ހުރިހާ އަތޮޅެއް ހިމެނޭގޮތަށް ވެރިކަން ކުރާ މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީއިން) އިން ކެމްޕެއިން ވޯކްޝޮޕެއް ފަށަން ނިންމާފައިވާކަމަށް އެޕާޓީއިން ބުނެފިއެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލަށް އެމްޑީޕީއިން ވަމުންދާ ތައްޔާރީތަކުގެ މަޢުލޫމާތު ޙިއްސާކުރެއްވުމަށް މިއަދު އެޕާޓީއިން ބޭއްވި ޕްރެސް ކޮންފަރެންސްގައި ޕާޓީގެ ޗެއަރޕާސަން ހަސަން ލަތީފް ވިދާޅުވީ، ''އެޖެންޑާ 19 ރަށަށް'' ސްލޯގަންގެ ދަށުން މުޅި ރާއްޖޭގައި ކެމްޕޭނު ހިންގުމަށް ތައްޔާރުވަމުން އަންނަކަމަށާއި، މި ކެމްޕޭނު ކުރިޔަށް ގެންދާނީ މި ހިނގާ މަހުގެ 23 އިން 25 ކަމަށެވެ.
މުޅި ރާއްޖޭގައި ހިންގަން ނިންމާފައިވާ އެމްޑީޕީގެ ކެމްޕޭން ހަރަކާތުގައި ބައިވެރިވުމަށް މާލެއިން އެ ޕާޓީގެ ކެމްޕޭން ޓީމެއް ކޮންމެ އަތޮޅަކަށް ދަތުރު ކުރާނެ ކަމަށްވެސް ޕާޓީގެ ނައިބު ރައީސް އަދި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒް (ޝިއްޕެ) ވިދާޅުވިއެވެ.
އެގޮތުން ޝިފާޒު ވިދާޅުވީ، އަތޮޅުތަކަށް ދިޔުމަށް ކެމްޕޭން ޓީމުތައް ދަތުރު ފަށާނީ އަންނަ ބުރާސްފަތި ދުވަހު ކަމަށާއި އެގޮތުން ރަށްތަކުގައި ދޮރުން ދޮރަށް ހިނގައި ކެމްޕޭންގެ ހަރަކާތްތައް ކުރިއަށްގެންދާނެކަމަށެވެ.
އަދި ކޮންމެ އަތޮޅެއްގެ ކޮންމެ ވެސް އެއް ރަށެއްގައި ވޯކްޝޮޕެއް ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖެހިފައިވާއިރު، މިވޯކްޝޮޕްތަކަކީ ކުރިއަށް އޮތް ކައުންސިލް އިންތިޚާބަށް ވަކިވަކި ރަށްރަށަށް އެމްޑީޕީން ވާނެ މަޝްރޫއުތަކުގެ ވަޢުދުތައް ކަނޑައެޅުމަށް ކުރިއަށް ގެންދާ ވޯކޮޝޮޕްތަކެއްކަމަށްވެސް ޝިފާޒު ވިދާޅުވިއެވެ.
ޝިފާޒު ވިދާޅުވީ، ހެނދުނު 10:00 އިން ފެށިގެން ހަވީރު 5:00 އަށް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އެމްޑީޕީގެ އެ ވޯކްޝޮޕް އެ ދުވަހު ކުރިއަށް ދާނެ ކަމަށެވެ.




