަޑި ޖެހެން ގާތްވާއިރަށް ޒީނާ ކޮންމެ ދުވަހަކުވެސް، ކޮންމެވެސް ފަތިވަރެއް ދަމަން ފަށާނެ. ކޮންމެވެސް މީހަކު އޭނަ މަރާލަން އުޅޭވާހަކަ. ކުދިން މަރާލަން އުޅޭ ވާހަކަ. އަނެއްބައި ފަހަރު ޒީނާ ހީވާނީ އެއްވެސް މައްސަލައެއް ނެތް ފުރިހަމަ މީހެކޭ. އަހަންނަކަށް ނޭނގޭ." ނާއިލް ބޮލުގައި އަތްއަޅާލަމުން ބުންޏެވެ. ނާއިލް ދެއްކި ހުރިހާ ވާހަކައެއް އަޑުއަހަން ޔަހުޔާ އިނީ ވަރަށް ވިސްނައިގެންނެވެ. ވަމުން ދާ ހުރިހާ ކަމެއް ޔަހުޔާއަށް އެނގޭ ފަދައިންނެވެ.

"ފަހުން ވާހަކަ ދައްކާލަން ގުޅާލާނަން. މިވަގުތު މިދަނީ. ބަންގި ގޮވަން ވަރަށް ގާތްވެއްޖެ." ނާއިލް ތެދުވެ ފޫކޮޅުގައި ހުރި ވެލިތަށް ފޮޅާލަމުން ބުނެލިއެވެ.

"ނާއިލް. ހިނގާ އަހަރެންވެސް ގޮސްލާނަން" ޔަހުޔާވެސް ތެދުވެ ނާއިލްއާއި އެކުގައި އެގެއަށް ދާން ހިނގައިގަތެވެ.
ބާރު ހިނގުމެއްގައި ނާއިލްއާއި ޔަހުޔާ ހިނގާފައި ދިޔަ ނަމަވެސް ގެއާއި ހަމައަށް ދެވުނީ ބަންގި ގޮވަން ފެށިފަހުންނެވެ. ނާއިލް ދުވެފައި ގޮސް ގެއަށް ވަތްއިރުގައި ޒީނާ ދެކުދިން ގައިގާ ބައްދާލާއިގެން ކޮޓަރީގެ އެއްކަނަކަށް ވަދެ އިނީ ރޯށެވެ. ގޮވަނީ ހަމަ އެއްކަލަ ފަތިވަރެވެ.

"ޒީނާ. ނިކަން ހަމަޖެހިލަބަލަ. ބޭބެ މިއިނީ މިތާނގަ. އެއްވެސް މީހަކަށް އެއްވެސް ކަމެއް ނުކުރެވޭނެ މިވަގުތަކު. ނިކަން ހަމަޖެހިލާފައި ކުދިން އެނދުމަތީ ބައިތިއްބާފައި މިތަނަށް އައިސްލަބަ." ކޮޓަރީގެ ދޮރު ކައިރީގައި ގޮނޑިއެއް އަޅައިގެން އިށީންނަމުން ޔަހުޔާ އެދުނެވެ. ކުޑަ ވަގުތު ކޮޅަކަށް ފަސްޖެހުނު ނަމަވެސް ޒީނާ ޔަހުޔާ ބުނި ގޮތަށް ކަންތައް ކުރިއެވެ. ނާއިލް ޒީނާ އަތުގައި ހިފަހައްޓާލައިގެން ގޮސް ޔަހުހާ ކައިރިއަށް ހުއްޓުނެވެ.

"ބޭބެއަށް ކިޔާދީބަ ވެގެން އުޅޭ ހުރިހާ ކަމެއް" ޔަހުޔާ އޭރުވެސް ކޮންމެވެސް ކިޔެވެއްޔެއް ކިޔަވަމުން ގެންދިޔައެވެ.
"އެރޭ.. އެރޭ ހަނދާންނެތިގެން ބޭރަށް ނުކުމެވުނީ. ފެ.ފެ.ފެން ބޯންވެގެން. އޭރު އެތާ ގޮނޑީގައި އޭތި އިނީ. އަހަންނަށް ބަލަން. އެ ރަތްކުލައިގެ ދެލޮލުން. އުނދޯލިވެސް އަމިއްލައަށް.. އަމިއްލައަށް ހެއްލެނީ. އޭނަ އޭނަ އަހަންނަކަށް ނޭނގޭ. އަހަރެން މޮޔަވެދާނެ. އޭނަ އަހަރެން މަރާލާނެ. އަހަރެން ސަލާމަތްކޮށްދީ. އަހަރެންގެ ކުދިން ސަލާމަތްކޮށްދީ." ޒީނާ ރޮމުން އާދޭސް ކުރަމުން ކުޑަކަކޫ މައްޗަށް ވެއްޓިގަތެވެ.

ޒީނާ އެހާ ތަފްސީލުކޮށް އެ ހުރިހާ ވާހަކައެއް ކިޔާދިން އެއީ ފުރަތަމަ ފަހަރެވެ. ނާއިލްއަށް ހުރެވުނީ ގަބޫލުކުރަން ދަތިވެފައެވެ.

"މީ ކޮންހާ ކިނބިމަލެއް ކޮޓަރީގައި" ޔަހުޔާ ޒީނާއަށް ބަލަންއިނދެގެން އަނެއްކާވެސް ސުވާލުކޮށްލިއެވެ.
"އޭނަ.. އޭނަ . އަންނާނެ. މިހާރު. އޭނަ ގެންނާނެ. ކިނބިމާ. އޭނަ. ކިނބިވަލު ކަމަނަ." ޒީނާ ބިރުން ކޮޓަރީގެ އެކިތަންތަނަށް ބަލަން އިނދެގެން ވާހަކަ ދެއްކީ ވައި އަޑުންނެވެ. މީހަކަށް އިވިދާނެތީ ބިރުން އުޅޭހެންނެވެ.
"އެ ހެރީ އޭނަ" ޒީނާއަށް ބުނެވުނީ އެހާވަރަށެވެ. ބަންގިގޮވާ ނިމުނީއެވެ. ޒީނާ ހުއްޓުންއެރިއެވެ. ކުޑަކަކޫ މައްޗަށް ތިރިވެ އިން ޒީނާ ކުއްލިއަކަށް ފުންމައިގެން ތެދުވިއެވެ. ދެލޮލުން ކަރުނަ ފޮހެލިއެވެ. ޔަހުޔާއަށް ބަލާލުމަށްފަހުގައި ބިރުވެރި އަޑެއް ކަރުތެރެއިން ނެރެ ހޭންފެށިއެވެ.

ނުނިމޭ

މިލިޔުން ކިޔާލުމުން
14
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ