މަސްތުވާތަކެއްޗާއެކު ށ. ޅައިމަގުން 3 މީހަކު ޙައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ށ. ފުނަދޫ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، ށ. ޅައިމަގުން މަސްތުވާތަކެއްޗާއެކު ތިން މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ.
އަދި ޙައްޔަރުކުރެވުނު ތިން މީހުންނަކީވެސް ފިރިހެނުންކަމަށާއި، މިއޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 19 އަހަރުގެ މީހަކާއި 23 އަހަރުގެ މީހެއްގެ އިތުރުން 33 އަހަރުގެ މީހެއްކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މީގެއިތުރުން ފުލުހުން ވިދާޅުވީ، ހިނގާ ފެބްރުއަރީ މަހުގެ 8 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަންގައި، ކޯޓު އަމުރެއްގެ ދަށުން އެ ތިން މީހުން ހައްޔަރުކޮށް އެ މީހުން ދިރިއުޅޭ ގެ ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 36 ރަބަރު ޕެކެޓު ފެނިފައިވާކަމަށެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވާ ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ށ. ފޭދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް 15 ދުވަހުގެ މުއްދަތުވަނީ ދީފައެވެ.
މި މައްސަލަ ށ. ފުނަދޫ ޕޮލިސް ސްޓޭޝަނުުންދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.



