ޔުވެންޓަސްގެ މިޑްފީލްޑަރަކަށް ބާސެލޯނާއިން ފާރަލަނީ!

ޔުވެންޓަސްގެ މެދުތެރެއަށް ކުޅެމުން އަންނަ މެތިއުސް ޕެރެއިރާ ބާސެލޯނާއިން ފާރަލަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އާ ކޯޗު ކީކޭގެ ޕްލޭނަށް ބާސެލޯނާ ތައްޔާރުކުރަމުން އަންނައިރު، މިހިނގާ ޖެނުއަރީ މަހުގެ ޓްރާންސްފާގައި ބްރެޒިލްގެ ޒުވާން ތަރި ޕެރެއިރާ ގެންނަން ބާސެލޯނާއިން ވަރަށް ބޮޑަށް މަސައްކަތްކުރާކަމަށްވެއެވެ. ރިޕޯޓްތައް ބުނާގޮތުން ބާސެލޯނާއިން ޕެރެއިރާ ގެންނަން ބޭނުންވަނީ ދިގު މުއްދަތެއްގެ އެއްބަސްވުމެއްގެ ދަށުންނެވެ.

އުމުރުން 23 އަހަރުގެ ޕެރެއިރާ އެމްޕޯލީ ދޫކޮށް ޔުވެންޓަސްއާއި ގުޅުނީ 2017 ވަނަ އަހަރުއެވެ. އެހެންނަމަވެސް ޔުވެންޓަސްގެ ފުރަތަމަ 11 އިން ޕެރެއިރާއަށް ފުރުޞަތު ހޯދަން އުނދަގޫވެފައިވާއިރު، ޔުވެންޓަސްއަށް ކުޅެފައިވަނީ އެންމެ ތިން މެޗެވެ.

އެއަށްފަހު ޔުވެންޓަސްއިންވަނީ ޕެރެއިރާ ބޯޑެކްސް އަށާއި ޕަރަނާގެ އިތުރުން ޑިޔޯންއަށްވެސް ލޯނު ޢުޞޫލުން ދޫކޮށްފައެވެ. މިސީޒަންގައި އޭނާވަނީ ޑިޔޯންއަށް 10 މެޗު ކުޅެދީފައެވެ.

ޔުވެންޓަސްއިން ޕެރެއިރާ ދޫކޮށްލާގޮތަށް ހުރިނަމަވެސް ބަދަލުގައި ކުޅުންތެރިން ބޭނުންވެއެވެ. ޔުވެންޓަސްގެ ޗީފް ފުޓްބޯލް އޮފިސަރ ފަބިއޯ ޕަރާޓިސީ މިބީދައިން ވާހަކަ ދައްކާފައިވާއިރު، ޕެރެއިރާގެ ބަދަލުގައި ޔުވެންޓަސްއިން ބޭނުންވަނީ ބާސެލޯނާގެ ޒުވާން ޓީމަށް ކުޅޭ އެލެޒާންޑްރޯ މާކެސްކަމަށް ރިޕޯޓްތައް ބުނެއެވެ.

މާކެސް ބާސެލޯނާގެ ބޮޑު ޓީމަށް މިހާތަނަށް މެޗެއް ކުޅެފައެއް ނުވެއެވެ. ބާސެލޯނާއާއެކު އޭނާ ހަދާފައިވާ އެއްބަސްވުން މިއަހަރުގެ ޖޫންމަހު ނިމުމަކަށް އަންނާނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ