މާލޭ ސިޓީ ކައުންސިލުގެ އެއްގޮނޑިއާއި މާލޭ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ 10 ގޮނޑި އެމްޑީޕީއަށް ކަށަވަރުވެއްޖެއެވެ.
މާލޭ ސިޓީ ކައުންސިލުން އެމްޑީޕީއަށް އިންތިހާބަކާއި ނުލައި ލިބިފައިވަނީ، މާލޭ ސިޓީ ކައުންސިލުގެ ގަލޮޅު އުތުރު ދާއިރާގެ ގޮނޑިއެވެ. މި ގޮނޑި އެމްޑީޕީއަށް ލިބިފައިވަނީ ގަލޮޅު އުތުރު ދާއިރާއަށް އެމްޑީޕީގެ ކެންޑިޑޭޓު މުހައްމަދު ސާއިފް ފާތިޙް ފިޔަވައި އެހެން އެއްވެސް ފަރާތަކުން ކުރިމަތިލައްވާފައި ނުވާތީއެެވެ.
މީގެ އިތުރުން، މާލޭ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ 10 ގޮނޑި އެމްޑީޕީއަށް ލިބިފައިވަނީ އެމްޑީޕީގެ ކެންޑިޑޭޓުން ފިޔަވައި އިތުރު އެއްވެސް ފަރާތަކުން މި ގޮނޑިތަކަށް ވާދަ ނުކުރައްވާތީއެވެ.
މިއަންނަ މަހުގެ ހަތަރުވަނަ ދުވަހު މުޅި ރާއްޖޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް ތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުގެ ކެނޑިޑޭޓުންގެ ގުރުއަތުލުން މިއަދުވަނީ އަތޮޅުތެރޭ ރައްތަކުގައި ކުރިއަށް ގެންގޮސްފައެވެ.
ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިޚާބުގައި މާލެ ސިޓީއަށް ކުރިމަތިލައްވާފައިވާ ކެނޑިޑޭޓުންގެ ގުރުއަތުލުން ކުރިއަށް ގެންގޮސްފައިވަނީ މިރެއެވެ.
ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބަކާއި ނުލައި އެންމެ ގިނަ ގޮނޑި މިހާތަނަށް ކާމިޔާބު ކޮށްފައިވަނީ އެމްޑީޕީއިންނެވެ.




