އެމެރިކާއިން ކޮރޮނާވައިރަސް ޖެހިފައިވާ އިތުރު މީހަކު ފެނިއްޖެއެވެ.
ކޮރޮނާވައިރަސް ޖެހިފައިވަނީ މި ވައިރަސް ފުރަތަމަ ފެނިފައިވާ ޗައިނާގެ ވޫހާން ސިޓީއިން އެނބުރި ޗިކާގޯއަށް އައި 60 އަހަރުގެ އަންހެނަކަށެވެ. މިއީ މިބަލި ޖެހިގެން އެމެރިކާއިން ފެނުނު ދެވަނަ މީހާއެވެ.
އޮފިސަލުން ވިދާޅުވީ، މިއަންހެންމީހާ މިހާރުވަނީ ހޮސްޕިޓަލްގައި ކަރަންޓީނު ކުރެވިފައި ކަމަށެވެ. އަދި އޭނާގެ ހާލު ރަނގަޅުކަމަށެވެ.
މިމަހުގެ 13 ވަނަ ދުވަހު މިބަލި އާންމުވީފަހުން މިހާތަނަށްވަނީ 800 މީހުންނަށް މިބަލި ޖެހިފައެވެ. އަދި މިބަލީގައި މިހާތަނަށްވަނީ 26 މީހުން މަރުވެފައެވެ. މިބަލީގެ ޗައިނާގެ ދެސިޓީއެއް ބަންދުކޮށްފައި ވާއިރު މިބަލި ޖެހިފައިވާ ފަރާތްތައް އަންނަނީ އިތުރު ގައުމުތަކުންވެސް ފެންނަމުންނެވެ.
ޗިކާގޯގެ ކަމާބެހޭ ފަރާތްތަކުން މިހާރު އަންނަނީ މި އަންހެން މީހާ ކޮންޓެކްޓުވީ ފަރާތްތައް މިބައްޔަށް ޓެސްޓުކޮށް ރައްކާތެރި ފިޔަވަޅުތައް އަޅަމުންނެވެ.




