އިންތިޚާބާއި ދިމާކޮށް ކަޑަޖެހުން ހުއްޓާލުމަށް، މާލޭ ސިޓީގެ މޭޔަރ ކަމަށް ވާދަކުރައްވާ ކުރީގެ މަޖިލިސް މެންބަރު އަލްހާން ފަހުމީ ސަރުކާރަށް ގޮވާލައްވައިފިއެވެ.
އަލްހާން މިހެން ގޮވާލައްވާފައިވަނީ މާލޭގެ މަގުތަކުގެ ހާލަތު ރަންގަޅު ކުރުމުގެ ގޮތުން "މާލޭ ސްޓްރީޓްސްކޭޕިންގ ޕްރޮޖެކްޓް" މިއަދު އިފްތާޙު ކުރައްވާނެކަން މާލޭ ސިޓީ ކައުންސިލުން އިޢުލާން ކުރެއްވުމާއި ގުޅިގެންނެވެ.
މާލޭ ސްޓްރީޓްސްކޭޕިންގ ޕްރޮޖެކްޓް ރަސްމީކޮށް އިފްތިތާޙު ކުރުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 16:30 ގައި ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހްއެވެ. މި ރަސްމިއްޔާތު ޕީ. އެސް. އެމް އިން ވަގުތުން ދުރަށްދެއްކުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މާލޭ ސިޓީ ކައުންސިލުން މި ޕްރޮޖެކްޓް އިފްތިތާޙުކުރާކަން އިޢުލާނު ކުރެއްވުމުން އަލްހާން ވިދާޅުވެފައިވަނީ ސިޓީ ކައުންސިލު ހިންގާނީ އިންތިޚާބަށް ފަހުކަމަށެވެ. އަލްހާން މިކަން ސިފަ ކުރައްވާފައިވަނީ ކޮރަޕްޝަންގެ އަމަލެއްގެ ގޮތުގައެވެ.
"މިވެސް ކުށްވެރިނުވާ ކޮރަޕްޝަންގެ ބާވަތެއް! ބާރުގެ ބޭނުން ކުރުމުގައި ނިޔަތާ މަގްސަދު ނުބައިވުން!" އަލްހާން ވިދާޅުވެފައިވެއެވެ.
އަލްހާން އިތުރަށް ވިދާޅުވެފައިވަނީ ރައީސުލް ޖުމްހޫރިއްޔާ ކުރައްވަން ހުރި ކަންކަން ނުހަނު ގިނަކަމަށާއި އިންތިޚާބަށް ކަޑަޖެހުން ހުއްޓާލަން ޖެހޭކަމަށެވެ.




