އުމުރުން 18 އަހަރުން މަތީގެ ހޮންކޮންގެ ކޮންމެ ރައްޔިތަކަށް 1،200 ޑޮލަރު

އުމުރުން 18 އަހަރުން މަތީގެ ހޮންކޮންގެ ކޮންމެ ރައްޔިތަކަށް 10,000 ހޮންކޮންގް ޑޮލަރު ނުވަތަ 1،280 އެމެރިކާ ޑޮލަރު ދިނުމަށް ހޮންކޮންގެ ސަރުކާރުން ނިންމައިފިއެވެ.

ހޮންކޮންގް ސަރުކާރުން މިގޮތަށް ނިންމައިފައިވަނީ، މުޒާހަރާތަކާއި އަދި ކޯވިޑް-19 އާއި ގުޅިގެން ހޮންކޮންގެ އިގުތިސާދަށް ކުރާނެ ނޭދެވޭ އަސަރުތައް ފޫބެއްދުމުގެ ގޮތުންނެވެ.

ފައިނޭންޝިއަލް ސެކެރެޓަރީ ޕައުލް ޗަން މިއަދު ވިދާޅުވެފައިވަނީ، މިއަހަރުގެ ތެރޭގައި ހޮންކޮންގެ އިގުތިސާދަށްވަނީ ބޮޑެތި ގޮންޖެހުން ތަކަކާއި ކުރިމަތިވެފައި ކަމަށެވެ. މިހެންކަމުން ރައްޔިތުންނަށް ފައިސާގެ ގޮތުން ދިމާވެފައިވާ ދަތިތަކާއި އަދި އިގުތިސާދުގެ ތެރޭގައި ދައުރުވާ ފައިސާ އިތުރު ކުރުމުގެ ގޮތުން 18 އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށް 10,000 ހޮންކޮންގް ޑޮލަރު ދިނުމަށް ނިންމައިފައި ވާކަމަށެވެ.

މިފައިސާ ރައްޔިތުންނަށް ދިނުމަށް ހަމަޖެހިފައިވަނީ ކޯވިޑް-19 އަދި މުޒާހަރާތަކުގެ ސަބަބުން ހޮންކޮންގެ އިގުތިސާދަށް ކުރާ އަސަރު ކުޑަކުރުމަށް އެކުލަވާލައިފައިވާ 120 ބިލިއަން ހޮންކޮންގް ޑޮލަރުގެ ރިލީފް ޕެކޭޖުގެ ތެރެއިންނެވެ.

މި ރިލީފް ޕެކޭޖުގެ ދަށުން މުސާރައިން ނަގާ ޓެކުސް ކުޑަކުރަން ނިންމައިފައި ވާއިރު އެންމެ ދަށުން އާމުދަނީ ލިބޭ ފަރާތްތަކުގެ ތެރެއިން ކުއްޔަށް އުޅޭ ފަރާތްތަކަށް އެއްމަހުގެ ކުލިވެސް ހޮންކޮންގް ސަރުކާރުން ދައްކައިދޭނެއެވެ.

ކޯވިޑް-19 އާއި ގުޅިގެން ހޮންކޮންގް އިން މީގެ ކުރިންވެސްވަނީ ބައެއް ދާއިރާތަކުގެ ވިޔަފާރިތަކަށްވެސް އެހީވާނެކަން އިއުލާން ކޮށްފައެވެ. މިގޮތުން ރެސްޓޯރެންޓުތަކަށާއި ދަތުރުފަތުރު ކުރުމުގެ ހިދުމަތްދޭ ފަރާތްތަކަށް އެހީވުމަށް ނިންމައިފައި ވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ