"އެ ހެރީ އޭނަ" ޒީނާއަށް ބުނެވުނީ އެހާވަރަށެވެ. ބަންގިގޮވާ ނިމުނީއެވެ. ޒީނާ ހުއްޓުންއެރިއެވެ. ކުޑަކަކޫ މައްޗަށް ތިރިވެ އިން ޒީނާ ކުއްލިއަކަށް ފުންމައިގެން ތެދުވިއެވެ. ދެލޮލުން ކަރުނަ ފޮހެލިއެވެ. ޔަހުޔާއަށް ބަލާލުމަށްފަހުގައި ބިރުވެރި އަޑެއް ކަރުތެރެއިން ނެރެ ހޭންފެށިއެވެ.
ނާއިލްއަށްވެސް ސިއްސައިގެން ގޮސް ފަހަތަށް ޖެހެވުނެވެ. ޒީނާގެ ކަރުތެރެއިން ނުކުތީ މީގެ ކުރިން ދުވަހަކުވެސް ޒީނާގެ ކަރުތެރެއިން ނުނުކުންނަ ފަދަ ބަރު ބިރުވެރި އަޑެކެވެ. ނާއިލްއަށް ހީވީ ބިރުވެރި ފިލްމެއްގައި ބެލުންތެރިން ސިއްސުވާލަން ލާފައިވާ ހަޅޭކެއް ފަދައިންނެވެ.
"ޒީ. ޒީއަށް ކިހިނެއްތި ވަނީ؟" ނާއިލްގެ އަޑު ތުރުތުރުލަމުން ދިޔަ ނަމަވެސް ހިތްވަރުކޮށްފައި އަހާލިއެވެ. ނާއިލް އެހެން އަހާލުމާއި އެކުގައި ޒީނާ އެއްފަރާތަކަށް ބޯ އަރިކޮށްލާފައި ދޫބޭރަށް ނެރި ނާއިލްއާއި ދިމާއަށް ވައްތަރެއް ޖައްސާލިއެވެ. ޒީނާ ޖައްސަމުން ދިޔަ ހުރިހާ ވައްތަރެއް ބެލުމަށް ޔަހުޔާ އިނީ ކޮންމެވެސް އެއްޗެއް ކިޔަވަމުންނެވެ.
"ނާއިލް ގޮސް ކުދިން ނަގައިގެން އާދޭ" ޔަހުޔާ ކިޔަވަމުން ދިޔަ އެއްޗެއް ހުއްޓާލުމަށްފަހުގައި އެދުނެވެ. ނާއިލްއަށް ބަލާލެވުނީ އެނދަށެވެ. ދެކުދިން އެނދުމަތީގައި ސަކަރާތް ޖެހުމުގައި ތިބި އިރު ވަށައިގެން ވަމުން ދާ އެއްވެސް ކަމެއް އެކުދިންނަށް އެނގޭހާ ބޮޑެއް ނުވެއެވެ. ނާއިލްއަށް ވުރެ އެނދާއި ކައިރީގައި ހުރި ޒީނާ ދުވެފައި ގޮސް ހުއްޓުނީ އެނދު ކައިރީގައެވެ.
"ހަބަރުދާރު! ކުދިންނާއި ގާތް ނުވާތި. ކަލޭ ހީކުރަނީ ކުދިން ގެންދިޔައިމަ އަހަންނާއި ނާއިލް ދުރުވާނެ ކަމަށްތަ؟ ނުވާނެ" އެ ބަރު ބިރުވެރި އަޑުން ޒީނާ ވާހަކަ ދެއްކިއެވެ.
"ނާއިލް ދޭ ކުދިންނަގަން." ޔަހުޔާވެސް ގޮނޑިން ތެދުވެލަމުން އަނެއްކާވެސް އެދުނެވެ. އޭރުން ބިރުން ހުރި ނާއިލްއަށް އެއީ ޒީނާ ނޫންކަން ހާމަވެ ޔަގީންވަމުން ދިޔައެވެ.
ނާއިލް ބަލަން ނުހުރެ ދުވެފައި ދިޔައީ ކުދިން ނަގާށެވެ. ނަމަވެސް ނާއިލްއަށްވުރެ ޒީނާ މާ ހުޝިޔާރެވެ. ނާއިލްއަށް ނެގުނީ އެއްކުއްޖެކެވެ. ޒީނާއަށް އަނެއްކުއްޖާ ނެގިއްޖެއެވެ. ޒީނާ އަމްނާ ނެގުމާއި އެކުގައި ކުޑަކުޑަ އަމްނާ ރޯން ފެށިއެވެ.
"ކުއްޖާ ގައިން ދޫކޮށްލާ." ޔަހުޔާ އިންޒާރު ދޭ ރާގެއްގައި ބުނެލިއެވެ.
"އެހެން ނޫނީ ކަލެއަށް ކީއްކުރެވޭނީ؟" ޒީނާ ޔަހުޔާއާއި ޖަދަލު ކުރަން ފެށިއެވެ.
"އެހެން ނޫނީ އަހަންނަށް ކުރެވުނު ކޮންމެ ކަމެއް އަހަރެންވެސް ކުރާނަން" ޔަހުޔާ ކިޔެވެއްޔެއް ކިޔަވަމުން ޒީނާއާއި ގާތްވާން ފެށިއެވެ. އިރުކޮޅެއް ވަންދެން ޒީނާ ގަދަ ދެއްކުމުގައި ހިފެހެއްޓިއެވެ. ނަމަވެސް ޔަހުޔާ ގާތްވަމުން އައި ވަރަކަށް އޭނާއަށް އައީ އުނދަގޫތަކެއް ވަމުންނެވެ. ބޯ ދެއަތަކަށް ގަދަބާރުން ދާހެންވެސް ހީވެއެވެ. ޔަހުޔާ ކުރިއަށް އަޅަމުން ދިޔަ ކޮންމެ ފިޔަވަޅަކަށް ޒީނާ ދިޔައީ ފަހަތަށް ފިޔަވަޅެއް އަޅަމުންނެވެ.
"ހަމަ މިހާރު ކުއްޖާ ގައިން ދޫކޮށްލާ" ޔަހުހާ އަޑު ބާރުކޮށް ހަޅޭއްލަވައިގަތެވެ. މޫނަށް އެކި ވައްތަރުތަށް ޖައްސާލުމަށްފަހުގައި ޒީނާ އަނެއްކާވެސް ހޭން ފެށިއެވެ.
"ކަލޭމެން އިންސާނުން ބޭނުން ގޮތެއް" އެހެން ބުނަމުން ޒީނާ އަމްނާ ގައިން އަތް ދޫކޮށްލީއެވެ. ޔަހުޔާއާއި ނާއިލް އެއްފަހަރާ ދުއްވައިގަތީ ކުޑަ ދަރިފުޅުގައިގާ ހިފުމަށެވެ. ނަމަވެސް އެކަން އެކަކަށްވެސް ކާމިޔާބެއް ނުވިއެވެ. އަމްނާ ވެއްޓި ޖެހުނީ ތަށިމުށިތަކުގެ މަތީގައެވެ. ޖެހުމާއި އެކުގައި އަމްނާބާރަށް ރޯންފެށިއެވެ. ވެއްޓި ޖެހުނުގޮތުން ޖެހުނީ އެ ކުޑަކުޑަ ކުއްޖާގެ ބޮލެވެ. ހުދު ކުލައިގެ މުށިތަކުގައި ލޭގެ ކޯރެއް ހެދުމަށް މާގިނަ ވަގުތެއް ނުއެއް ނެގިއެވެ. ޔަހުޔާއަތަށް އަމާން ދިނުމަށްފަހުގައި ނާއިލް އަވަސްވެގަތީ ކުޑަދަރިފުޅު ނެގުމަށެވެ. ތަންދޮރުކުޑަވެފައިވާ ނާއިލް ދަރިފުޅުގެ ބޮލުގައި އަތްއަޅާ ފިއްތައިގެން ދުވެފައި ދިޔައީ މަރުކަޒަށް ދިޔުމަށެވެ. ޒީނާއަށް ވީގޮތެއް ބެލުމަށް ހަނދާނަކުވެސް ނެތެވެ. ޔަހުޔާވެސް ނާއިލްގެ ފަހަތުން ނުކުތީއެވެ. ނަމަވެސް ދިޔުމުގެ ކުރިން ކޮންމެވެސް އެއްޗެއް ކިޔުމަށްފަހުގައި ކޮޓަރި ދޮރު ލެއްޕިއެވެ. ޔަހުޔާއާއޮ ނާއިލް ގެއިން ނުކުންނަންދެން ޒީނާ އަޑުން އަޑުނަގާ ހެމުން ދިޔައެވެ. ކުރެވުނު މޮޅު ކަމުގެ ސަބަބުން އުފާފާޅުކުރާ ހާލުގައެވެ.
މާގިނައިރުތަކެއް ނުވެ ކަނޑާފައި ވައްޓާލި ރުކެއްހެން ޒީނާ ވެއްޓުނީ ބިންމައްޗަށެވެ. ބަރްޝާ އޭނާގެ ހަށިގަނޑުން ނިކުތީއެވެ.
***
"ކޮންތާކުން ތިއައީ؟ ނަސީބެއް ބަރްޝާ އައިކަން. މިވީހާ ދުވަހަކު ކޮންތަނަކު ބަރްޝާ އުޅުނީ " ނާއިލް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލީ ހޮސްޕިޓަލަށް ވަދެގެން އައި ބަރްޝާ ފެނުމުންނެވެ.
"ކުޑަ ކަމެއް ދިމާވެގެން ރަށަށް ގޮސްފައި މިއައީ. ބުނިން ޒީނާ ގާތުގައި" ބަރްޝާގޮސް އަމްނާ ބާއްވާފައި އޮތް އެނދުކައިރީގައި މަޑުކޮށްލިއެވެ. އޭރު އަމްނާގެ ބޮލުގައި ބޭސްއެޅުމަށްފަހުގައި ނަރުހުންތަށް ގޮއްސިއެވެ. ޔަހުޔާވެސް އެވަގުތު ހޮސްޕިޓަލުގައެއް ނެތެވެ. އަމާން ރޯވަރުން އެސޮރު ގޮވައިން ޔަހުޔާ ނުކުމެލީ ބޭރަށެވެ.
ނާއިލް ގަނެފައިވާ ބިރު ކުޑަކޮށް ނަމަވެސް ކުޑަވެގެން ދިޔައީ ބަރްޝާގޮސް އޭނަގެ ގާތުގައި އުޅެން ފެށުމުންނެވެ.
"ކީއްވެ ބޭބީ ވެއްޓުނީ؟" ނޭނގޭ ކަމަށް ހަދާލަމުން ބަރްޝާ އަހާލިއެވެ. ބަރްޝާގެ އެ ސުވާލާއި އެކުގައި ނާއިލްގެ ކެތްތެރިކަން ކޮޅުން ލައިގެން ދިޔައެވެ. ނާއިލްއަށް ރޮވެން ފެށުނެވެ.
"ނޭނގޭ. އަހަންނަކަށް ނޭނގޭ. އެއީ އަހަރެންގެ ޒީއެއް ނޫން. އަހަރެންގެ ޒީ އަމިއްލަ ދަރިންނަށް އެހެނެއް ނުހަދާނެ. އަހަންނަށް މިހާރު ޔަގީންވެއްޖެ ޔަހުޔާބެ ދައްކަމުން އައީ ތެދު ވާހަކަ ތަކެއްކަން." ކިތަންމެ ފަހަރަކު ލޯ ފުހެލި ނަމަވެސް ނާއިލްގެ ލޮލުން ކަރުނަ އައުމެއް ނުހުއްޓެއެވެ.
މުޅި ވޯޑުގައިވެސް އިތުރު މީހަކު ނެތްކަން ވެގެން ދިޔައީ ބަރްޝާގެ ނަސީބަށް ކަންނޭނގެއެވެ. މަޑުމަޑުން ހިނގާލާފައި ގޮސް ބަރްޝާ ހުއްޓުނީ ނާއިލް ކައިރީގައެވެ. އަދި ނާއިލްގެ ލޮލުން އައު ކަރުނަތަށް ފޮހެލުމަށް ނެގި އަތުގައި ހިފަހައްޓާލިއެވެ.
"ރުއިމަކީ މައްސަލައެއް ނޫން. އަހަރެން ބުނީތީ ބަލާތި. ބޭބީއަށް އެއްވެސް ގޮތެއް ނުވާނެ. އެއީ ބައްޕިހާ ހިތްވަރު ގަދަ ކުއްޖެކޭ" ނާއިލްގެ ލޮލަށް ބަލަން ހުރެ ބަރްޝާ ވާހަކަ ދެއްކިއެވެ. ބަރްޝާއާއި ހަތަރު ކަޅި ހަމަވެފައިވާ ނާއިލްއަށް ހުރެވުނީއެވެ. އެ ލޮލަށް ބަލާށެވެ. ލޮލުން އައި ކަރުނަތަށް ބަންޑުންވާން ދޫކޮށްލައިގެންނެވެ.
ވަގުތުގެ ބޭނުން ހެޔޮ ގޮތުގައި ހިފީ ބަރްޝާއެވެ. ނާއިލްގެ ބޮލުގައި ހިފާ ކުޑަކޮށް ގުދުކޮށްލިއެވެ. އަދި ނާއިލްގެ މޫނާއި އޭނާގެ މޫނު ގާތްކޮށްލިއެވެ. އިރުކޮޅެއް ވަންދެން ނާއިލްގެ ހަރަކާތަކަށް މަޑުކޮށްލުމަށްފަހުގައި ބަރްޝާ އެއަށްވުރެވެސް ބޮޑަށް ނާއިލްގެ މޫނާއި މޫނު ގާތްކޮށްލިއެވެ. އޭނާގެ ހޫނު ނޭވާތަށް ނާއިލްއަށް އިހްސާސް ކުރެވޭހާ ގާތުގައެވެ. ހަމައެފަދައިން ހަށިގަނޑުވެސް ނާއިލްއާއި ގާތްކޮށްލިއެވެ. ނާއިލްގެ ގައިގާ އޭނާގެ ހަށިގަނޑު ޖެހޭވަރަށެވެ. ބަރްޝާ ތުންފަތް ޖައްސާލީ ނާއިލްގެ ލޮލުން ވެއްޓެމުން ދިޔަ ކަރުނަ ތިކީގައެވެ. ކުޑަކޮށް ދެ ތުންފަތް ހުޅުވާލާ އެ ކަރުނަ ތިކިތަށް އޭނާގެ ދެ ތުންފަތްދޭތެރޭގައި ފޮރުވާލިއެވެ . ނާއިލްއަށް ހުރެވުނީއެވެ. ހުރެވުނީ ކޮންތަނަކު ކަމެއްވެސް ނޭނގިފައެވެ. ނާއިލްއަށް ދެއަތް ނަގާއި ބަރްޝާގެ ގައިގާ ހިފާލެވުނެވެ. ބާރަށް ބައްދާލެވުނެވެ. އެގޮތުގައި ކުޑަވަގުތު ކޮޅެއް ހޭދަވުމަށްފަހުގައި ބަރްޝާ ނާއިލްއަށް ބަލާލިއެވެ. އެމީހެއްގެ ލޯބި ހޯދުމަށް އިންތިހާއަށް ބޭނުންވެގެން މޮޔައެއްފަދައިން ބަރްޝާ އެއުޅެނީ ނާއިލްއަށް ޓަކައެވެ. ހައިވާނެއް ފަދައިން ރަހުމުކުޑަކޮށް އިންސާނަކު މަރާލީ އެ ލޯބި ހޯދުމަށް ހުރަހަކަށް ވެދާނެތީއެވެ. ހިތުގައި ހަމްދަރުދީގެ ޒައްރެއް ހާވަރުވެސް ނެތި ތުއްތު ކުއްޖަކަށް އަނިޔާ ދިނީ އެ ލޯބި ހޯދުމަށެވެ. އެލޯބި ހޯދަން އެހެން އިންސާނެއްގެ ފުރާނައާއި ކުޅެލުން އެއީ އޭނާއަށް އެއްވެސް ކަމެއް ނޫނެވެ.
ބަރްޝާއަށް އެވަގުތު ކޮޅުވީ ދުނިޔޭގައި ވި ހުރިހާ އުފަލެއް ލިބިގެން ދިޔަ ފަދަ ވަގުތުކޮޅަކަށެވެ. ނަމަވެސް އޭނާވެސް އިންސާނުން ފަދައިން ދަހިވެގެންވިއެވެ. ނާއިލްގެ ތުންފަތަށް ލޯބިކޮށްލަން އުޅުނުވަގުތެވެ. ދޮރުމަތިން އިވުނީ މީހަކު ކަރުކެހިލި އަޑެވެ. ތިބެވުނު ތަނާއި ހާލަތު ނާއިލްއަށް ރޭކާލީ ދެނެވެ. ކަރަންޓު ޝޮކެއް ޖެހުނު ފަދައިން ނާއިލް ބަރްޝާ ދުރަށް ކޮށްޕާލިއެވެ. ކުރެވެނު އަދި ކުރެވެން އުޅުނު ކަންތަކާއި މެދުގައި ލަދުވެތި ވާ ހާލުގައެވެ. ދޮރުމަތީގައި ހުރި ޔަހުޔާ ފެނުމާއި އެކުގައި ބަރްޝާ ރުޅިއައެވެ. އިތުރަށް މަޑު ކުރުމެއް ނެތި ނުކުމެގެން ދިޔައީއެވެ. ފަޅި ސިކުންތަކަށްވެސް ޔަހުޔާ ހުއްޓާ މަޑުކުރަން ބޭނުން ނުވާތީއެވެ. ޔަހުޔާގެ ސަބަބުން ބަރްޝާއަށް އަންނަނީ އެތަށް ގޮތަކުން އުނދަގޫތަކާއި ކުރިމަތިވަމުންނެވެ. ނަމަވެސް އަދި އޭނާއަށް ޔަހުޔާއަށް އަނިޔާއެއް ދެވޭ ވަރެއް ނުވެއެވެ.
***
އިރުއޮއްސެނީއެވެ. ކޮޓަރިތެރެއަށް ވެރިވެފައިވީ ހަމަހިމޭންކަމެވެ. ބިންމަތީގައި ކުޑަ ދަރިފުޅު ވެއްޓި ޖެހުނު ވަގުތު ހެދިފައިވި ލޭގެ ކޯރު ހިކިފައި ހުއްޓެވެ. އެތާ ކައިރީގައި ޒީނާ ހޭ ހުސްވެފައިއޮތް ޒީނާ އޮތެވެ. ދެލޯ ހުޅުވާލާ ފުރަތަމަވެސް ޒީނާއަށް ވަށައިގެން ބަލާލެވުނެވެ. ބަރްޝާ ފެންނަން ހުރިތޯއެވެ. ގުޑިލަންވެސް ނުކެރިފައި އޮތްގޮތަށް އޮންނަން ޒީނާގެ ހިތަށް އެރި ނަމަވެސް އެގޮތަށް އޮވެގެން ލިބޭނެ އެއްވެސް މޮޅެއް ނޯންނާނެކަން އޭނާއަށް އެނގެއެވެ.
ހިތްވަރުކޮށްލާ ތެދުވަން މަސައްކަތް ކުރި ޒީނާގެ ހަނދާނުގައި އެ ކޮޓަރިތެރޭގައި އޭނާގެ ލޯބިވާ ތުއްތު ދަރިފުޅަށް ދިމާވި އެއްވެސް ކަމެއް ނެތްފަދައެވެ.
"ސްސްސްސްސްސްސް" ކޮޓަރިތެރެއަށް ވެރިވެގެންދިޔައީ ކިނބިމަލުގެ ވަސްގަނޑެވެ. އިވުނީ އަޑެކެވެ. ނަމަވެސް މީހަކު ފެންނާކަށް ނެތެވެ. ޒީނާ ގަންނާކުރެއްވި ބިރުން އަނބުރާ ބިންމައްޗަށް ތިރިވެ ދެކަންފަތްމަތީ އަތް އަޅައިގެން ރޯންފެށިއެވެ.
"އަހަރެންތަ ތި ހޯދަނީ؟" މިފަހަރު އަޑުއައީ މަތިންނެވެ. ޒީނާގެ ބޯމަތިންނެވެ. ބިރުން ވިރިވިރި އިން ހާލު ޒީނާ މައްޗަށް ބަލާލިއެވެ. ކަމަކުދާކަށް ނެތެވެ. ކޮޓަރީގެ ފަންކާގައި އެލިގަނެގެން އޮތް ބަރްޝާއަށް ޒީނާގެ ނަޒަރު ހުއްޓުމާއި އެކުގައި ހަޅޭއްލަވައި ގަނެވުނެވެ.
އޭނާގެ ރަތްދެލޮލުން ޒީނާއަށް ހީވަނީ މަރުގެ އިންޒާރު ދެމުންދާހެންނެވެ. އެ ވިހަ ހިނިތުންވުމުގެ ސަބަބުން ދެން ސަލާމަތް ނުވެވޭނެކަން ޒީނާއަށްވެސް އެނގި ޔަގީންވެގެން ދިޔަ ފަދައެވެ.
"ކަލެއާއި ހުރެ އަހަންނަށް އޭނަ ނުލިބިގެން އުޅެނީ. ކަލޭގެ ސަބަބުން" ބަރްޝާގެ އެ ބަސްތަކާއި އެކުގައި އޭނާ ފުންމާލީ ޒީނާގެ ގައިމައްޗަށެވެ. މަހެއް މަރަށް ތެޅިގަތް ފަދައިން ޒީނާ ތެޅިގަތެވެ. އެއަށްފަހުގައި ދެލޯ ހުޅުވާލިއެވެ. ރަތްކުލައިގެ ދެލޮލެވެ.
ނުނިމޭ
3 Responses
Me too ,one of the best story I ever read..so pls pls old do updates..also for me ,first thing every morning is to check if the new part is available..
Please please please do update..konme dhuvahakuves enme furathama kuraa kamaky vaahaka update vi thoa.
Love this story
Pls update soon