ސީރީއާ - ރޯމާ ބަލިކޮށް ޔުވެންޓަސް ތާވަލްގެ އެއްވަނައަށް

އިޓާލިއަން ސީރީއާގައި ރޭ ކުޅުނު މެޗުގައި ރޯމާ ބަލިކޮށް ޔުވެންޓަސް ތާވަލްގެ އެއްވަނައަށް ޖެހިލައިފިއެވެ.

ސްޓޭޑިއޯ އޮލިމްޕިކޯގައި ކުޅެވުނު މިމެޗު ޔުވެންޓަސްއިން ކާމިޔާބުކޮށްފައިވަނީ 1-2 ގެ ނަތީޖާއަކުންނެވެ.

މެޗު ފެއްޓުމާއެކު ޔުވެންޓަސްއިން ރޯމާ ސިއްސުވާލީގެ މެޗުގެ ތިންވަނަ މިނަޓްގައި ޑެމިރަލް ކާމިޔާބުކޮށްދިން ލަނޑުންނެވެ. ޑިބާލާގެ ހިލޭ ޖެހުމަކުން ލިބުނު ބޯޅަ ޑެމިރަލް ގޯލްގެ ތެރެއަށް ފޮނުވާލާފައިވަނީ އެއް ޓަޗުންނެވެ.

އަދި މާގިނައިރުތަކެއް ނުވެ، ޑިބާލާއަށް ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީއަކުން ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްދިން ލަނޑާއެކު ޔުވެންޓަސްއިންވަނީ ލީޑު އިތުރަށް ފުޅާކޮށްފައެވެ. ރޮނާލްޑޯވަނީ މިސީޒަންގައި ޔުވެންޓަސްއަށް ކުޅެދިން 28 މެޗުން 26 ލަނޑު ކާމިޔާބުކޮށްފަައެވެ. ސީރީއާގައި އެންމެފަހުން ކުޅުނު ހަމެޗުން ރޮނާލްޑޯވަނީ ޖުމްލަ 9 ލަނޑު ޖަހާފައެވެ.

ދަށުގައި އޮތްނަމަވެސް ހިތްވަރާއެކު ކުޅެމުންއައި ރޯމާއިންވަނީ މެޗުގެ ދެވަނަ ހާފުގައި ލަނޑެއްޖަހައި އަލުން ގޭމްގެ ތެރެއަށް ވަދެފައެވެ. ރޯމާގެ ލަނޑު މެޗުގެ 68 ވަނަ މިނަޓްގައި ޕެރޯޓީ ޖަހާފައިވަނީ ލިބުނު ޕެނަލްޓީއަކުންނެވެ. ވީއޭއާރު ބެލުމަށްފަހު ދިން މިޕެނަލްޓީއަކީ އޭރިއާތެރެއިން ސަންޑްރޯގެ އަތުގައި ބޯޅަ ޖެހުމުން ދިން ޕެނަލްޓީއެކެވެ.

ލަނޑު ޖަހާނެ އިތުރު ފުރުޞަތުތައް ދެޓީމަށްވެސް ލިބިގެންދިޔަނަމަވެސް އިތުރު ލަނޑެއް ނުފެނި މެޗު ނިމިގެންދިޔައީ 1-2 ކުން ޔުވެންޓަސް ކުރީގައި އޮވެގެންނެވެ.

މިމޮޅާއެކު ޔުވެންޓަސް ތާވަލްގެ އެއްވަނައަށް ޖެހިލީ 19 މެޗުން ލިބުނު 48 ޕޮއިންޓާއެކުގައެވެ. ދެވަނާގައި އޮތް އިންޓަރ މިލާންއަށް 19 މެޗުން ލިބިފައިވަނީ 46 ޕޮއިންޓެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ