ހަމަލޮލުން މާލެ ދެކެފައިވާ ކޮންމެ ފަރުދަކަށްވެސް އެނގޭނޭ ފަދައިން ދިވެހިރާއްޖޭގެ ވެރިރަށް މާލެއަކީ އެއްގަމު ދުއްވާ އުޅަނދުން ފުރި، ތޮއްޖެހިފައިވާ ކާރޫ ބާރު ބޮޑު ސިޓީއެކެވެ. މީގެ އަހަރުތަކެއް ކުރިން ތަރައްޤީ ކޮށްފައިވާ މާލޭގެ މަގުތަކަށް ނުކަތާވަރަށް އެއްގަމު އުޅަނދު އެ ރަށުގައި ދުއްވާއިރު މަގުތަކުގެ ދެފަރާތަކީ ވެހިކަލްތަކަށް އުމުރަށް ހިލޭ ދީފައިވާ ޖާގަތަކެކެވެ.
މާލޭގެ މިދެންނެވި ކާރޫބާރު ބޮޑު މަގުތަކުގެ ދެފަރާތަކީ ޕާކް ކުރަން ޚާއްޞަ ތަންތަނަށް ވެފައިވާއިރުވެސް ޕާކް ކޮށްލާނެ ޖާގައެއް ހޯދުމަކީ ދަތިކަމެކެވެ. މަގުތަކުގައި ޕާކް ކޮށްފައިވާ އެތައް ހާއް ވެހިކަލްތަކުގެ ތެރޭގައި ބޭނުންނުކޮށް ކުންޏަށް ދޫކޮށްލާފައިވާ ކާރާއި، ޕިކަޕާއި، ސައިކަލްތައްވެސް މަދެއް ނޫނެވެ. ވީރާނާވެގެން ދާތަން ފެންނަ ވެހިކަލްތަކުން އެކަމަށް ހެކިދެއެވެ.
ޕާކް ކުރުމުގެ މައްސަލަ މިހާ ބޮޑުވެފައި ވަނިކޮށް މި ހަފްތާގައި މާލޭ ސިޓީ ކައުންސިލުން ވިދާޅުވެފައިވަނީ، މުސްތަޤްބަލުގައި މާލޭގައި ޕާކް ކުރުމަށް ޚާއްޞަ ބޮޑެތި ޕާކިންގ ޒޯންތަކެއް ތަރައްޤީ ކުރެއްވުމަށްފަހު މަގުތަކުގައި ޕާކް ކުރުން ދޫކޮށްލަން އަދި ޕާކް ކުރުމަކީ ފީ ނަގާ ކަމަށް ބަދަލުކުރަން މަސައްކަތް ކުރައްވާ ކަމަށެވެ. މާލޭ ސިޓީ ކައުންސިލްގެ އެ ނިންމުމަށް އެއްބަޔަކު މަރުޚަބާ ކީއިރު، އަނެއް ބަޔަކު ދަނީ ހިތްހަމަ ނުޖެހުން ފާޅުކުރަމުންނެވެ.
ފީ ނަގައިގެން ޕާކް ކުރުމުގެ ވިސްނުން ނެރުމާއެކު އުފެދިފައިވާ ޚިޔާލު ތަފާތުވުމުގެ ތެރޭގައި މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ ޝަމާއު ޝަރީފް މިވަނީ އަނެއްކާވެސް ސީޓީ ކައުންސިލްގެ ވިސްނުން ދިފާއުކުރައްވާފައެވެ.
ޝަމާއު ވިދާޅުވީ، ކަމެއް ތަންފީޒު ކުރުމުގެ ކުރިން އެތައް ބައިވަރު މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށާއި، މާލެ ހިތްފަސޭހަ ރަށަކަށް ހެދޭނީ ބަދަލުތަކެއް ގެނެސްގެން ކަމަށެވެ.
"ރުޅި އަޔަސް ނަޔަސް، މާލެ މުޅި ރައްޔިތުންނަށް ހިތްފަސޭހަ ތަނަކަށް ހެދޭނީ ބަދަލުތަކެއް ގެނެސްގެން." ޝަމާއު ވިދާޅުވިއެވެ.
ވެހިކަލް ގެނެސް މަގުމައްޗަށް ދޫކޮށްލާފަ ހުންނަލެއް މަދު ނޫން ކަމަށް ވިދާޅުވެ، ޝަމާއު ވަނީ މަގުމަތިން ޖާގަ މުޅި އުމުރަށް މިލްކު ކުރެވެން ޖެހޭތޯ ސުވާލު އުފައްދާފައެވެ.
"ވެހިކަލް ގެނެސް މަގުމައްޗަށް ދޫކޮށްލާފަ ހުންނަލެއް މަދެއް ނޫން. މަގުމަތިން ޖާގަ މުޅި އުމުރަށް މިލްކު ކުރެވެން ޖެހޭތޯ؟" ޝަމާއު ސުވާލު އުފައްދާ ވިދާޅުވިއެވެ.
ދޮޅު ލައްކައެއްހާ ރައްޔިތުން ދިރިއުޅެމުން އަންނަ މާލޭގެ މަގުތަކުގެ ޖުމްލަ ބޮޑުމިނުގައި 390000 ސްކެއަރ މީޓަރު ހުންނައިރު އޭގެ ތެރެއިން 163749 ސްކެއަރ މީޓަރަކީ ވެހިކަލް ޕާކްކުރާ ސަރަހައްދުތަކެވެ. މަގުތަކުގެ 41.00 އިންސައްތައިގައި ވެހިކަލް ޕާކް ކުރާއިރު ވެހިކަލްތައް ދުއްވައި ހިންގަން އޮންނަނީ މަގުތަކުގެ 58.01 އިންސައްތަ ސަރަހައްދެވެ.
ދިވެހިރާއްޖޭގެ ވެރިރަށް މާލޭގެ ޕާކް ކުރުމުގެ މައްސަލަ ހައްލު ކުރުމަށް ކުރީގެ ސަރުކާރުތަކުންވެސް މަސައްކަތް ކޮށްފައިވީ ނަމަވެސް އެއީ ހައްލު ހޯދިފައި ނުވާ ނުހަނު މުހިންމު މައްސަލައެކެވެ. އެ މައްސަލަ ހައްލު ކުރުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް މާލޭ ސިޓީ ކައުންސިލުން ދެކިލައްވައެވެ.
މާލޭއަށަ އެތެރެކުރާހާ ވެހިކަލްތަކަށް އުމުރަށް ހިލޭ މަގުމަތިން ބިން ދޭންޖެހޭ ކަމާމެދުގައިވެސް ގޮތެއް ނިންމަވާނީ ރައްޔިތުންނެވެ. ރައްޔިތުންގެ މަންދޫބުންނެވެ. ޚިޔާލު ފާޅު ކުރުމަކީ މުހިންމު ކަމެއްމެއެވެ.




