ލޯކަލް ކައުންސިލް އިންތިޙާބަށް ބައެއް އައިޑީކާޑު ހެދުން މެދުކަނޑާލަން ނިންމާފައިވާކަމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު)އިން ވިދާޅުވެއްޖެއެވެ.
ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިޚާބާއި ދިމާކޮށް ޑީއެންއާރުއިން ހެދުން މެދުކަނޑާލަން ނިންމާފއިވަނީ މަޢުލޫމާތު ބަދަލުވާ މީހުންގެ އައިޑީކާޑެވެ.
ޑީއެންއާރުން ވިދާޅުވީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމަށްޓަކައި މި މަހުގެ 16 ވަނަ ދުވަހުން ފެށިގެން 18 އަހަރުން މަތީގެ މީހުންގެ މައުލޫމާތު ބަދަލުވެގެން އައިޑީކާޑު ހަދައިދިނުން މެދުކަނޑާލަން ނިންމާފައިވާކަމަށެވެ.
މިގޮތަށް ނިންމާފައިވަނީ ކައުންސިލް އިންތިޙާބުގައި ވޯޓުލުމުގެ ހައްޤު ގެއްލިގެން ދިޔުން ކުޑަކުރަންކަމަށާއި، ކައުންސިލް އިންތިހާބަށްފަހު 18 އަހަރު ފުރިފައިވާ ފަރާތްތަކުގެ މަޢުލޫމާތު ބަދަލުވެގެން އައިޑީކާޑު ހެއްދުމުގެ ފުރުޞަތު އަލުން ފަށާނެކަމަށްވެސް އެފަރާތުން ވިދާޅުވިއެވެ.
މަޢުލޫމާތު ބަދަލުވެފައިވާ 18 އަހަރުން މަތީގެ ފަރާތްތަށް މިމަހުގެ 15 ވާ ބުދަ ދުވަހުގެ ކުރިން އައިޑީ ކާޑު ހެއްދުމަށް ހުށަހަޅަން ޖެހޭނެކަމަށްވެސް ޑީއެންއާރުން ވިދާޅުވިއެވެ.
ޑީއެންއާރުން ކައުންސިލް އިންތިޙާބުގެ ވޯޓާސް ލިސްޓު އިލެކްޝަންސް ކޮމިޝަނަށް ފޮނުވުމަށް ތައްޔާރުވަމުން އަންނައިރު، އެތާރީޚަށް ފަހު ވޯޓުލާމީހުންގެ ރަޖިސްޓްރީއަށް އެއްވެސް ބަދަލެއް ނުގެނެވޭނެ ކަމަށް އިލެކްޝަންއިންވަނީ ވިދާޅުވެފައެވެ.




