ޗައިނާގެ ރައީސް ޝީ ޖިންޕިން ވޫހާން ސިޓީއަށް މިއަދު ޒިޔާރަތް ކުރައްވައިފިއެވެ.
މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 އެންމެ ފުރަތަމަ ފެނުނު އަދި މިބަލި އެންމެ ގިނަ މީހުންނަށް ޖެހި އެންމެ ގިނަ މީހުން މަރުވި ވޫހާން ސިޓީއަށް ރައީސް ޝީ ޖިންޕިން ޒިޔާރަތް ކޮށްފައި މިވަނީ ކޮވިޑް-19 އައުޓްބުރޭކް ވީފަހުން ފުރަތަމަ ފަހަރަށެވެ.
ޝީ ޖިންޕިން ވޫހާން ސިޓީއަށް ޒިޔާރަތްކޮށް އެ ސިޓީގެ ބައެއް ހޮސްޕިޓަލުތަކަށް ޒިޔާރަތްކޮށްވަނީ ޑޮކްޓަރުންނާއި އަދި ކޮވިޑް-19 ޖެހިފައިވާ ފަރާތްތަކާއި ބައްދަލު ކޮށްފައި އެމީހުންގެ ހާލުއަހުވާލު އޮޅުން ފިލުވައިފައެވެ.
ޗައިނާގެ ދައުލަތުގެ މީޑިއާއިން މިއަދު އާންމު ކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ޝީ ޖިންޕިން ބަލިމީހުންނާއި ބައްދަލު ކޮށްފައިވަނީ ވީޑިއޯ ކޮންފެރެންސް މެދުވެރި ކުރައްވައިގެންނެވެ. އަދި ވޫހާން ސިޓީއަށް ޒިޔާރަތްކުރި އިރު ޝީ ޖިންޕިން ހުންނެވީ މާސްކު އަޅުއްވައިގެނެވެ.
ޗައިނާގައި ކޮވިޑް-19 ފެތުރުން މިހާރުވަނީ ވަރަށް ބޮޑުތަނުން ކޮންޓުރޯލް ކުރެވިފައެވެ. އަދި މިބައްޔާއި ގުޅިގެން ވަގުތީގޮތުން ބޭނުން ކުރުމަށް ތައްޔާރުކުރި ހޮސްޕިޓާތައްވެސްވަނީ އުވާލަން ފަށައިފައެވެ.
ޗައިނާގައި ކޮވިޑް-19 80،000 ވުރެ ގިނަ މީހުންނަށް ޖެހިފައިވާއިރު މިބަލީގައިވަނީ 3،100 އަށްވުރެ ގިނަ މީހުން މަރުވެފައެވެ. މީގެއިތުރުން މި ބަލި ޖެހުނު 60،000 މީހުން ޗައިނާގައި ރަނގަޅު ވެފައިވާއިރު މިހާރު މިބަލި ޖެހިގެން ފަރުވާދެމުންދަނީ 20،000 ހެއްހާ މީހުންނަށެވެ.




