ހެޔޮ ފާހަގަ ފިޔަވައި އިތުރު އެއްވެސް ފާހަގައެއް ކުރަހައިފިނަމަ ވޯޓު ކަރުދާސް އެއްކޮށް ބާތިލުވާނެ

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އަދި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތްކުރާ އިންތިޚާބުގައި ވޯޓު ކަރުދާހުގައި ރަނގަޅު ފާހަގަ ފިޔަވައި އިތުރު އެއްވެސް ފާހަގައެއް، ލިޔުން ކޮޅެއް ނުވަތަ ކުރެހުމެއް ކުރެހިޔަސް ވޯޓު ކަރުދާސް އެއްކޮށް ބާތިލު ވާނެކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަން ކޮމިޝަނުން މިރޭ ބޭއްވެވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަންގެ މެމްބަރު ފުއާދު ތަޢުފީޤު ވިދާޅުވީ އިލެކްޝަން ކޮމިޝަނުން މަސައްކަތް ކުރައްވަނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނުތަކާއި އެއްގޮތަށް ކަމަށެވެ.

ފުޢާދު ވިދާޅުވީ މިހާރު ފުރަތަމަ މިބަލަނީ ވޯޓު ކަރުދާސް ސައްހަވޭތޯއެއް ނޫންކަމަށެވެ. އެންމެ ފުރަތަމަ މިބަލަނީ ވޯޓު ކަރުދާސް ބާތިލް ވޭތީ ކަމަށެވެ. "އެއްވެސް ކަހަލަ އިތުރު ފާހަގައެއް އިނިއްޔާ ވޯޓު ކަރުދާސް ބާތިލުވީ. ރަނގަޅު ފާހަގަ ދެފަހަރު ލާފައިއޮތަސް ވޯޓު ކަރުދާސް ބާތިލުވީ" ފުއާދު ވިދާޅުވިއެވެ.

ފުއާދު ވިދާޅުވީ އެންމެ ކަންބޮޑުވާ މައްސަލައަކީ ކައުންސިލް އިންތިހާބުގެ ވޯޓު ކަރުދާސް ކޮޅުގައި 4 މަގާމަކަށް މީހުން އައްޔަށް ކުރުމަށް އެންމެ ކަރުދާސް ކޮޅެއް އޮންނައިރު އެތަނުން އެއްވެސް މަގާމަމަކަށް ދެފާހަގަ ނުވަތަ އިތުރު އަކުރެއް ނުވަތަ އޮޅުމަކުން ރޮނގެއް ދެމިފައި ހުއްޓަސް، އެ ވޯޓު ކަރުދާހުގައިވާ 4 ވޯޓު އެއްކޮށް ބާތިލުވާތީ ކަމަށެވެ. މީގެ ސަބަބުން މި އިންތިޚާބުގައި ބާތިލު ވޯޓު ގިނަ ވެގެންދާނެ ކަމަށް ފުޢާދު ލަފާކުރެއްވި އެވެ.

"މިސާލަކަށް މޭޔަރު ހޮވަން އިންނަ ތަނުގައި ދެ ފާހަގަ ޖަހައިފިއްޔާ، އެކަރުދާހުގައި ދެން ހުރި ވޯޓު ތައްވެސް ބާތިލު ބެގެން މިދަނީ" ފުއާދު ވިދާޅުވިއެވެ.

އިލެކްޝަން ކޮމިޝަނުން މިރޭ ވަނީ އިންތިޚާބަށް ރައްޔިތުން ހޭލުންތެރި ކުރުމަށްޓަކައި ޔޫޓިއުބް ޗެނަލެއް ވެސް އިފްތިތާޙް ކޮށްފައެވެ. މި ޔޫޓިއުބް ޗެނަލް އިފްތިތާޙް ކޮށްދެއްވީ ސިޔާސީ ޕާޓީތަކުގެ ފަރާތުން މިބައްދަލުވުމުގައި ބައިވެރިވި ފަރާތްތަކުން ނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ