ކުޑަހުވަދޫގައި އަލަށް އިމާރާތް ކުރާ ހޮސްޕިޓަލްގެ ކުރެހުން- ފޮޓޯ: ހެލްތު މިނިސްޓްރީ

ސަރުކާރުން އަަލަށް އަޅާ ދެ ހޮސްޕިޓަލެއް އިފްތިތާހުކޮށްފި

ސަރުކާރުން އަލަށް އަޅަން ނިންމާފައިވާ ދެ ހޮސްޕިޓަލަކާއި، ހޮސްޕިޓަލަކަށް އިތުރުކުރާ އިމާރާތެއް އިފްތިތާހުކޮށްފިއެވެ.

ސަރުކާރުން މިއަދު އިފްތިތާހްކޮށްފައިވަނީ ހއ. ދިއްދޫ އަދި ދ.ކުޑަހުވަދޫ އަލަށް އަޅާ ހޮސްޕިޓަލުގެ އިތުރުން ބ. އޭދަފުށީގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް އިތުރުކުރާ އިމާރާތެވެ. ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ހެލްތު ފެސިލިޓީސްތަކުގެ ކުރެހުން ދައްކާލައި، ޕްލޭން އިފްތިތާހްކޮށްދެއްވީ ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީންއެވެ.

އޭދަފުށީގައި އަލަށް އިމާރާތް ކުރާ ހޮސްޕިޓަލްގެ ކުރެހުން- ފޮޓޯ: ހެލްތު މިނިސްޓްރީ

ހެލްތު މިނިސްޓްރީން ވިދާޅުވީ، ޞިއްޙީ ޚިދުމަތް ދިނުމުގައި ދިމާވާ ގިނަ ގޮންޖެހުންތައް ހައްލުކުރުމާއި އެފަދަ މައްސަލަތައް ދެނެގަނެ އެކަންކަމަށް ދާއިމީ ހައްލު ހޯދައިދިނުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށާއި، އަތޮޅުތަކަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ މިހާރު ޚިދުމަތް ދިނުމަށް ބޭނުން ކުރަމުން ގެންދާ އިމާރާތްތަކުގެ ޖާގައިގެ ދަތިކަން ކަމަށެވެ.

"މިދެންނެވި އިމާރާތްތަކަކީ ބަލިމީހުންނަށް ޞިއްޙީ ފަރުވާ ދިނުމަށް އެންމެ އެކަށިގެންވާ އިމާރާތްތަކެއް ނޫންކަން ފާހަގަކުރެވޭ. ނަތީޖާއެއްގެ ގޮތުން ޚިދުމަތް ދޭ ފަރާތްތަކާއި އަދި ޚިދުމަތް ހޯދާ ފަރާތްތަކަށް ވަނީ ބޮޑެތި ދަތިތަކާއި ކުރިމަތިލާން ޖެހިފައި." ހެލްތު މިނިސްޓްރީން ވިދާޅުވިއެވެ.

އޭދަފުށީގައި އަލަށް އިމާރާތް ކުރާ ހޮސްޕިޓަލްގެ ކުރެހުން- ފޮޓޯ: ހެލްތު މިނިސްޓްރީ

އަތޮޅުތަކުން ދެވޭ ޞިއްޙީ ޚިދުމަތްތައް ފުޅާ ކުރުމުގެ ގޮތުން މުޅިން އަލަށް ފަށަން ބޭނުންވާ ޑައިލިސިސް، ފިޒިއޮތެރަޕީ ފަދަ މުހިންމު ޚިދުމަތްތައް ފެށޭގޮތް ވެފައި ނުވަނީ، އެކަންކަމަށް ބޭނުންވާ ޖާގަ ނެތުމުގެ ސަބަބުން ކަމަށާއި، ގިނަ ހޮސްޕިޓަލްތަކަށް ޑޮކްޓަރުން ބޭނުންވާ މިންވަރަށް ލިބުނު ކަމުގައި ވިޔަސް އެ ޑޮކްޓަރުންނަށް، ޙިދުމަތް ދިނުމަށް ބޭނުންވާ މިންވަރަށް ކޮންސަލްޓޭޝަން ރޫމްތައް ނެތުމުގެ ސަބަބުން އޯޕީޑީގެ ޚިދުމަތްތަކަށް ވެސް ބޮޑެތިޑު ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވިއެވެ.

ދިއްދޫގައި އަލަށް އިމާރާތް ކުރާ ހޮސްޕިޓަލްގެ ކުރެހުން- ފޮޓޯ: ހެލްތު މިނިސްޓްރީ

"މިދެންނެވި މައްސަލަތަކަށް ދާއިމީ ހައްލު ހޯދުމަށް އަދުގެ ސަރުކާރުންވަނީ ފަހުގެ ޒަމާނީ ވަސީލަތްތައް ބޭނުން ކުރެވޭނެފަދަ ފަހުގެ އައު ހޮސްޕިޓަލްތަކެއް ޑިޒައިންކޮށް އެފަދަ ހޮސްޕިޓަލްތަކެއް އެޅުމަށް ނިންމާފައި. އެގޮތުން މިހާރު މުޅިން އަލަށް ގާއިމް ކުރުމަށްޓަކައި ނިންމާފައިވާ ހޮސްޕިޓަލުތަކުގެ ގޮތުގައި ހއ. އަތޮޅު ހޮސްޕިޓަލް ، ބ. އަތޮޅު ހޮސްޕިޓަލް އަދި ދ. ކުޑަހުވަދޫ ހޮސްޕިޓަލް ހިމެނިގެންދާ ކަމީ މި ދެންނެވި ތިން އަތޮޅުގެ ރައްޔިތުންނަށް މިއަދު ލިބިގެންދާނެ ވަރަށް ވެސް އުފާވެރި ހަބަރެއް." ހެލްތު މިނިސްޓްރީން ވިދާޅުވިއެވެ.

މި ތިން ހޮސްޕިޓަލްވެސް ފަރުމާކޮށްފައިވަނީ ޒަމާނާއި އެއްގޮތަށް ޖުމްލަ 55 އެނދުގެ ހޮސްޕިޓަލްތަކެއްގެ ގޮތުގައި ކަމަށާއި، މި ހޮސްޕިޓަލްތައް ޤާއިމްކޮށް ނިމޭއިރު އެ ތަންތާގައި ޖުމްލަ 19 އޯޕީޑީ ކޮންސަލްޓޭޝަން ރޫމާއި، 6 ޕްރައިވެޓްރޫމްގެ އިތުރުން 3 އެނދުގެ އެންއައިސީޔޫ، 3 އެނދުގެ އައިސީޔޫ، 2 އޮޕަރޭޝަން ތިއޭޓަރ އަދި 12 އެނދުގެ 8 ވޯޑު ހިމެނިގެންދާނެ ކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވިއެވެ.

ކުޑަހުވަދޫގައި އަލަށް އިމާރާތް ކުރާ ހޮސްޕިޓަލްގެ ކުރެހުން- ފޮޓޯ: ހެލްތު މިނިސްޓްރީ

ހެލްތު މިނިސްޓްރީން ވިދާޅުވީ، މީގެ އިތުރުންވެސް ޑައިގްނޯސްޓިކް ޚިދުމަތް ދިނުމަށް ބޭނުންވާ ތަހުލީލުތައް ހެދުމަށްޓަކައި ޖާގަ ތަނަވަސް ލެބޯރެޓަރީ، އެކްސްރޭ ރޫމް އަދި އަލްޓަރާ ސައުންޑް ސްކޭން ހެދުމަށް ބޭނުންވާ ޖާގަތައް އަލަށް އިމާރާތްކުރާ ހޮސްޕިޓަލްތަކުގައި ހިމެނިގެންދާނެ ކަމަށެވެ.

"ހަމަ އެއާއި އެކު ޚިދުމަތް ހޯއްދަވަން ވަޑައިގަންނަވާ ބޭފުޅުންނަށް ހޮސްޕިޓަލްގައި ހޭދަވާ ވަގުތު ތަކުގައި ހޮސްޕިޓަލްއަކީ ހިތްފަސޭހަ މާހައުލެއްގެ ގޮތުގައި ވެގެންދާނެ. އެގޮތުން ހޮސްޕިޓަލްތަކުގެ ޕްރިއިވެޓް ރޫމްތަކާއި ވެއިޓިންގް އޭރިއާތައް ފަރުމާ ކުރެވިފައިވާނީ މިދެންނެވި މަގްސަދުތައް ހާސިލްވާނޭހެން." ހެލްތު މިނިސްޓްރީން ވިދާޅުވިއެވެ.

އޭދަފުށީގައި އަލަށް އިމާރާތް ކުރާ ހޮސްޕިޓަލްގެ ކުރެހުން- ފޮޓޯ: ހެލްތު މިނިސްޓްރީ

މިއަދު އިފްތިތާހްކުރި މި މަސައްކަތުގެ ހެޔޮ ނަތީޖާ ކައިރި މުސްތަގުބަލެއްގައި ފެނިގެންދާނެ ކަމުގައި ދެކޭ ކަމަށާއި، މިކަމުގެ ސަބަބުން ހއ. އަތޮޅު، ބ. އަތޮޅު އަދި ދ. އަތޮޅުގެ އިތުރުން އެ އަތޮޅުތަކާއި ކައިރި އަތޮޅުތަކުން ޞިއްޙީ ޚިދުމަތް ހޯއްދަވާ ފަރާތްތަކަށް ވެސް މިކަމުގެ ލުއިފަސޭހަކަން ލިބި މިހާރަށްވުރެ ބޮޑުތަނުން ކުރިއަރައި، ދެވޭ ޚިދުމަތްތަކަށް ރައްޔިތުންގެ އިތުބާރު ލިބިގެންދާނެކަމަށް ދެކޭކަމަށްވެސް ހެލްތު މިނިސްޓްރީން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ