ސްޕެނިޝް ލަލީގާ ރޭ ކުޅުނު މެޗުގައި މެސީގެ އެހީތެރިކަމާއެކު ބާސެލޯނާއިން ފަތަހުން އަރައި ރެއަލް ބެޓިސް ބަލިކޮށްފިއެވެ.
ބެނީޓޯ ވިލަމަރިން ސްޓޭޑިއަމްގައި ކުޅުނު މިމެޗު ބާސެލޯނާއިން ކާމިޔާބުކުރީ 2-3 ގެ ނަތީޖާ އަކުންނެވެ.
މެޗު ފެއްޓުމާއެކު ބާސެލޯނާގެ ޑިފެންޑަރު ލެންގްލެޓް އަތުގައި ބޯޅައިން ޖެހުމުން ވީއޭއާރު ބެލުމަށްފަހު ރެފްރީ ދިން ޕެނަލްޓީގައި ސާޖިއޯ ކެނަލަސް ކާމިޔާބުކޮށްދިން ލަނޑާއެކު ރެއަލްބެޓިސްއިން ލީޑުނެގިއެވެ. އަދި އޭގެ ތިން މިނަޓް ފަހުން މެސީ ދިން ރީތި ޕާހަކުން ޑިޔޮންވަނީ ހިތްގައިމު ލަނޑެއްޖަހައި ބާސެލޯނާއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.
އެކަނިމާ އެކަނި އަރައި ނަބިލް ފަކީރް ރެއަލްބެޓިސްއަށް 26 ވަނަ މިނަޓްގައި ކާމިޔާބުކޮށްދިން ލަނޑާއެކު ދެވަނަ ފަހަރަށްވެސް ރެއަލްބެޓިސްއިން ލީޑު ނެގިއެވެ. މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ބާސެލޯނާއިން ދެވަނަ ފަހަރަށް ނަތީޖާ ހަމަހަމަ ކުރިއިރު ބުސްކެޓް ކާމިޔާބުކޮށްދިން މިލަނޑަކީވެސް މެސީގެ އެސިސްޓަކުން ކާމިޔާބުކުރި ލަނޑެކެވެ. ހިލޭ ޖެހުމަކުން މެސީ ރެއަލްބެޓިސް އޭރިއާތެރެއަށް އެއްލި ބޯޅަ ބުސްކެޓް ކޮންޓްރޯލް ކޮށްލުމަށްފަހު ތިރިތިރިން ގޯލް ތެރެއަށް ވައްދާލީ އިދިކޮޅު ޓީމުގެ ޑިފެންފަޑަރުންގެ ތެރޭގައި ހުރެއެވެ.
މެޗުގައި ބާސެލޯނާއަށް ފުރަތަމަ ފަހަރަށް ލީޑު ލިބުނީ 72 ވަނަ މިނަޓްގައި ލެންގްލެޓް ކާމިޔާބުކޮށްދިން ލަނޑުންނެވެ. މިލަނޑުވެސް މެސީގެ އެހީތެރިކަމާއެކު ޖަހާފައިވާއިރު، ހިލޭ ޖެހުމަކުން މެސީ ފޮނުވާލި ބޯޅަ އޭރިއާތެރެއިން ލެންގްލެޓް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލީ ކީޕަރަށް އޮޅުވާލުމަށްފަހުގައެވެ.
މެޗުގައި ބާސެލޯނާއިން ޖެހި ތިން ލަނޑުވެސް މެސީގެ އެހީތެރިކަމާއެކު ކާމިޔާބުކޮށްފައިވާއިރު، ޔޫރަޕްގެ ގަދަ 5 ލީގުގައި މިސީޒަންގައި އެސިސްޓް ދެއަދަދަށް އެރުވި ދެވަނަ ކުޅުންތެރިޔާއަށް މެސީވަނީ ވެގެން ގޮސްފައެވެ. އަދި މިސީޒަންގެ މެޗެއްގައި ތިން އެސިސްޓް ހެދި ދެވަނަ ކުޅުންތެރިޔާއަކީވެސް މެސީއެވެ. މީގެކުރިން ލެއިޕްޒިގްގެ ޓީމޯ ވާނާވަނީ މެޗެއްގައި 3 އެސިސްޓް ހަދާފައެވެ.
2 - @FCBarcelona's Lionel Messi is the second player to reach double figures for both goals (14) and assists (10) in the top five European leagues this season, after Jadon Sancho (12 & 13). Critical. pic.twitter.com/zpO8Ml8H3z
— OptaJose (@OptaJose) February 9, 2020
މެސީ މިސީޒަންގައި މިހާތަނަށް ލަލީގާގައި 14 ލަނޑު ޖަހާފައިވާއިރު 11 އެސިސްޓްވަނީ ހަދާފައެވެ. މިސީޒަންގައި ދެއަދަދުގެ އެސިސްޓް ހަދާފައިވާ އަނެއް ކުޅުންތެރިއަކީ ބޮރޯސިއާ ޑޯޓުމުންޑަށް ކުޅެމުން އަންނަ ފެނަމް ޖެޑަން ސަންޗޯއެވެ. އިންގްލޭންޑަށް ނިސްބަތްވާ އުމުރުން 19 އަހަރުގެ ސަންޗޯ މިސީޒަންގެ ބުންޑެސްލީގާގައި މިހާތަނަށް 12 ލަނޑު ޖަހައި 13 އެސިސްޓް ހަދާފައިވެއެވެ.
މެޗުގައި ދެ ރަތްކާޑު ވަނީ ފެނިގެން ގޮސްފައެވެ. މެޗުގެ ފަހުކޮޅުގައި ފެނިގެން ދިޔަ މި ދެރަތް ކާޑު ދައްކާފައިވަނީ ބާސެލޯނާގެ ލެންގްލެޓްއަށާއި ރެއަލް ބެޓިސްގެ ނަބީލް ފަކީރް އަށެވެ.



