އައްޑޫގައި ހުޅުޖެހި 70 މީހުންގެ މައްސަލަ ރިވިއުކުރަން އެދިއްޖެ

ކުރީގެ ރައީސް މުހައްމަދު ނަޝީދު 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހު، އިސްތިއުފާ ދިނުމުން އައްޑޫ ސިޓީގެ ޕޮލިސް ސްޓޭޝަންތަކާއި ކޯޓުތަކުގައި ހުޅުޖެހި މައްސަލައިގައި އައްޑޫ ސިޓީން ދަޢުވާކޮށްފައިވާ 70 މީހެއްގެ މައްސަލަ މުރާޖަޢާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް އިއްޔެ އެމްޑީޕީން ހުށަހަޅައިފިއެވެ.

އެމްޑީޕީން މިގޮތަށް ޕީޖީގައި އެދިފައިވަނީ އެފަރާތްތަކުގެ މައްޗަށް ކުށް ސާބިތުވެއްޖެނަމަ ލުއި އަދަބެއް ދިނުމުގެ ފުރުޞަތު ހޯއްދެވުމަށެވެ.

އެމްޑީޕީން ނެރުނު ބަޔާނެއްގައި ވިދާޅުވީ، މިހާރުގެ އެމްޑީޕީ ސަރުކާރުގެ ބަންޑާރަނައިބު 31 ޑިސެމްބަރ 2018 ގައި ކަނޑައަޅުއްވާފައިވާ ޢާންމު ސިޔާސަތުގައި ވަނީ "މީހަކު ކުރާ ކުށުގެ ޢަމަލެއްގެ މައްޗަށް ދަޢުވާ ކުރުމަށް ބަލާއިރު، އެ ކުށުގެ ޢަމަލު ތަޖުރީމުކުރާ އެއް ޤާނޫނަށްވުރެ ގިނަ ޤާނޫނު އޮތްނަމަ، ދަޢުވާކުރާނީ އެ ތަނުން މުއްތަހަމަށް ލުއި އިޖްރާއާތާއި އަދަބު ކަނޑައެޅިފައިވާ ޤާނޫނުގެ ދަށުންކަމަށް ކަނޑައެޅޭނެ ގޮތަކަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސައްކަތް ބައްޓަން" ކުރަންވާނެކަމަށް ކަމަށާއި މިހެންކަމުން، އެމްޑީޕީން މި މައްސަލަތައް މުރާޖަޢާކުރުމަށް ހުށަހެޅީ، މިހާރު މި 70 މީހުންގެ ދަޢުވާތައް ހުރި ގޮތުން، އެމީހުންގެ މައްޗަށް ކުށްސާބިތު ވެއްޖެނަމަ، ކަނޑައެޅޭނީ އެންމެ ލުއި އަދަބުކަމުގައި ނުވާނެތީ ކަމަށެވެ.

އެމްޑީޕީން ބުނީ 2012 ވަނަ ހިންގި ބަޣާވަތާ ގުޅިގެން އައްޑޫއިން 70 މީހެއްގެ މައްޗަށް، ގދ.ތިނަދޫއިން 94 މީހެއްގެ މައްޗަށް އަދި ލ.އިސްދޫގެ 4 މީހެއްގެ މައްޗަށް ޓެރަރިޒަމްގެ ދަޢުވާކޮށްފައިވެއެވެ. އަދި ހއ.އިހަވަންދޫގެ 22 މީހަކާއި، ރ.އަލިފުށިން 4 މީހަކާއި، ހއ. ދިއްދޫ 8 މީހަކާއި، ބ.ތުޅާދޫން 4 މީހަކާއި އަދިވެސް އެތައް ބަޔަކަށް ފުލުހުންގެ ވާޖިބަށް ހުރަސްއެޅުމުގެ ދަޢުވާ ކޮށްފައިވާކަމަށްވެސް އެމްޑީޕީން ވިދާޅުވެއެވެ.

މީގެ ތެރެއިން ގިނަ ދަޢުވާތައް ވަނީ އަނބުރާ ގެންގޮސްފައި ނުވަތަ ޖޫރިމަނާއަކުން މައްސަލަ ނިންމާފައި ކަމަށް އެމްޑީޕީން ބުނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ