ޑޮކްޓަރުންނާއި ނަރުހުން ހިމަބިއްސަށް އަޙުލުވެރި ކުރުވުމުގެ މަސައްކަތް ފަށާފައިވާކަމަށް ހެލްތު މިނިސްޓްރީއިން ވިދާޅުވެއްޖެއެވެ.
ހެލްތު މިނިސްޓްރީއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ، ހިމަބިހި އައުޓްބްރޭކްއާއި ގުޅިގެން ޑޮކްޓަރުން އިތުރަށް އަހުލުވެރިކުރުމަށް ކުރެވޭ މަސައްކަތްތައް ރާއްޖޭގައި ހިމަބިހި ބަލި ފެތުރެމުންދާ މިދަނޑިވަޅުގައި، ޑޮކްޓަރުންނާއި ހޮސްޕިޓަލްތަކުގައި މަސައްކަތް ކުރައްވާ ނަރުހުން މިބައްޔަށް އަހުލުވެރިކޮށް، މިބަލި ޖެހިފައިވާ ކަމަށް ޝައްކުވާ މީހުން ދެނެގަންނާނެގޮތާއި އަދި އެފަރާތްތަކުގެ މަޢުލޫމާތު ރިޕޯރޓް ކުރުމުގައި އަމަލު ކުރަންޖެހޭ ގޮތްތަކާއި ބެހޭގޮތުން މަޢުލޫމާތު ފޯރުކޮށް ދިނުމަށްޓަކައި އޮރިއެންޓޭޝަން ސެޝަންތަކެއް މިނިސްޓްރީއިން ކުރަމުން ގެންދާކަމަށެވެ.
އެގޮތުން މިހާތަނަށް މާލެއާއި ހުޅުމާލޭގައި ޤާއިމްކުރެވިފައިވާ ހޮސްޕިޓަލްތަކާއި ބައެއް ޕްރައިވެޓް ކްލިނިކްތަކަށް އޮރިންޓޭޝަން ސެޝަންތައް ދެވިފައިވާއިރު، އަތޮޅު ހޮސްޕިޓަލްތަކަށް އަމާޒުކޮށްގެން، މިހާތަނަށް 16 އަތޮޅު ހޮސްޕިޓަލަކަށް އޮރިއެންޓޭޝަން ސެޝަން ހިންގިފައިވާކަމަށްވެސް މިނިސްޓްރީއިން ވިދާޅުވިއެވެ.
މީގެއިތުރުން މިނިސްޓްރީއިން ވިދާޅުވީ، ޞިއްޙީ ޚިދްމަތްދޭ ފަރާތްތަކުން ހިމަބިހި ބައްޔަށް އަހުލުވެރިކުރުމަށް މިމިނިސްޓްރީއިން ކުރާ މަސައްކަތުގައި ހެލްތު ސެންޓަރުތަކުގައި މަސައްކަތް ކުރައްވާ ޑޮކްޓަރުންނަށް އަމާޒުކޮށް ހުރިހާ ހެލްތު ސެންޓަރުތަކަށް ޕްރޮގްރާމްތައް މިހަފްތާ ތެރޭގައި ހިންގުމަށްވެސް ހަމަޖެހިފައިވާކަމަށެވެ.
މިނިސްޓްރީއިން ކުރަމުންގެންދާ މަސައްކަތުގެ ދަށުން މިހާތަނަށް ހޮސްޕިޓަލްތަކާއި ކްލިނިކްތައް ހިމަނައިގެން 100އަށްވުރެ ގިނަ ޑޮކްޓަރުންނާއި ނަރުހުންނަށް އޮރިއެންޓޭޝަން ސެޝަންތައް ބޭއްވިފައިވެއެވެ.
ދޮޅުއަހަރަށްފަހު ރާއްޖެއިން ހިމަބިހި ފެނިފައިވަނީ މިދިޔަ ހަފްތާގައެވެ. އުމުރުން 3 އަހަރުގެ ކުއްޖަކަށް ހިމަބިހި ޖެހިފައިވާ ކަމަށް ޝައްކު ކުރެވިގެން ޓެސްޓު ކުރިއިރު ޕޮޒިޓިވް ވެފައިވެފައިވާއިރު މިކުއްޖާ އަކީ 9 މަހާއި 18 މަހުގައި ދޭންޖެހޭ މީސްލްސް ވެކްސިން ނުދީ ހުރި ކުއްޖެއް ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.
މިއީ މިހާތަނަށް ޓެސްޓު ކުރެވުނު މީހުންގެ ތެރެއިން ހިމަބިއްސަށް 4 މީހަކު ޕޮޒިޓިވްވި ވެފައިވެއެވެ.




