ވިލިމާފަންނު ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އަޙްމަދު ނިހާން ހުސެންމަނިކު | ފޮޓޯ : މިހާރު

ނިހާން ތިކިޔާ އެއްޗެއް، ތިޔަ އުޅުއްވާ ގޮތެއް އެއްގޮތަކަށްވެސް ނޭނގުނު!

ކުރިޔަށް މިއޮތީ ސިޔާސީ، އާއިލީ، ވާދަވެރި ފޯރިގަދަ ދުވަސް ތަކެކެވެ. ކުރިޔަށް މިއޮތީ ކެމްޕެއިންގެ ފޯރި އިތުރަށް ގަދަވުމެވެ. އާއިލާތައް އެކުވެރިވެ ނުވަތަ ފިތުނަވެރިވާނެ ދުވަސްތަކެއް ކަމަށްވެސް ބައެއް ފަރާތްތަކުން ގަބޫލުކުރުއެވެ. އެޕްރީލް 4 ވަނަ ދުވަހު ބާއްވާ ކައުންސިލް އިންތިޚާބުގެ ފޯރި ވަނީ ވަރަށް ގަދަވެފައެވެ. އެޕްރީލް 4 ވަނަ ދުވަހަކީ 2 އިންތިޚާބެއް އެއްދުވަހާ ބާއްވާ ފުރަތަމަ ފަހަރެވެ. އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިޚާބުވެސް ބޭއްވުމަށް އިޢުލާން ކޮށްފައި ވަނީވެސް އެޕްރީލް 4 ވަނަ ދުވަހު އެވެ.

ކައުންސިލް އިންތިޚާބުގެ ފޯރި އެންމެ ގަދަކޮށް އުޅެނީ ސިޓީ ތަކުގެ މޭޔަރުންގެ މެދުގައެވެ. މިގޮތުންވެސް މާލޭ ސިޓީ ކައުންސިލް މޭޔަރުގެ ވާދަވެރިކަން ވަނީ ވަރަށް ބޮޑުވެފައެވެ. ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ޓިކެޓު މާލޭ މޭޔަރަކަށް ދީފައިވަނީ އަނަސް އަބްދުއްސައްތާރަށެވެ. ޕީޕީއެމްގެ ފަރާތުން ޕީޕީއެމްގެ ނައިބު ރައީސް ކަންކުރައްވާ ކުރީގެ ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުއިއްޒުވެސް ވަނީ މާލޭގެ މޭޔަރަކަށް ވާދަ ކުރައްވާނެކަން އިޢުލާން ކުރައްވާފައެވެ. މަޖިލިސް އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ހެންވޭރު އުތުރު ދާއިރާއަށް ވާދަކުރެއްވި އަލްހާން ފަހުމީވެސް ގެންދަވަނީ މާލޭގެ މޭޔަރަކަށް ކެމްޕެއިން ކުރައްވަމުންވެ.

ކުރީގެ ޕީޕީއެމްގެ ޕީޖީ ލީޑަރު ނިހާން ވަނީ އަލްހާން އަށް ތާޢީދުކޮށް ވާހަކަ ދައްކަވާފައެވެ. އަލްހާން ކުރައްވާފައިވާ އޭނާގެ މާލޭ ސީޓީ ކައުންސިލް މޭޔަރުގެ ކެމްޕެއިން ޓްވީޓެއް ރިޓްވީޓު ކުރައްވަމުން ނިހާން ވިދާޅުވީ އަލްހާން އަކީ ކުރަން ކެރޭނެ މީހެއް ކަމަށެވެ. ހަމަ މިޔާއިއެކު އަލްހާންގެ ކެމްޕެއިން ޓްވީޓް ތައް ނިހާން ގެންދަވަނީ ރިޓްވީޓްވެސް ކުރައްވަމުން ނެވެ. މާލޭ މޭޔަރަކަށް އަލްހާން ފަހުމީ ގެންނަވަން ނިހާން ތާއީދު ކުރައްވަނީ ކަމަށްވެސް ވެދާނެއެވެ.

އެކަމަކު މިހެންވެސް ބުނެވޭކަށް ނެތެވެ. ނިހާން ވަނީ މާލޭ މޭޔަރު ކަމުގެ ގޮނޑި ޑރ. މުއިއްޒު ކާމިޔާބު ކުރައްވާނެކަން ދޭހަވާ ގޮތަކަށްވެސް ވާހަކަފުޅު ދައްކަވާފައެއެވެ. އޮޅިފައިއޮތް ކަންވާރެއް އޮޅުން ފިލުވުމަށްވުރެ ބޮޑަށް ނިހާން މިހަދާ އެއްޗެއް އެބަ އޮޅެއެވެ. ނޫމަޑިއާއި ގުޅިގެން ޑރ، މުއިއްޒުގެ މައްސަލަ ފުލުހުންނަށް ފޮނުވުމަށް މަޖިލީހުން ފެބްރުއަރީ 5 ވަނަ ދުވަހު ފާސްކުރެއްވުމާއި ގުޅިގެން ނިހާން ވިދާޅުވީ މިއީ ކުރީގެ ހައުސިން މިނިސްޓަރ ޑރ މުއިއްޒު މާލޭ މޭޔަރު ކަމުގެ ގޮނޑި ކާމިޔާބު ކުރައްވާނެކަން އެމްޑީޕީ އަށް ޔަގީން ވަތީ ވާގޮތެއް ކަމަށެވެ. އެމްޑީޕީން ހަދާގޮތް ނިހާން އަށް އިނގުނަސް ނިހާން ތިކިޔާ އެއްޗެއްވެސް ތިހައްދަވާ އެއްޗެއްވެސް ދިވެހި ރައްޔިތުންނަކަށް ނޭނގެއެވެ.

ރިޔާސީ އިންތިޚާބުގެ ކާމިޔާބީއަށް ފަހު އެމްޑީޕީން ވަނީ ސަރުކާރު ކޯލިޝަންގެ ޕާޓީ ތަކާއި ވަކިން މަޖިލިސް އިންތިޚާބުގައި ވާދަކޮށް، ރައްޔިތުންގެ މަޖިލީހުގެ ބޮޑު މެޖޯރިޓީއެއް ނަގާފައެވެ. ރައީސް ޔާމީން ސަރުކާރުގެ އިސް ސަފުގައި ތިއްބެވި އަދި މިހާރު ސަރުކާރާއި އިދިކޮޅުގައި ތިއްބެވި 18 ވަނަ ރައްޔިތުން މަޖިލީހުގެ ގިނަ މެމްބަރުން ތަކަކަށް ވަނީ މަޖިލިސް އިންތިޚާބުގައި ބޮޑު ނާކާމިޔާބަކާއި ކުރިމަތި ވެފައެވެ. އެގޮތުން ކުރީގެ ޕީޕީއެމްގެ ޕީޖީ ލީޑަރުކަން ކުރެއްވި ޕީޕީއެމްގެ ކުރީގެ ނައިބު ރައީސް އަޙްމަދު ނިހާން ހުސައިން މަނިކު ވެސް މީގެ ތެރޭގައި ހިމެނިވަޑައި ގަންނަވައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޙާބުގައި ޕީޕީއެމް އަށް ލިބުނު ނާކާމިޔާބަށްފަހު ނިހާން ވިދާޅުވީ ޕީޕީއެމްގެ ލީޑަޝިޕްގައި އެވަގުތު ތިއްބެވި ހުރިިހާ ބޭފުޅުން އިސްތިއުފާ ދެއްވުމަށެވެ. ނިހާން ވިދާޅުވީ ރިޔާސީ އިންތިޚާބާއި އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އަދި މަޖިލިސް އިންތިޚާބުން ވެސް ޕީޕީއެމް ބަލިވީ ހަރުދަނާ ލީޑަޝިޕެއް ނެތުމުން ކަމަށެވެ.

2019 އެޕްރީލް 21 ވަނަ ދުވަހު ނިހާން ވަނީ ޕީއެންސީ އަށް ސޮއި ކޮށްފައެވެ. އޭގެ ފަހުން ޕީއެންސީގެ ނައިބު ރައީސްގެ މަގާމު ނިހާން ވަނީ ފުރުއްވާފައެވެ. އޭގެ ފަހުން މިދިޔަ އަހަރު އޮގަސްޓު 26 ވަނަ ދުވަހު ނިހާން ވަނީ ޕީއެންސީގެ ނައިބު ރައީސް ކަމުން އިސްތިއުފާ ދެއްވައި އެޕާޓީންވެސް ވަކިވެފައެވެ. ހަމަ އެދުވަހުގެ ރޭ ނިހާން ވަނީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ އަށް ސޮއި ކުރައްވާފައެވެ. ނިހާން އާއިއެކު ކުރިން ޕީޕީއެމްގެ އިސް ސަފުގައި މަސައްކަތް ކުރެއްވި ބައެއް ފަރާތްތަކުން ވަނީ ޖުމްހޫރީ ޕާޓިއަށް ބަދަލުވެފައެވެ.

ރައީސް ޔާމީން ޖަލުގައި ބަންދުކުރުމުންވެސް އެއްވެސް އެއްޗެއް ވިދާޅުނުވެ ނިހާން މަސައްކަތް ކުރައްވަމުން މިހާރު ގެންދަވަނީ ގާސިމް އިބްރާހިމް އާއިއެކުއެވެ. ބައެއް ޖަލްސާ ތަކުގައި ގާސިމް ޔާމީނަށް ބަވާއިރުވެސް ނިހާން ހުންނަވަނީ ހެވިފައި އަތްޖައްސަވާށެވެ. ނިހާން ތިޔަ ހައްދަވާގޮތެއް ހަމަ އެއްގޮތަކަށްވެސް ނޭނގުނެވެ.

މިލިޔުން ކިޔާލުމުން
2
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. Muiz

    އެކަމަކު މިހެންވެސް ބުނެވޭކަށް ނެތެވެ. ނިހާން ވަނީ މާލޭ މޭޔަރު ކަމުގެ ގޮނޑި ޑރ. މުއިއްޒު ކާމިޔާބު ކުރައްވާނެކަން ދޭހަވާ ގޮތަކަށްވެސް ވާހަކަފުޅު ދައްކަވާފައެއެވެ. އޮޅިފައިއޮތް ކަންވާރެއް އޮޅުން ފިލުވުމަށްވުރެ ބޮޑަށް ނިހާން މިހަދާ އެއްޗެއް އެބަ އޮޅެއެވެ. ނޫމަޑިއާއި ގުޅިގެން ޑރ، މުއިއްޒުގެ މައްސަލަ ފުލުހުންނަށް ފޮނުވުމަށް މަޖިލީހުން ފެބްރުއަރީ 5 ވަނަ ދުވަހު ފާސްކުރެއްވުމާއި ގުޅިގެން ނިހާން ވިދާޅުވީ މިއީ ކުރީގެ ހައުސިން މިނިސްޓަރ ޑރ މުއިއްޒު މާލޭ މޭޔަރު ކަމުގެ ގޮނޑި ކާމިޔާބު ކުރައްވާނެކަން އެމްޑީޕީ އަށް ޔަގީން ވަތީ ވާގޮތެއް ކަމަށެވެ. އެމްޑީޕީން ހަދާގޮތް ނިހާން އަށް އިނގުނަސް ނިހާން ތިކިޔާ އެއްޗެއްވެސް ތިހައްދަވާ އެއްޗެއްވެސް ދިވެހި ރައްޔިތުންނަކަށް ނޭނގެއެވެ.

    2
    1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ