ސްކޫލު ހުޅުވެން ގާތްވަނީ، މިކަންކަން ކޮށްލާ، ފަހުން ފަސޭހަވާނެ!

ދިގު ޗުއްޓީއަކަށްފަހު އަނެއްކާވެސް އެނބުރި ސްކޫލަށް ދާން ޖެހޭ ދުވަސް ގާތްވަނީއެވެ. ބޮޑު ބަންދަށްފަހު ސްކޫލުތައް ހުޅުވެން ގާތްގަނޑަކަށް ހަފްތާއަކަށްވީއެވެ. އައު ފޮތްތައް ހިފައިގެން، އައު ގްރޭޑަކަށް ދަރިވަރުން ދާން ތައްޔާރުވާއިރު، އޭގެކުރިން ސަމާލުކަން ދޭން ޖެހޭ އެތައް ކަމެއްވެއެވެ. ސްކޫލަށް ގޮސް ކިޔަވަނީ ހަމައެކަނި ދަރިވަރުންކަމުގައިވިޔަސް، އެކަމަށް ބެލެނިވެރީންވެސް ތައްޔާރުވާން ޖެހެއެވެ.

އެހެންކަމުން، ސްކޫލު ހުޅުވެން ކުޑަތަންވަމުންދާއިރު، މިކަންކަމަށް ސަމާލުކަން ދިނުން މުހިއްމެވެ. މިކަންކަން ކުރުން ރަނގަޅުވާނެއެވެ.

ކަންކަން ރަނގަޅަށް ރާވާލާ

ސްކޫލަށް ދާން ފަށާއިރު ކަންކަން ރަނގަޅަށް ރާވާލައިގެން ފެށުމަކީ އެކަމުގައި އެކުލެވިގެންވާ "ސްޓްރެސް" އެތައް ތަނެއް ކުޑަކޮށްދޭނޭ ކަމެކެވެ. ސްކޫލަށް ދާން ޖެހޭ ގަޑިތަކާއި ނިމޭ ގަޑިތައް އަދި އިންޓަވަލް ގަޑިތައް ބެލެވޭ ގޮތުން މި ފެށޭ ހަފްތާގެ ތެރޭގައި އެނގޭނެއެވެ. އެހެންކަމުން، މި ގަޑިތަކަށް ރިއާޔަތްކޮށް ބެލެނިވެރިންވެސް ކަންކަން ރާވާލުން މުހިއްމެވެ. މަސައްކަތުން ލުއި ހޯދަން ޖެހޭ ގަޑިތައް ކުރިއާލާ ބަލާ، ރާވާލުން ރަނގަޅުވާނެއެވެ.

ހަމައެހެންމެ، ގެންދަން ޖެހޭ ފޮތްތައް އެއްކޮށް، މި ފޮތްތަކަށް ބަދަލު ގެންނަން ޖެހޭނަމަ އެކަންވެސް އަވަހަށް ކޮށް ނިންމާށެވެ.

ކުރިއާލާ ގަޑިތަކަށް ފަރިތަވެލާ، ވަރަށް ފަސޭހަވާނެ

ރާއްޖޭގައި އާއްމުކޮށް ސްކޫލުތަކުގައި ކިޔެވުން އޮންނަނީ އެންމެ ހެނދުނާއެވެ. އެހެންނަމަވެސް، ބަންދުގެ ކަންތައްތައް ހުރި ގޮތުން، އަވަހަށް ނިދާ ހޭލުމަކީ ކުރެވޭ ކަމަކަށް ނުވެ ހިނގައިދާނެއެވެ. މިހެންވެއްޖެނަމަ، ކުއްލިއަކަށް ހެނދުނު މައިރާ ސްކޫލަށް ދާން ހޭލުމުގައި ކުދިންނަށާއި ބެލެނިވެރީންނަށްވެސް ދަތިތަކެއް ކުރިމަތިވެދާނެއެވެ. އެހެންކަމުން، ހަފްތާއެއް ނުވަތަ ފަސްވަރަކަށް ދުވަސްކުރިން، ސްކޫލަށް ދާ ދުވަސްތަކުގެ "ރޫޓިން" އަށް ހޭނުމަށް މަސައްކަތް ކުރެވިދާނެއެވެ.

ހަނދާން ކުރާށެވެ. ކިޔަވާ ކުދިންނަށްވެސް އަދި ބެލެނިވެރިންނަށްވެސް، ޖުމްލަކޮށް އެންމެންނަށްވެސް ހަމަ ނިންޖަކީ ވަރަށް މުޙިއްމު އެއްޗެކެވެ.

މިކަންކަމަކީ ސްކޫލަށް ދާން ފަށާއިރު އެހީވެދޭނޭ ބައެއް ކަންކަމެވެ. ފަސޭހަ ކުރުވާނޭ އުކުޅުތަކެކެވެ. މި ޗުއްޓީގެ ބާކީ އޮތް ބައި އުފާވެރިކޮށް، މަޖަލުގައި ހޭދަކޮށްލާށެވެ. ބުރަ ބޮޑު އަހަރަކާ ކުރިމަތިލުމުގެ ކުރިން ސިކުނޑި ތާޒާކޮށްލުމަށެވެ.  

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ