ފުލުހުންގެ ސްޕެޝިއަލް ކޮންސްޓެބުލަރީ ކޮންސްޓަބަލްގެ ވަޒީފާއަށް އެދި ފޯމް ހުށަހެޅުމުގެ ފުރުޞަތު މި މާރިޗު މަހުގެ 2 ވަނަ ދުވަހުން ފެށިގެން އާންމުކޮށް ހުޅުވާލައި ގެޒެޓުކޮށްފިއެވެ.
އެއިޢުލާންގައި ވާގޮތުން މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތަކަކީ ގްރޭޑް 10 ނިންމާފައިވާ ފަރާތަކަށް ވާންޖެހެއެވެ. ހަމައެއާއެކު މީލާދީގޮތުން 18 އަހަރާއި 30 އަހަރާ ދެމެދުގެ މީހަކަށްވުމާއި، ފިރިހެނެއްނަމަ އިސްކޮޅު ފަސް ފޫޓު ތިން އިންޗި އަދި އަންހެނެއްނަމަ އިސްކޮޅު ފަސް ފޫޓަށްވުރެ ކުރުނުވުމާއި ވަޒީފާއަށް ކުރިމަތިލާ ފަރާތަކީ އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން، ނުވަތަ ވައްކަން، ޓެކުން، މަކަރާއި ޙީލަތް، މަސްތުވާތަކެތި ބޭނުންކުރުން، ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރިކުރުން، އަދި ޚިޔާނާތް ފަދަ ކުށެއް ކުރިކަން ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން ހިމެނެއެވެ.
މީގެ އިތުރުން ވަޒީފާއަށް ކުރިމަތިލާ ފަރާތަކީ ވޭތުވެދިޔަ ފަސް އަހަރުދުވަހުގެ ތެރޭގައި، މަނާކުރެވިފައިވާ މަސްތުވާ އެއްޗަކުން އެކަހެރިވުމަށް ފަރުވާހޯދާފައިވާ ފަރާތަކަށް ނުވުމާއި ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ އެއްވެސް ސިޔާސީ ޕާޓީއެއްގެ ރަޖިސްޓަރީގައިވާ މީހަކު ކަމުގައިވާ މީހެއްނަމަ، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާ ހަމަޖެހުމުން އެ ޕާޓީއެއްގެ ރަޖިސްޓްރީ އިން އުނިވާން ޖެހޭނެވެ. އަދި ސްޕެޝިއަލް ކޮންސްޓެބުލަރީ ފުލުހުންގެ ތަމްރީން ފުރިހަމަކުރެވޭ ފަދަ ދުޅަހެޔޮ ސިއްހަތެއްގައި ހުރި މީހެއްކަމުގައި ވާންޖެހޭނެކަމަށްވެސް ވެއެވެ.
ފުލުހުން ވިދާޅުވީ މިވަޒީފާއަށް މީހުން ހޮވުމުގައި ބެލެވޭނެ ކަންކަމުގެ ތެރޭގައި މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ހަށިހެޔޮކަން ދެނެގަތުމަށްދެވޭ ފިޒިކަލް ފިޓްނަސް އާއި ފެތުމުގެ ޓެސްޓުން ފާސްވުމުގެ އިތުރުން މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް ދެވޭ މެޑިކަލް އެގްޒަމިނޭޝަނާއި ކުރެވޭ އިންޓަވިއުއާއި ބެކްގްރައުންޑް އެސެސްމަންޓުން ފާސްވާންޖެހޭނެކަމަށެވެ.
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުން ފޯމު ހުށަހަޅާނީ 2020 މެއި 31 ވަނަ ދުވަހުގެ 16:00 ގެ ކުރިން ޝަހީދު ޙުސައިން އާދަމް ބިލްޑިންގގެ ރިޝެޕްޝަނަށެވެ.