ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރާއި މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާ ގުޅިގެން ހިންގާ މޮބައިލް ލީގަލް އެއިޑް ކްލިނިކްގެ ފަސްވަނަ ޕްރޮގްރާމް ހދ. އަތޮޅު ކުޅުދުއްފުށީގައި ހިންގުމަށް ހަމަޖައްސައިފިއެވެ.
މިއީ ޢާންމު ރައްޔިތުން ޤާނޫނަށް ހޭލުންތެރިކޮށްދިނުމަށާއި، މުޖްތަމައުގައި ހަވާސާވެފައި ތިބޭ ފަރާތްތަކަށް ހިލޭ ޤާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން ޢާންމު ރައްޔިތުން ޤާނޫނީ ގޮތުން ބާރުވެރިކުރުމުގެ ގޮތުން ހިންގާ ޕްރޮގްރާމެކެވެ.
"މި ޕްރޮގްރާމްގައި ހިމެނޭނީ ކަނޑައެޅޭ ދާއިރާތަކަކުން ޢާންމު ރައްޔިތުން ޤާނޫނަށް ހޭލުންތެރިކުރުވުމަށްޓަކައި ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރގެ ޤާނޫނީ ވަކީލުން ސެޝަންތައް ހިންގުމާއި، ޢާންމު ރައްޔިތުންގެ ތެރެއިން ޤާނޫނީ ވަކީލެއްގެ ލަފާ ބޭނުންފުޅުވާ ފަރާތްތަކަށް ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރގެ ޤާނޫނީ ވަކީލުން ޤާނޫނީ ލަފާ ދިނުމުގެ އިތުރުން ޢާންމު ރައްޔިތުންގެ ތެރެއިން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ފޯރުންތެރިކަން ނެތް ފަރާތްތަކުން ކޯޓަށް ހުށަހަޅަން ބޭނުންވާ މަދަނީ މައްސަލަތަކުގައި ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރގެ ޤާނޫނީ ވަކީލުންގެ ފަރާތުން ޤާނޫނީ އެހީތެރިކަން ފޯރުކޮށްދިނުން." މި ޕްރޮގްރާމް އިންތިޒާމްކުރާ ފަރާތުން ވިދާޅުވިއެވެ.
މި ޕްރޮގްރާމް ދިވެހިރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިންގުމަށްވަނީ ހަމަޖެހިފައިވާއިރު، މި ޕްރޮގްރާމް ބޭއްވުމަށް ހަމަޖެހިފައިވަނީ ހދ. ކުޅުދުއްފުށީގައި މިހިނގާ ޖަނަވަރީ މަހުގެ 24 އިން 25 ޖަނަވަރީ 2020 އަށެވެ. މި ޕްރޮގްރާމްގައި 12 ޤާނޫނީ ވަކީލުން ބައިވެރިވާނެއެވެ.



