ކ. މާފުށީގައި އަންހެން ފަތުރުވެރިޔަކު ހައްޔަރުކުރުމުގައި ފުލުހުން އަމަލުކޮށްފައިވާ ގޮތް ބެލުމަށް އެރަށުގައި ހަރަކާތްތެރިވަމުން އަންނަ ޕްރޮފެޝަނަލް ސްޓެންޑާޑްސް ކޮމާންޑުގެ ޓީމުން ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި މައްސަލަ ބަލައި ނިންމާ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދަށް ރިޕޯޓު ކުރާނެ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ނެރެފައިވާ ނޫސް ބަޔާނެއްގައި ވިދާޅުވީ، ކ. މާފުށިން އަންހެން ފަތުރުވެރިޔަކު ހައްޔަރު ކުރަން ޖެހުނީ، މަސްތުގެ ހާލުގައި ނިވާކަން ކުޑަ ގޮތަކަށް އެ ރަށުތެރޭގައި އުޅެމުންދާ ކަމުގެ ޝަކުވާ ލިބިގެންކަމަށާއި، އަދި އާންމުން ދިރިއުޅޭ ހިސާބުތަކުގައި ފަތުރުވެރިން ބިކިނީގައި އުޅުމަކީ މަނާކަމެއްކަން، ފަތުރުވެރިޔާއަށް ވިސްނައިދޭން އެވަގުތު އެތަނަށް ދިޔަ ފުލުހުން މަސައްކަތް ކުރި ނަމަވެސް ނުކިޔަމަންތެރިކަން ދެއްކުމުން ބިޑި އަޅުވައިގެން ފުލުހުންގެ ބެލުމުގެ ދަށަށް އެފަތުރުވެރިޔާ ގެންނަށް ޖެހުނީކަމަށެވެ.
އަދި އެފަތުރުވެރިޔާ މިހާރު ދޫކޮށްލާފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
އަންހެން ފަތުރުވެރިޔާ ޙައްޔަރުކުރުމުގައި ފުލުހުން ޢަމަލުކުރި ގޮތުން ފަތުރުވެރިއާގެ އިތުރުން އާންމުންގެ ފަރާތުން ވެސް ފުލުހުންވަނީ މަޢާފަށްއެދިފައެވެ.
ފުލުހުން ވިދާޅުވީ، އެފަތުރުވެރިޔާ ޙައްޔަރުކުރުމުގައި ފިރިހެން ފުލުހުން ޙަރަކާތްތެރިވެފައިވަނީ އެވަގުތު މާފުށީގައި އަންހެން ފުލުހުން ނެތުމުންކަމަށެވެ. ނަމަވެސް އެހާދިސާގައި ފުލުހުންނަށް އެއަށްވުރެ ރަނގަޅަށް ޢަމަލުކުރެވޭނެކަމަށްވެސް ފުލުހުންވަނީ ވިދާޅުވެފައެވެ.

މިމައްސަލައިގެ ތަޙުޤީޤު މިހާރު ފަށާފައިވާއިރު، ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެކަމުގެ ޔަގީންކަން ފަތުރުވެރިޔާ އާއި އޭނާގެ އާއިލާގެ އިތުރުން އާންމު ރައްޔިތުންނަށް ވެސް ފުލުހުންވަނީ ދީފައެވެ. އަދި ދިވެހި ރައްޔިތުންނާއި، ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އިސްކަން ދޭނެކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.
Bikini Gai Ulhunu Anhenaku Fuluhunge Belumuge Dhashah Genna Video Eh Dhauruvaneehttps://t.co/muoK7BrPsR
— Feshun (@feshunonline) February 6, 2020



