2014 ވަނަ އަހަރު ރިލީޒްކުރި ބޮލީވުޑްގެ ފިލްމް "އެކް ވިލަން" ގެ ބަތަލާގެ ރޯލުން މި ފަހަރު ފެނިގެންދާނީ ކުރިއަރަމުން އަންނަ ތަރި ދީޝާ ޕަޓާނީ ކަން މީގެ ކުޑަދުވަސްކޮޅެއްގެ ކުރިން ޓީމުން ވަނީ ހާމަކޮށްފައެވެ. ހަމައެއާއެކު ދާދިފަހަކުން ޑީޝާ އާއެކު ދެވަނަ ބަތަލާއަކަށް، ސްޓޫޑެންޓް އޮފް ދަ އިޔާއިން ބޮލީވުޑަށް ތަޢާރަފްވި ތަރި "ތާރާ ސުތާރިއާ" ވެސް ފެނިގެންދާނެކަމަށް ދާދިފަހަކުން ވަނީ އިއުލާންކޮށްފައެވެ.
މޯހިތު ސޫރީ ޑައިރެކްޓްކުރާ މި ފިލްމުގެ ބަތަލުންގެ ރޯލުން ފެނިގެންދާނީ ޖޯން އަބްރަހަމް އާއި އަދިތުޔާ ރޯއި ކަޕޫރެވެ.
"އެކް ވިލަން" ގެ ދެވަނަ ބައިގެ ބަތަލާގެ ރޯލަށް ތާރާ ހަމަޖައްސާފައިވާކަން މިހާރު އިއުލާންކޮށްފައިވާއިރު، ފިލްމްގައި ތާރާ ފެނިގެންދާނީ އަދިތުޔާ އާއެކުއެވެ. އަދި ދިޝާ ފެނިގެންދާނީ ޖޯންގެ ލޯބިވެރިޔާގެ ރޯލުންނެވެ.
ބެލެވޭގޮތުގައި ތާރާ މި ފިލްމްގައި މިއުޒިޝަނެއްގެ ރޯލުން ފެނިގެންދާނެއިރު، ތާރާ އަކީ، ކުޑައިރުއްސުރެ މިއުޒީޝަނެއްގެ ތަމްރީނުތައް ހޯދަމުންއައިސްފައިވާ ތަރިއެކެވެ. އެގޮތުން މޯހިތު ނެރެފައިވާ ބަޔާނުގައި މިކަން ފާހަގަކޮށްފައިވާއިރު، އޭނާ ބުނީ، ތާރާ މި ރޯލަށް ވަރަށް ފިޓް ކަމަށެވެ.
"އޭކް ވިލަން" އަކީ 2014 ގައި އުފެއްދި ވަރަށް ކާމިޔާބު ފިލްމެކެވެ. އެ ފިލްމުގެ ތަރިންނަކީ ސިދާރްތު މަލްހޯތުރާ އާއި ޝްރައްދާ ކަޕޫރު އަދި ރިތޭޝް ދޭޝްމުކް އެވެ.
މި ފިލްމް ރިލީޒްކުރާނީ އަންނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ.



