އެމެރިކާ އިން އަވަހާރަކޮށްލާފައިވާ އީރާނުގެ އިސް އަސްކަރީ ކޮމާންޑަރެއްކަމުގައިވާ ޖެނެރަލް ޤާސިމް އަލް ސުލައިމާނީގެ ޖަނާޒާގެ ކަންކަން އެޤައުމުގެ ކަރްމަން ސިޓީގައި ކުރިއަށްދާއިރު، ޖަނާޒާގެ ތެރޭގައި ފިތި ބާރުވެގެން މަރުވި މީހުންގެ އަދަދު 40 އަށް އަރައިފިއެވެ.
އީރާނުގެ އިމަޖެންސީ ސާވިސަސްގެ އޮފިޝަލަކާ ހަވާލާދީ "ފަރްސް" ނިއުސް އެޖެންސީން ބުނެފައިވަނީ 40 މީހުން މަރުވުމުގެ އިތުރުން، 213 މީހުންނަށް އެކި ވަރުގެ އަނިޔާ ލިބިފައިވާކަމުގައެވެ. އިމަޖެންސީ ސާވިސަސްގެ ވެރިޔާ، ޕިރްހުސައިން ކޫލިވަންދް، މީގެ ކުރިން ވިދާޅުވެފައިވަނީ ފިތި ބާރުވެގެން މަރުވީ 32 މީހުންކަމުގައެވެ.
އަނިޔާވެފައިވާ ފަރާތްތައް، އިތުރު ފަރުވާއަށް ހޮސްޕިޓަލްތަކަށް ގެންގޮސްފައިވާއިރު، ޖަނާޒާގެ އެއްވުމުގެ ތެރެއިން ފިތިގެން މަރުވެފައިވާ ބައެއް ފަރާތްތަކުގެ ހަށިތައް މަގުތަކުގައި ހުންނަ މަންޒަރު ފެންނަ ވީޑިޔޯތަކެއްވެސް ދައުރުވެފައިވެއެވެ.
ސުލައިމާނީގެ ޖަނާޒާގެ ކަންކަން ދިގުލައިގެން ދަމުންދާއިރު، އަދިވެސް އެމަނިކުފާނު ފަސްދާނުލެވޭ ގޮތް ވެފައިނުވެއެވެ.
ސުލައިމާނީ އަވަހާރަކޮށްލުން
އީރާނުގެ އެންމެ ޝަރަފުވެރި ރިވޮލިއުޝަނަރީ ގާޑްސްގެ ތެރޭގައި ހިމެނޭ އެންމެ ވަރުގަދަ ފައުޖުކަމުގައިވާ ގުދުސް ފޯސްގެ ކޮމާންޑަރަކަށް ހުންނެވި ސުލައިމާނީ އަކީ އެޤައުމުގެ އެންމެ ބާރުގަދަ ފަރާތްތަކުގެ ތެރެއިން އެކަކެވެ. ހުކުރު ދުވަހު ބަޣުދާދަށް ދިން ހަމަލާއެއްގައި ސުލައިމާނީ އަވަހާރަކޮށްލިއިރު، މިކަމުގެ ސަބަބުން މެދުއިރުމައްޗާއި މުޅި ދުނިޔޭގައިވެސް ވަނީ ނުތަނަވަސްކަން އުފެދިފައެވެ.