ކޮވިޑް-19 ފެތުރުމަށް މަގުފަހިވާނެ އެއްވެސް ކަމެއް އެމް.ޑީ.ޕީއަކުން ނުކުރާނެ- އަފްޝަން

ރަށްވެހި ފަތިސް ކެންޕޭނުގެ ގިނަ ޢަމަލީ މަސައްކަތް މިހާރު ވާނީ ހުއްޓާލާފައިކަމަށާއި ކޮވިޑް-19 ފެތުރުމަށް މަގުފަހިވާނެ އެއްވެސް ހަރަކާތެއް ނުހިންގާނެކަމަށް ކެމްޕެއިންގެ ތަރުޖަމާނު އަފްޝަން ލަތީފް ވިދާޅުވެއްޖެއެވެ.

މީހުން އެއްވެގެން ބާއްވާ ހުރިހާ އިވެންޓެއް ކެންސަލުކޮށްފައިވާކަން ފާހަގަކުރައްވާ މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އަފްޝަން ވިދާޅުވީ އެމްޑީޕީގެ 90،000 އަށްވުރެން ގިނަ މެމްބަރުންނާ މުއާސަލާތުކުރެވޭނެ ވިއުގައެއް ޤާއިމުކުރެވިފައިވާކަމަށާއި، މި ވިއުގައިގެ ވާސިތާއިން ކޮވިޑް19އަށް ހޭލުންތެރިކުރުމުގެ މަސައްކަތް ބާރަށް ހިނގަމުންދާކަމަށެވެ.

އެގޮތުން ކެންޕޭނަށްށް ބޭނުންވާ މަޢުލޫމާތު އެއްކުރުމާއި، ފޯރުކޮށްދިނުމާއެކު، ހޭލުންތެރިކަމުގެ ޕްރޮގްރާމް މައިގަނޑުގޮތެއްގައި ހިންގަމުންދާނީ ކޯލްސެންޓަރުތައް މެދުވެރިކޮށްކަމަށާއި، ސޯޝަލް މީޑިއާގެ ޒަރިއްޔާއިންވެސް އެ މަސައްކަތް ހިންގަމުންގެންދާނެކަމަށް އަފްޝަން ވިދާޅުވިއެވެ.

މީގެއިތުރުން، މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އަފްޝަން ވިދާޅުވީ އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ޕޯސްޓަރުތައް މިހާރު ތައްޔާރު ކުރެވެމުންދާކަމަށާއި، އެހެންނަމަވެސް ޕޯސްޓަރ ހިއްޕުމުގެ އިވެންޓްތައް ބާއްވާނީ ކޮވިޑް19 ކަމާބެހޭ ޢާންމު ސިއްޙަތުގެ އިރުޝާދާއި، އެންގުމަށް ރިޢާޔަތްކޮށް، ރޯގާގެ ނުރައްކާ ކުޑަވުމުންކަމަށެވެ.

އަދި އޭޕްރީލް 4، 2020 ގެ ތާރީޚަށްވުރެން އިންތިޚާބު ފަސްކުރުމަށް އިލެކްޝަންސް ކޮމިޝަނާ އެއްވެސް މަޝްވަރާއެއްކޮށްފައިނުވާނެމަށާއި، އެ ބާވަތުގެ މަޝްވަރާއެއް ހިންގާނީ އިލެކްޝަންސް ކޮމިޝަނުން އެދިއްޖެނަމަކަން ހާމަކުރައްވާ، އަފްޝަން ވިދާޅުވީ އެމްޑީޕީއިން އަބަދުވެސް ވިސްނާގޮތަކީ އިންތިޚާބެއް އޮތްކަމަށް އިޢުލާންކުރެވިފައިވާނަމަ އެއިންތިޚާބަށް ތައްޔާރުވަމުން ގެންދިއުންކަމަށާއި، އެ އިރެއްގައި ކެމްޕެއިން ކުރެވޭގޮތަކަށް ކެމްޕެއިންގެ ހަރަކާތްތައް ގެންދިއުންކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ