ހިމަބިހި ނައްތާލެވިފައިވާ ޤައުމުތަކުން ރާއްޖެ އަދި އުނިނުކުރޭ - މިނިސްޓަރ އަމީން

ހިމަބިހި ނައްތާލެވިފައިވާ ޤައުމުތަކުން ރާއްޖެ އަދި އުނިނުކުރާކަމުގައި މިނިސްޓަރ އޮފް ހެލްތް ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

މިއަދު އޮތް ނޫސް ކޮންފަރެންސްއެއްގައި ވާހަކަ ފުޅު ދައްކަވަމުން އަމީން ވިދާޅުވީ، ހިމަބިހި ނައްތަލުމުގެ ޕްރޮގްރާމްގެ ތެރޭގައި، ހިމަބިހި ނައްތާލެވިފައިވާ ޤައުމެއްކަމުގައި ކަނޑައެޅުމަށްފަހުވެސް ކޭސްއެއް ކުރިމަތި ވެދާނެ ކަމަށް ތަސައްވަރު ކުރެވިފައިއޮންނަ ކަމަށެވެ. އެހާލަތުގައި އަމަލު ކުރަންޖެހޭ ގޮތްތައް ހުންނަކަމަށާއި، އަދި ރާއްޖެ ހިމަބިހި ނައްތާލެވިފައި އޮތް ޤައުމެއްގެ ދަރަޖައިން އުނިކުރެވޭ ހާލަތަށް ނުދާކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރ ވިދާޅުވީ ސަރުކާރުން އެހާ ސީރިއަސް މައްސަލައެއްގެ ގޮތުގައި ނަގައިގެން މިހާ އިސްކަމެއް ދީގެން މި މަސައްކަތް ކުރިޔަށްގެންދަނީ ހިމަބިއްސަކީ ވަރަށް އާންމުކޮށް ހަލުވިކަމާއެކު ފެތުރޭނެ ބައްޔަކަށްވާތީކަމަށެވެ.

ހިމަބިއްސަށް ވެކްސިން ދިނުމުގެ މަސައްކަތްތައް ސަރުކާރުން މިހާރު ކުރިޔަށްގެންދާކަމަށާއި، އެގޮތުން ދެލައްކަ މީހުންނަށް ދެވޭ ވަރަށް ވެކްސިންވެސް ރާއްޖެއަށް ލިބިފައި ވާކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ރާއްޖެއިން ހިމަބިހި ނައްތާލެވިފައި ވަނިކޮށް ޖަނަވަރީ 09 ވަނަ ދުވަހު 3 އަހަރުގެ ކުއްޖެއްގެ ގައިން ވަނީ ހިމަބިހި ފެނިފައެވެ. އޭގެ ފަހުންވެސް ހިމަބިއްސައް ބައެއްމީހުން ޕޮޒިޓިވް ވެފައިވާއިރު، މިހާރު ހިމަބިއްސައް ޝައްކު ކުރެވޭ 10 ފަރާތެއް ޓެސްޓް ކުރެވެމުންދާކަމަށްވެސް މިނިސްޓަރ އަމީން ވިދާލުވެފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ