ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އިދިކޮޅު ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ އަންނަ ފެބްރުއަރީ މަހުގެ ހަތްވަނަ ދުވަހު ބާއްވާ ގޮތަށް އެޕާޓީއިން ނިންމައިފިއެވެ.
ޕީޕީއެމުުން ލޯކަލް ކައުންސިލް އިންތިހާބަށްވަމުންދާ ތައްޔާރީތަކުގެ އެންމެ ފަހުގެ މައުލޫމާތު މީޑިއާތަކާއި ހިއްސާކުރުމަށް އާދިއްތަ ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން އެ ޕާޓީގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ޕީޕީއެމްގެ ޕްރައިމަރީ އޮންނާނީ އަންނަ މަހުގެ ހަތްވަނަ ދުވަހު ކަމަށެވެ.
އަދި ޕްރައިމަރީގެ ދެވަނަ ބުރަކަށް ގޮސްފިނަމަ ދެވަނަ ޕްރައިމަރީއެއް ބާއްވާނީ ފެބްރުއަރީ މަހުގެ ނުވަވަނަ ދުވަހު ކަމަށްވެސް ވިދާޅުވިއެވެ.

ޕީޕީއެމް އިން ވިދާޅުވީ ކުރިއަށް ކައުންސިލް އިންތިހާބަށް ވާދަކުރާ އެ ޕާޓީގެ ކެންޑިޑޭޓުން ކަނޑައަޅާ ޕްރައިމަރީގައި ވޯޓު ލެވޭނީ އަދި ކުރިމަތި ލެވޭނީ އަންނަ ހުކުރު ދުވަހާ ހަމައަށް އެ ޕާޓީއަށް ސޮއިކޮށްފައިވާ މެންބަރުންނަށެވެ.
އަދި މިމަހުގެ 25 ވަނަ ދުވަހުން ފެށިގެން ކެނޑިޑޭޓުންނަށް ލިސްޓު ހަވާލުކުރާނެކަމަށް ވިދާޅުވެފައިވާއިރު، ޝަކުވާއެއްވާނަމަ މިހިނގާ މަހުގެ 22 ވަނަ ދުވަހުގެ ކުރިން ހުށަހެޅުމަށްވެސް ޕީޕީއެމްއިން ވިދާޅުވިއެވެ.
ޕީޕީއެމްގެ ޕްރައިމަރީގައި ވާދަކުރުމަށް ޝައުގުވެރިކަން ފާޅުކޮށް މިހާތަނަށް 700 އަށްވުރެ ގިނަ ފޯމްތައް ހުށައެޅިފައިވާ ކަމަށް އެޕާޓީއިންވަނީ ވިދާޅުވެފައިވާއިރު، އެންމެ ބޮޑު ކަންބޮޑުވުމާކީ ޕާޓީގެ ދަފްތަރުން މެމްބަރުން އުނިވާ މައްސަލަކަމަށްވެސް ވިދާޅުވިއެވެ.




