ޗައިނާގެ މަގެއްގައި ކުއްލިއަކަށް ވަޅުގަނޑެއް އުފެދި، އެއަށް ބަހެއް ދަމައިގަނެއްޖެ

ޗައިނާގެ ހުޅަނގު އުތުރު ޕްރޮވިންސެއްގައި އޮންނަ ޝިނިންގ ސިޓީގެ ބޮޑު މަގެއްގައި ވަޅުގަނޑެއް ހެދި، އެވަޅުގަނޑުގެތެރެއަށް ބަހެއް ދަމައިގަނެއްޖެއެވެ. ވަޅުގަނޑުގެ ތެރެއަށް ބަސް ދަމައިގަތުމުގެ ޙާދިސާގައި މިހާތަނަށް ހަ މީހަކު މަރުވެފައިވާއިރު، 16 މީހަކަށްވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ.

ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނާ ގޮތުގައި އިއްޔެ ހިނގި މި ޙާދިސާގައި ބަސް، ވަޅުގަނޑުގެތެރެއަށް ދަމައިގަނެފައިވަނީ މީހުން އަރުވާ ބޭލުމަށްޓަކައި މަގުމަތީގައި މަޑުކޮށްފައި އޮތް ވަގުތުއެވެ.

"ޒިންހުއާ" ނިއުސް އެޖެންސީން ބުނެފައިވާ ގޮތުގައި މި ވަޅުގަނޑު އުފެދުނީ ހަމަ ކުއްލިއަކަށެވެ. އެއަށްފަހު ފެނުނީ ކުއްލިއަކަށް ބަހާއި، ކައިރީގައި ހުރި މަގު ބައްތި ހޮޅިދަނޑިއަކާއި މީހުން އޭގެތެރެއަށް ދަމައިގަތް މަންޒަރެވެ. މި މަންޒަރު ފެންނަ ބައެއް ވީޑިޔޯތައްވެސް މިހާރު އާއްމުވެފައިވެއެވެ.

އާއްމުވެފައިވާ ވީޑިޔޯތަކުން ފެންނަ ގޮތުގައި ވަޅުގަނޑުތެރެއަށް ބަސް ވެއްޓުމަށްފަހު ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެއްޗެއް ގޮވައިގެން ދެއެވެ. އަދި އެއްޗެއް ގޮވައިގެން ދިއުމަށްފަހު ދުން އަރާ މަންޒަރުވެސް ފެނެއެވެ. މައުލޫމާތު ލިބޭ ގޮތުގައި މި ގޮވުން ގޮވާފައިވަނީ މަގު ބައްތީގެ ސަބަބުންނެވެ.

ވަޅުގަނޑުގެ ތެރެއަށް ދަމައިގަތް މީހުން ހޯދުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާއިރު، އެވަޅުގަނޑުން މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުން ދިޔަ މީހެއްވެސް ވަނީ ވަޅުގަނޑުގެ ތެރެއަށް ދަމައިގަނެފައެވެ.

މި ވަޅުގަނޑު އުފެދެން ދިމާވީ ސަބަބުން ހޯދުމަށް ޗައިނާގެ ކަމާ ގުޅުން ހުރި ފަރާތްތަކުން މަސައްކަތް ކުރަމުންދާއިރު، މިފަދަ އެހެން ކަންތައްތައްވެސް މީގެ ކުރިން އެޤައުމުގައި ދިމާވެފައިވެއެވެ. އަދި މިފަދަ ކަންކަން ތަކުރާރުވަމުން ދިއުމުގެ ސަބަބުން ބައެއް ފަރާތްތަކުން ދަނީ ސުވާލުތައްވެސް ކުރިމަތި ކުރުވަމުންނެވެ.  

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ