ޔާމީންގެ މައްޗަށް ހުކުމް އިއްވި ވަގުތު އެމަނިކުފާނުގެ ޓީމް - ފޮޓޯ: އަވަސް

ރައީސް ޔާމީންގެ އިސްތިއުނާފުގެ ޝަރީއަތް މި މަހު ފަހުކޮޅު ބާއްވަނީ

ކުރީގެ ރައީސް ޔާމީންގެ ފަރާތްޕުޅުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ މައްސަލަ މި ހިނގާ ޖަނަވާރީ މަހުގެ ފަހުކޮޅު ބޭއްވުމަށް ތާވަލް ކޮށްފައިވާކަމަށް ހައިކޯޓުން ހާމަކޮށްފިއެވެ.

ހައިކޯޓުން ހާމަކޮށްފައިވާ ގޮތުގައި ރައީސް ޔާމީންގެ އިސްތިޢުނާފުގެ މައްސަލަ ތާވަލް ކޮށްފައިވަނީ 2020 ޖަނަވަރީ 28 ވަނަ ދުވަހަށްކަމަށެވެ.

ދަޢުލަތުން ރައީސް ޔާމީންގެ މައްޗަށް އުފުލި މަނީ ލޯންޑަރިންގެ ދަޢުވާ ސާބިތުވެ އެމަނިކުފާނު ވަނީ ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށް 2019 ނޮވެންބަރު 28 ވަނަ ދުވަހު ކުރިމިނަލް ކޯޓުން ހުކުމް ކޮށްފައެވެ.

އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ ހުކުމް އިސްތިޢުނާފު ކުރުމަށް ހުށައަޅާފައިވަނީ 2019 ނޮވެމްބަރު 30 ގައި އެވެ. ރައީސް ޔާމީނަށް ތާއީދު ކުރައްވާ ގިނަ ފަރާތްތަކަކުން އަންނަނީ އެކަމިކުފާނުގެ ހުކުމަކީ ސިޔާސީ ހުކުމެއް ކަމަށް ބުނެ އަޑު އުފުލަމުންނެވެ. އަދި އެމަނިކުފާނު ދޫކޮށްލުމަށް ގޮވާލަމުންނެވެ.

ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމް އިސްތިއުނާފު ކުރުމަށް ހުށައަޅާފައިވާތީ، ކަފާލާތުގެ ދަށުން އެމަނިކުފާނު ގޭ ބަންދަށް ބަދަލުކޮށްދިނުމަށްވެސް އިދިކޮޅު ކޯލިޝަނުން ވަނީ ގޮވާލައިފައެވެ. ނަމަވެސް ސަރުކާރުން އެމަނިކުފާނު ގޭ ބަންދަށް ބަދަލުކޮށްފައެއް ނުވެއެވެ.

ދައުލަތުގެ ފަރާތުން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ ދައުވާގައި ހުކުމް އިއްވަމުން ގާޒީ ވިދާޅުވެފައިވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާއިން އިސްލާމިކް ބޭންކް ގައި ހުޅުވާފައި ހުރި އެމަނިކުފާނުގެ އެކައުންޓަށް ދެ ފަހަރައްގެ މަތިން އެއްމިލިއަން ޑޮލަރު ޖަމާކޮށްފައިވާ ކަމަށެވެ.

އަދި އެފައިސާ އޭސީސީ އާ އެކު ހެދި އެސްކްރޯ އެކައުންޓެއްގައި ބެހެއްޓުމަށް އެއްބަސްވެ ވަޑައިގަތުމަށް ފަހު އެމްއެމްޕީއާރުސީގެ ފައިސާގެ ބަދަލުގައި އެސްކްރޯ އެކައުންޓަށް ޖަމާކޮށްފައިވަނީ އެހެން ފައިސާތަކެއްކަމަށާއި، ޚިޔާނާތުގެ ފައިސާއިން 36 މަސް ދުވަހުގެ މުއްދަތަށް އިންވެސްމަންޓްކޮށް މަންފާ ހޯދާފައިވާކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ