ގްލޯބަލް ކޮރަލް ރީފް މޮނިޓަރިންގް ނެޓްވޯރކްގެ ސައުތު އޭޝިއާ ސީ ރީޖަންގެ މަސައްކަތު ބައްދަލުވުން މިއަދު ފަށައިފިއެވެ.
މިއީ އިންޓަރނޭޝަނަލް ކޮރަލްރީފް އިނީޝިއެޓިވް (އިކްރީ) އާއި މޮނާކޯ ސަރުކާރުގެ އެހީގައި ރާއްޖޭގައި ގްލޯބަލް ކޮރަލް ރީފް މޮނިޓަރިންގ ނެޓްވާރކްގެ ދެކުނު އޭޝިއާގެ ފަރުތަކާއި ގުޅޭ މައުލޫމާތު ދިގުމުއްދަތަކަށް ނަގަމުންދާ ފަރާތްތަކަށް އަމާޒުކޮށްގެން ބާއްވާ ދެ ދުވަހުގެ ސަރަހައްދީ މަސައްކަތުބައްދަލުވުމުކެވެ.
ދިވެހި ސަރުކާރުގެ ފަރާތުން މި ވޯކްޝޮޕް ކުރިއަށްގެންދަނީ މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓް އަދި މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިންނެވެ. މި ވޯކްޝޮޕް އިފްތިތާހު ކޮށްދެއްވީ މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދުއެވެ.
މިވޯރކްޝޮޕް ކުރިއަށްދަނީ މިއަދާއި މާދަމާ، މޯލްޑިވްސް ކަސްޓަމްސް ބިލްޑިންގް ގެ ކޮންފަރެންސް ހޯލްގައެވެ. ދެދުވަހަށް ބޭއްވޭ މި މަސައްކަތު ބައްދަލުވުމުގައި ޖުމްލަ 25 ބައިވެރިން ބައިވެރިވެލައްވައެވެ. މީގެ ތެރޭގައި އިންޑިއާ، ޝްރީލަންކާ، ޖަޕާންގެ އިތުރުން ސައުތް އޭޝިއަން ކޯޕަރޭޓިވް އެންވަޔަރަންމަންޓް ޕްރޮގްރާމް (ސަސެޕް) އިން ޖުމްލަ 7 މަންދޫބުންނާއި ގްލޯބަލް ކޮރަލް ރީފް މޮނިޓަރިންގް ނެޓްވޯރކްގެ ފެސިލިޓޭޓަރެއް ހިމެނިވަޑައިގަންނަވައެވެ. ރާއްޖޭގެ ކަމާގުޅޭ މުއައްސަސާތަކާއި ޖަމިއްޔާ ޖަމާއަތްތަކުން ޖުމްލަ 17 ބައިވެރިން ބައިވެރިވެއެވެ.
މި މަސައްކަތު ބައްދަލުވުމަކީ އިކްރީގެ ފަރާތުން ދުނިޔޭގެ ފަރުތައް ނިސްބަތްވާ ސަރަހައްދުތަކުގެ މެދުގައި ސަރަހައްދީ ފެންވަރެއްގައި ފަރުތަކުގެ ހާލަތާއި ގުޅޭ މައުލޫމާތު އެކުލަވައިލުމަށް ބާއްވާ 7 ވަނަ މަސައްކަތު ބައްދަލުވުމެވެ.
މި މަސައްކަތުބައްދަލުވުމުގައި އެއްކުރެވޭ ދެކުނު އޭޝިއާގެ ފަރުތަކުގެ މައުލޫމާތުތަކަކީ، "2020 ޖީ.ސީ.އާރ.އެމް.އެން ގްލޯބަލް ކޮރަލް ރީފް ސްޓޭޓަސް އެންޑް ޓްރެންޑްސް" ރިޕޯޓު އެކުލަވާލުމަށް ބޭނުންވާ މައުލޫމާތެވެ. މި ރިޕޯރޓް އިފްތިތާހު ކުރުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 2020 ގައި ޕަލާއޯގައި ބޭއްވޭ "އޯޝަންސް ކޮންފަރަންސް" ގައެވެ.
ދުނިޔޭގެ ފަރުތަކުގެ ހާލަތަށް އަލިއަޅުވާލާ ރިޕޯޓެއް އެންމެ ފަރުން ޝާއިޢުކުރެވިފައި ވަނީ 2008 ގައެވެ.