ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުގައި ހުންނެވި ހާލަތާއި ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުން ދައްކަވަމުން ގެންދަވާ ވާހަކަތައް ހޯމް މިނިސްޓްރީން ދޮގު ކުރައްވައިފި އެވެ.
މަނީލޯންޑަރިން ގެ ކުށުގައި ފަސް އަހަރުގެ ޖަލު ޙުކުމެއް ތަންފީޛު ކުރަމުންގެންދާ މއ. ކާމިނީހުޅަނގުގެ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ޙާލަތާ ގުޅޭގޮތުން ހަޤީޤަތް އޮޅޭގޮތަށް މީޑިޔާގައި ފެތުރެމުންދާ ޚަބަރާއި ގުޅޭގޮތުން ހޯމް މިނިސްޓްރީން މިއަދު ވަނީ އެކަން ދޮގުކޮށް ބަޔާނެއް ނެރެފައެވެ.
ހޯމް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ އާއި ޤާނޫނުތަކާއި ދިވެހިރާއްޖެ ބައިވެރިވާ ބައިނަލްއަޤުވާމީ މުޢާހަދާތަކުގެ ދަށުން ޖަލު ހުކުމެއް ތަންފީޛުކުރަމުންދާ ޤައިދީންނަށް ކަށަވަރުކޮށްދޭންޖެހޭ އަސާސީ، އިންސާނީ ޙައްޤުތަކާއި ފޯރުކޮށްދޭންޖެހޭ އިނާޔަތްތައް ރައީސް ޔާމީނަށްވެސް އެއްވެސް ތަފާތުކުރުމެއްނެތި ފުރިހަމައަށް ފޯރުކޮށްދެމުންދާ ކަމަށެވެ.
މީޑިއާގައި ފެތުރެމުންދާފަދަ އެއްވެސް ކަމަކާ ގުޅޭ ޝަކުވާއެއް މިހާތަނަށް، ރައީސް ޔާމީންގެ ފަރާތުންވިޔަސް، އޭނާގެ ވަކީލުންގެ ފަރާތުން ވިޔަސް އަދި އޭނާގެ އާއިލާގެ ފަރާތުންވިޔަސް އުފުލާފައި ނުވާކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ.
30 ޑިސެމްބަރ 2019 ވަނަ ދުވަހު މިނިސްޓަރ އޮފް ހޯމްއެފެއާޒްގެ އިރުޝާދުގެ ދަށުން އިނިސްޕެކްޓަރ އޮފް ކަރެކްޝަން ސަރވިސް މާފުށީ ޖަލަށް ޒިޔާރަތްކުރައްވާ ކުރިޔަށް ގެންދެވި އިނިސްޕެކްޝަންގައި ރައީސް ޔާމީނާއި ބައްދަލުކުރައްވާ އޭނާގެ ޙާލުބައްލަވާ އޭނާގެ ކަންބޮޑުވުންތަކާއި ޝަކުވާތައް އޮޅުންފިލުއްވާފައިވާ ކަމަށާއި މި ބައްދަލުވުމުގައިވެސް މީޑިޔާގައި ދައުރުވަމުންދާފަދަ އެއްވެސް ކަމެއް ފާހަގަކޮށްފައި ނުވާކަމަށް ހޯމް މިނިސްޓްރީގެ ބަޔާނުގައި ބުނެފައި ވެއެވެ.
އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ ވަނީ ރައީސް ޔާމީން ހުރީ ހިކި އަނަރޫފަވެފައި ކަމަށް މިފަހުން ވިދާޅުވެފައެވެ. އަދި ރައީސް ޔާމީން ޖަލުގައި 45 ދުވަސް ވީއިރު ކޮންމެ ދުވަހަކުވެސް ކާން ލިބެނީ އެކައްޗެއް ކަމަށާއި މޫނު މަތީގައި ހުރީ ބިހި ވެސް ނަގާފައިކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
ސަރުކާރުގެ ސިޔާސަތަކީ ޖަލުގެ ޙާލަތު ރަނގަޅުކޮށް ޤައިދީންނާއި ބަންދުމީހުންގެ ޙައްޤުތައް ކަށަވަރުކޮށްދީ، އެކިއެކި ކުށްކުށުގައި ޖަލުގައި ބަންދުކުރެވޭ މީހުން އިސްލާހުކޮށް ބޭނުންތެރި ބައެއްގެ ގޮތުގައި އަނބުރާ މުޖުތަމަޢަށް ނެރުންކަމަށް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.




