އިންޑިޔާގައި ކޮންމެ 15 މިނެޓަކު، އަންހެނަކު ރޭޕު ކުރުމުގެ މައްސަލައެއް

އަންހެނުން ރޭޕުގެ ކުރުމުގެ އަމަލުތައް އިންތިހާ ދަރަޖައަށް ގިނަ އަވަށްޓެރި އިންޑިޔާގައި، ކޮންމެ 15 މިނެޓެއްގެ ތެރޭގައި އަންހެނަކު ރޭޕުކުރުމުގެ މައްސަލަތައް ހުށަހަޅާފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިކަން ހާމަވެފައިވަނީ އެޤައުމުގެ މިނިސްޓްރީ އޮފް ހޯމް އެފެއާޒް އިން ނެރުނު 2018 ވަނަ އަހަރުގެ ކުށްތަކޖާ ބެހޭ ތަފާސްހިސާބު ރިޕޯޓުންނެވެ.

ބުރާސްފަތި ދުވަހު ނެރުން ތަފާސްހިސާބުގެ ރިޕޯޓުތައް ދައްކާގޮތުން، 2018 ވަނަ އަހަރުގެ ކޮންމެ ދުވަހެއްގެ، ކޮންމެ 15 މިނެޓެއްގެ ތެރޭގައި އެޤައުމުގެ ކޮންމެވެސް ޕޮލިސް ސްޓޭޝަނަކަށް ރޭޕުގެ މައްސަލައެއް ހުށަހެޅެއެވެ. އަދި އެއަހަރުގެ ތެރޭގައި މިކަމުގެ ޖުމުލަ 34،000 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ. މީގެއިތުރުން، މިފަދަ އެތައް މައްސަލައެއް ރިޕޯޓު ނުކޮށް ހުންނާނޭކަމަށްވެސް ބެލެވެއެވެ.

އަންހެނުންގެ ހައްގުތަކަށް މަސައްކަތް ކުރާ ފަރާތްތަކުން ބުނާގޮތުގައި އަންހެނުން ރޭޕްކުރުމުގެ މައްސަލަތައް، އެންމެ އެދެވޭ ގޮތެއްގައި ތަހުގީގު ކުރަމުންވެސް ނުދެއެވެ. ހަމައެހެންމެ، ފުލުހުން ގިނަފަހަރަށް މިފަދަ މައްސަލަތައް ތަހުގީގު ކުރަމުން ދަނީ، އަނިޔާ ލިބިފައިވާ ފަރާތްތަކަށް ގެއްލުންވާގޮތަށްކަމަށްވެސް އެފަރާތްތަކުން ބުނެއެވެ.

އެޤައުމުގެ އަންހެނުންގެ ކޮމިޝަނުގެ ކުރީގެ ރައީސާ، ލަލިތާ ކުމާރަމަންގަލަމް ވިދާޅުވެފައިވަނީ އަދިވެސް ޤައުމު ހިންގަމުންދަނީ ފިރިހެނުންކަމުގައެވެ. ގިނަ ފަނޑިޔާރުންނަކީ އަދިވެސް ފިރިހެނުންކަމަށާއި، ޒަމާނަކު އަންހެނަކު ބޮޑުވަޒީރުކަން ކުރިޔަސް، އެކަމުގެ އެއްވެސް އަސަރެއް މިހާރު ނުކުރާކަމަށްވެސް ވިދާޅުވިއެވެ.

މީގެއިތުރުންވެސް، ކުމާރަމަންގަލަމް ވިދާޅުވީ މުޅި އިންޑިޔާގައިވެސް ހުންނަނީ ވަރަށް މަދު އަދަދެއްގެ ފޮރެންސިކް ލެބޮރޭޓަރީތަކެއްކަމުގައެވެ. ހަމައެހެންމެ، އަވަހަށް މައްސަލަ ބަލާ ފާސްޓް-ޓްރެކް ކޯޓުތަކުގައިވެސް ތިބެނީ ވަރަށް މަދު އަދަދެއްގެ ފަނޑިޔާރުންކަމުގައެވެ.

މީގެކުރިން، 2012 ވަނަ އަހަރުގެ ތެރޭގައި ދިއްލީގައި ދުއްވާފައި ދިޔަ ބަހެއްގެ ތެރޭގައިވަނީ އަންހެނަކު ރޭޕުކޮށް، ލާއިންސާނީ އިތުރު އަނިޔާތަކެއް ދީފައެވެ. މިކަމާ ގުޅިގެން އެތައް ބަޔަކު އޭރު މަގުތަކަށް ނިކުމެ އަޑު އުފުލާފައިވެސްވެއެވެ. މިކަމުގައި ބައިވެރިވި ހަތަރު މީހެއްގެ މައްޗަށް، މި މަހުގެ 22 ވަނަ ދުވަހު މަރުގެ ހުކުމް ތަންފީޒު ކުރާނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ