ސީރީއާ - ޕާމާކޮޅަށް ޖެހި ދެލަނޑާއެކު ރޮނާލްޑޯއަށް އިތުރު ރެކޯޑުތަކެއް

އިޓާލިއަން ސީރީއާގައި ރޭ ޕާމާކޮޅަށް ޖެހި ދެލަނޑާއެކު ކްރިސްޓިއާނޯ ރޮނާލްޑޯ ލަނޑުޖެހުމުގެ އިތުރު ރެކޯޑުތަކެއް މުގުރާލައިފިއެވެ.

އެލިއެންޒް ސްޓޭޑިއަމްގައި ރޭ ކުޅެވުނު މިމެޗު 2-1 ގެ ނަތީޖާއަކުން ޔުވެންޓަސް ކާމިޔާބުކޮށްފައިވާއިރު، ޔުވެންޓަސްގެ ދެލަނޑުވެސް ޖަހާދީފައިވަނީ ރޮނާލްޑޯއެވެ.

މިދެލަނޑާއެކު ރޮނާލްޑޯވަނީ ޖެހިޖެހިގެން ސީރީއާ 7 މެޗުގައި ލަނޑުޖަހާފައެވެ. ޔުވެންޓަސް ކުޅުންތެރިއަކު ޖެހިޖެހިގެން 7 މެޗެއްގައި މީގެ ކުރިން ލަނޑުޖަހާފައިވަނީ މީގެ 15 އަހަރު ކުރިންނެވެ. އެއީ 2005 ވަނަ އަހަރު ޑޭވިޑް ޓްރެޒެގެޓްއެވެ.

އަދި ރޮނާލްޑޯ ރޭ ކާމިޔާބުކޮށްދިން ދެލަނޑާއެކު މިސީޒަންގައި ސީރީއާގައި އޭނާ ކާމިޔާބުކުރި ލަނޑުގެ އަދަދު 16 އަށް އަރާފައިވާއިރު، ޔޫރަޕްގެ ގަދަ ފަސް ލީގުގައި ވޭތުވެދިޔަ 14 ސީޒަންގައި މަދުވެގެން 15 ލަނޑު ހަމަކުރި ހަމައެކަނި ކުޅުންތެރިއަކީވެސް ރޮނާލްޑޯއެވެ.

މީގެއިތުރުން އިޓާލިއަން ސީރީއާގައި 20 މެޗުން 16 ލަނޑު ހަމަކުރި ފަސްވަނަ ކުޅުންތެރިޔާއަށްވެސް ރޮނާލްޑޯވަނީ ވެގެންގޮސްފައެވެ. އެންމެފަހުން ސީރީއާގައި 20 މެޗުން 16 ލަނޑުޖަހާފައިވަނީ 1960 ވަނަ އަހަރު އޮމަރު ސިވޯރީއެވެ.

ރޭގެ މެޗުގައި ޔުވެންޓަސްގެ ފަރާތުން މޮޅުކުޅުމެއްވަނީ ފެނިގެން ގޮސްފައެވެ. މެޗުގެ ފުރަތަމަ ލަނޑު 43 ވަނަ މިނަޓްގައި ރޮނާލްޑޯ ކާމިޔާބުކޮށްދިން މިލަނޑަކީ އޭރިއާ ރޮނގުމަތިން ކަހަލަ ގޮތަކަށް ރޮނާލްޑޯ ފޮނުވާލި ހަމަލާއެއް ޕާމާގެ ޑިފެންޑަރެއްގެ ގައިގައި ޖެހި މިސްރާބު ބަދަލުވެގެން ގޯލަށް ވަތްލަނޑެކެވެ. އަދި ޔުވެންޓަސްގެ ދެވަނަ ލަނޑު ޑިބާލާގެ ޕާހަކުން ރޮނާލްޑޯ ކާމިޔާބުކޮށްދިންއިރު މިލަނޑު ފެނިގެންގޮސްފައިވަނީ މެޗުގެ 58 ވަނަ މިނަޓްގައެވެ. ރޮނާލްޑޯވަނީ އެންމެ ފަހުން ޔުވެންޓަސްއަށް ކުޅުނު 7 މެޗުން 11 ލަނޑު ޖަހާފައެވެ.

ޕާމާގެ ހަމައެކަނި ލަނޑު މެޗުގެ 55 ވަނަ މިނަޓްގައި ފެނިގެން ގޮސްފައިވާއިރު، މިލަނޑު ކާމިޔާބުކޮށްދިނީ ކޯނެލިއަސްއެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ކޯނެލިއަސް މިލަނޑު ކާމިޔާބުކޮށްފައިވަނީ ކޯނަރަކުން ހުރަސްވި ބޯޅައެއްގައި ބޮލުންނެވެ.

ރޭގެ މޮޅާއެކު ޔުވެންޓަސްވަނީ 4 ޕޮއިންޓްގެ ލީޑަކަށް ޖެހިލާފައެވެ. 51 ޕޮއިންޓާއެކު ތާވަލްގެ އެއްވަނާގައި ޔުވެންޓަސް އޮތްއިރު ދެވަނާގައި އިންޓަރ މިލާން އޮތީ 47 ޕޮއިންޓާއެކުގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ