ކުރީގެ ހައުސިން މިނިސްޓަރު އަދި ޕީޕީއެމްގެ ނައިބު ރައީސް ޑރ.މުހައްމަދު މުއިއްޒު މިރޭ ފުލުހަށް ހާޟިރުވާން އަންގައި ޗިޓު ފޮނުވައިފިއެވެ.
މުއިއްޒު ނިސްބަތްވެ ވަޑައިގަންނަވާ ޕީޕީއެމުން ވިދާޅުވި ގޮތުގައި މިރޭ 8:00 އަށް ފުލުހުންނަށް ޙާޟިރުވުމަށް މުއިއްޒުއަށްވަނީ އަންގާފައެވެ. އަދި އޭނާ ޙާޟީރުކުރަނީ ބަލަމުންދާ މައްސަލައެއްގައި ކަމަށް މައުލޫމާތު ދީފައިވާކަމަށާއި ނަމަވެސް އެއީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ސާފުނުވާކަމަށް ޕީޕީއެމްއިން ވިދާޅުވެފައިވެއެވެ.
ނޫމަޑި މައްސަލާގައި މީގެ ކުރިން ވަނީ މުއިއްޒު ކޮމިޓީގައި ދޮގު މައުލޫމާތު ދިން ކަމަށް ބުނާ މައްސަލައެއް ފުލުސް އޮފީހަށް ހުށަހަޅަން އެ ކޮމިޓީން ވަނީ ނިންމައިފައެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ޙާޟިރުކޮށް ކުރި ސުވާލަކަށް ޖަވާބުދެމުން މުއިއްޒު ވިދާޅުވެފައިވަނީ އެއްވެސް ބަޔަކާ އެއްކޮޅަށްވެސް ދެކޮޅަށްވެސް އޭނާ ބަޔާން ދެއްވާފައި ނުވާނެ ކަމަށެވެ. އަދި ކޮމިޓީގައި މެންބަރުން ކުރެއްވި ގިނަ ސުވާލުތަކަށް މުއިއްޒު ސިދާ ޖަވާބެއް ދެއްވާފައިނުވާއިރު، މުއިއްޒު އިތުރުފުޅު ހެއްދެވީކަމަށް ތުޙުމަތުކޮށް އެކަން ފުލުހަށް ހުށަހަޅަންވެސް ކޮމިޓީއިން ނިންމިއެވެ.
މުއިއްޒުގެ މައްސަލައެއް ބަލަންފަށައިވާކަމަށް މިދިޔަ އަހަރުގެ ޑިސެމްބަރުގެ ކުރީކޮޅު ފުލުހުން ވިދާޅުވެފައިވާއިރު، ނޫމަޑިއިން ދިވެހި ސަރުކާރުގެ މައްޗަށް ހުށަހެޅި އާބިޓްރޭޝަން މައްސަލައިގައި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އަމަލުކުރެއްވި ގޮތާ ގުޅިގެން ޖިނާއީ ތަހުގީގެއް ހިންގުމަށް ފުލުހުންގެ ކިބައިގައި ބަންޑާރަ ނައިބުވަނީ އެދިވަޑައިގެންފައިވާކަމަށް ފުލުހުން އޭރު ވިދާޅުވިއެވެ.
މާލޭ މޭޔަރުކަމަށް މުއިއްޒު ކުރިމަތިލާން ނިންމާފައިވާ އެދަނޑިވަޅުގައި މުއިއްޒުގެ މައްސަލައެއް ފުލުހުން ބަލަމުންދާކަމަށް ހާމަކުރުމުން އެއީ ސިޔާސީ މަޤްސަދެއް ޙާސިލްކުރުމަށް ރާވައިގެންކުރާކަމެއްކަމަށް އިދިކޮޅުންވަނީ ތުޙުމަތުކޮށްފައެވެ.
އަނެއްކޮޅުން ރޭ ބޭއްވި އެމްޑީޕީގެ ޖަލްސާގައި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ މުއިއްޒަށް ވަނަމުން ކިޔައި، ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި މުއިއްޒަށް ވޯޓު ނުދިނުމަށް އެމަނިކުފާނު ތަކުރާރުކޮށް އެދިވަޑައިގެންނެވިއެވެ.