އިންސާފުގެ ހަމައަކީ ހަމަހަމަ ކަމާއެކު ކަފާލާތުގެ ފުރުޞަތު ލިބުން ކަމަށް ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ޤާނޫނީ ވަކީލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު މެދުވެރިކޮށް ދެއްވި މެސެޖެއްގައެވެ.
ރައީސް ޔާމީން ވިދާޅުވީ، ތަފާތުކުރުމެއް ނެތި އެމަނިކުފާނަށްވެސް ކަފާލާތުގެ ފުރުޞަތު ލިބުމަކީ އިންސާފުގެ ހަމަ ކަމަށެވެ.
"ދޮޅުމަސް ވީއިރު ކޯޓުން ބެއިލްއާ މެދު ގޮތެއް ނުނިންމުމަކީ ކޮންކަހަލަ ހަމައެއްތޯ؟ ޤާނޫނީ ޙައްޤު ކަށަވަރުކޮށްދީ، ލަސްނުކޮށް އިންސާފް ލިބުމަކީ ޖުޑީޝަރީ އިސްލާޙްވުން." ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީންގެ މެސެޖެއް: ތަފާތުކުރުމެއް ނެތި އެ މަނިކުފާނަށްވެސް ބެއިލްގެ ފުރުޞަތު ލިބުމަކީ އިންސާފުގެ ހަމަ. ދޮޅުމަސް ވީއިރު ކޯޓުން ބެއިލްއާ މެދު ގޮތެއް ނުނިންމުމަކީ ކޮންކަހަލަ ހަމައެއްތޯ؟ ޤާނޫނީ ޙައްޤު ކަށަވަރުކޮށްދީ، ލަސްނުކޮށް އިންސާފް ލިބުމަކީ ޖުޑީޝަރީ އިސްލާޙްވުން pic.twitter.com/4eAIO9Qwrt
— Mohamed Jameel Ahmed (@MJameelAhmed) January 11, 2020
ގއ. ވޮޑަމުއްލާ ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު އެސްއޯއެފްގެ އެކައުންޓުން ރައީސް ޔާމީންގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރި މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލި މަނީ ލޯންޑްރިންގެ ދަޢުވާ ޘާބިތުވެ، 5 މިލިއަން އެމެރިކާ ޑޮލަރުން ޖޫރިމަނާކޮށް، 5 އަހަރަށް ޖަލަށް ލުމަށް ޙުކުމް ކޮށްފައިވަނީ، މިދިޔަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ.




